މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލާގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ވަނީ ތަފްސީލީ ގޮތެއްގައި ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވާފައެވެ.
އެބޭފުޅުން ވިދާޅުވީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށެވެ. އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާ ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރި ކަމާއެކު ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައިވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައި ވެސް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ބޭފުޅުން އިތުރަށް ވިދާޅުވީ އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަން ފާހަގަކުރެވޭ ކަމުގައެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަމުގައި ފާހަގަކުރެއްވިއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑުއަތޮޅުގައި ވެސް އިތުރުވަމުންދާ ކަމަށާއި، އެކަމުގައި ހަރަކާތްތެރި ވަމުންދަނީ ޖަލުން މިނިވަން ވެފައިވާ މީހުން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތު ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
އޭގެ އިތުރުން، ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެ މީހުން ފުރަތަމަ ފިހާރައަށްގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށްދަނީ އެ އަގުތައް ހިމަނައިގެން ސައްހަނޫން ސްލިޕް ތައްޔާރުކޮށްގެން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފިހާރައިން ތަކެތި ނެގުމަށްފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެންދިޔަ ސައްހަނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރ ކުރާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިހުރިތޯ ޔަގީންކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
އެބޭފުޅުން ވިދާޅުވީ ޑޮލަރުގެ މުއާމަލާތު ހިންގުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމަށެވެ. އެގޮތުން ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައް ވެސް ހުށަހެޅެމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮލަރުގެ މުއާމަލާތްތަކާ ގުޅުންހުރި 72 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
އަދި ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ތިމާއާއި އަނެކުންވެސް ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން ކާޑުގެ މައުލޫމާތު ހޯދުމަށް ބޭންކުން ނުވަތަ އެހެން އޮފީހަކުންވެސް ނުގުޅާނެކަން ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކާކުކަން ނޭނގި ފައިސާގެ މުއާމަލާތު ނުކުރުމަށާއި ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި ކާޑުގެ މައުލޫމާތު އޮޅުންފިލުވާ ހިސާބުން ދެން އިތުރަށް އެމީހަކާ މުއާމަލާތު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.