އައްޑޫ ސިޓީ، މަރަދޫ ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލައެއް ފެންމަތިވުމާއިއެކު ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މިމައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާދިސާ އާންމުގެ ސަމާލުކަމަށް އައިސްފައިވަނީ މިއަންހެން މީހާ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. މި ޕޯސްޓު ކޮށްފައިވަނީ ވެސް ވަރަށް ބިރުން ހުރެ ކަމަށް އެމީހާ ބުނެފައިވެއެވެ.
މިއަންހެން މީހާ ބުނެފައިވަނީ އޭނާގެ މައިންބަފައިންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. މިއަނިޔާތަކުން ސަލާމަތްވުމަށް 2016 ވަނަ އަހަރު ފިލައިގެން މާލެ އައި ކަމަށެވެ. ނަމަވެސް މާލެއަށް އައީ ސީރިއާ އަށް ދާން ކަމަށް ބުނެ އާއިލާ އިން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. މާލެއަށް އައީ ޕާސްޕޯޓު ނުލާ ކަމަށާއި، އޭނާއާ ދެކޮޅަށް އެއްވެސް ހެތްކެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ. އަދި ބައްޕަ އަކީ ނުފޫޒުގަދަ މީހަކަށް ވުމުން، ފެމެލީ ކޯޓުގެ ލިޔުމަކާ އެކު އޭނާ އަނެއްކާ ވެސް ހަވާލުކުރީ އާއިލާއާ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ ރައްޓެހިންނާ ބައްދަލުނުކުރެވޭ ކަމަށާއި، މައިންބަފައިންނާއި ވަކިން އޭނާ އަށް ގެއިން ބޭރަކަށް ނުނިކުމެވޭ ކަމަށެވެ. އަދި އިންޓަނެޓް ބޭނުން ކުރުމާއި ފޯން ބޭނުން ކުރުން ވެސް އޭނާ އަށް މަނާކޮށްފައިވާ ބުނެފައިވެއެވެ.
ޖަލެއްގެ ގޮތުގައި އެޒުވާނާގެ ދިރިއުޅެމުންދާ ގެ ސިފަކޮށްފައިވާއިރު، މުޅި ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ގޭގައި އިލެކްޓްރޯނިކް ތަޅެއް ހަރުކޮށްފައި ހުންނައިރު އެދޮރުގެ ތަޅުދަނޑި އޭނާއަކަށް ނުދެއެވެ. އަދި އެޒުވާނާގެ ވިސްނުން ހުރީ ހަރުކަށި ފިކުރުގައި ކަމަށް އާއިލާއިން ތުހުމަތުކުރާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަން އެޒުވާނާ ވަނީ ދޮގުކޮށްފައެވެ.
މިޒުވާނާގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން އަންނައިރު، އޭނާ މިނިވަންކުރަން ގޮވާލައި ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ.