ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 12:02
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
ޓްވިޓަރ
މަހުލޫފުގެ ރައްދު
އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއްނޫން – މަހުލޫފް
 
މަހްލޫފް ވިދާޅުވީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށް
 
މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީން އޮތީ ހަނުކަމަށް މަހުލޫފް ވިދާޅުވި
 
ކަންކުރަން ނޭގެންޏާ ޝިއުނާ އިސްތިއުފާ ދެއްވުން މާރަނގަޅުވާނެ ކަމަށް މަހުލޫފް ވިދާޅުވި

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅުއްވާ ބޯޅައެއް ނޫން ކަމަށް ވިދާޅުވެ، ޝިއުނާއަށް ވަރަށް ބޮޑަށް މަހުލޫފް ފާޑުވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލިކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލައިގައި ދައުވާ ކުރަން ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރުނު ކަމަށެވެ. އެކަމަކު މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީން އޮތީ ހަނުކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން  ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށެވެ.

މަހުލޫފަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން ކަމަށާއި ކަންކުރަން ނޭގެންޏާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، މައްސަލަ އަލުން ފޮނުވާލުމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ، މައްސަލަ އޮތީ ޕީޖީ އޮފީހުގައި ކަމަށާއި، އިތުރު ބައެއް ލިޔެކިޔުންތައް ބޭނުންވާތީ، އެތަކެތި ހުށަހެޅުމަށް އެދިފައި ވާކަމަށެވެ. ހަމައެހެންމެ، ކުރިން އިސްލާހު ކުރުމަށް އެ އޮފީހުން އެދުނު ބައެއް ކަންކަން އިސްލާހު ކުރުމަށް ވެސް އެދިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުލޫފް މަގާމުގެ މައްސޫލިއްޔަތުން ދުރުކުރައްވާފައެވެ. އެމްއެމްޕީއާރްސީ މައްސަލާގައި މަހުލޫފް މަގާމުން ދުރުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ލިސްޓެއްގައި މަހުލޫފްގެ ނަން ހިމެނިފައިވާތީ މަގާމުން ދުރުކުރުމަށް ފަހު އަނބުރާ މަސައްކަތަށް ނިކުންނެވީ އެކަން ސާފުވެ މަހުލޫފްގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތްކަން ހާމަވުމުންނެވެ.

މިކަމާ ގުޅޭ ގޮތުން މަހުލޫފް ކުރިން ވިދާޅުވީ އެ ހުރިހާ ކަމަކީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެންމެ އިސްވެރިންނަށް ވެސް އެނގިތިބެ މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މުޅި އެމްއެމްޕީއާރްސީ މައްސަލާގައި ވެސް ޒާތީކޮށް "ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް"ގެ އުސޫލުން ކަންކުރަމުން އަންނަނީ މަގާމުގައި ބަގުޑިބައްދައިގެން ނެތްކަން ނޭނގޭތީ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
25%
75%
0%
0%
ކޮމެންޓް