މަންމަ މަރާލުމަށްފަހު ދެ ހަފްތާ ވަންދެން މަންމަގެ މުޅަ މަސް ކަމުން ދިޔަ ސްޕެއިންގެ ފިރިހެނަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
2019 ވަނަ އަހަރު އަލްބާޓޯ ސަންޗޭޒް ގޯމޭޒް ހައްޔަރުކޮށްފައިވަނީ އޭނާގެ މަންމަ ދިރިއުޅެމުންދިޔަ ގެ ކައިރިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިގެންނެވެ. ހަށިގަނޑުގެ ބައެއް ބައިތައް ހުރީ ޕްލާސްޓިކް ކޮންޓެއިނަރ ތަކުގެ ތެރޭގައެވެ.
2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުލުހުން މެޑްރިޑްގެ އިރުމަތީގައި ހުންނަ ސަންޗޭޒްގެ މަންމަ މަރީއާ ސޮލެޑޭޑް ގޯމޭޒްގެ ގެއަށް ދިޔައީ، މަންމަގެ ސަލާމަތާއި ރައްކާތެރިކަމާމެދު މަންމަގެ ރަހުމަތްތެރިއަކު ކަންބޮޑުވުންފާޅުކޮށް އެކަން ހުށަހެޅުމުންނެވެ.
ޝަރީޢަތުގެ މަޖިލީހުގައި ސަންޗޭޒް އޭނާގެ މިއަމަލުން ދިފާއުވުމުގެ ގޮތުން ބުނީ، މަންމަ މަރާލި ވަގުތު އޭނާ ދިޔައީ ސައިކޮޓިކް އެޕިސޯޑެއް ތަހައްމަލުކުރަމުން ކަމަށެވެ. ސައިކޮޓިކް އެޕިސޯޑަކީ އިންސާނާ ހަމަބުއްދި ފިލައިގެންދިޔުމެވެ. އެހާލަތުގައި ސިކުނޑި އަށް އެކި ކަހަލަ ހަގީގަތާއި ޚިލާފު މަންޒަރުތަކާއި ޚިޔާލުތައް ވެރިކުރުވައެވެ. އަދި އެމީހާ ހުރީ ސިކުނޑި އެވަގުތު އޭނާއަށް އެދައްކުވައިދޭ ހާލަތުގައި ކަމަށް ގަބޫލުކުރެއެވެ.
ސަންޗޭޒްގެ މިދިފާއު ކޯޓުން ގަބޫލުކޮށްފައެއްނުވެއެވެ.
ސަންޗޭޒް އޭނާގެ މަންމަ މަރާލިއިރު އުމުރުން 26 އަހަރެވެ. އޭނާގެ މަންމަ މަރާލިގޮތް ކަމަށް ޝަރީޢަތުގައި ބުނެފައިވަނީ، މަންމައާ ދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި، މަންމަގެ ކަރުގައި ހިފައިގެންނެވެ. މަންމަ މަރާލުމަށްފަހު އެވަރުން ނުވެގެން މަންމަގެ މުޅަ މަސް އޭނާ ދެހަފްތާ ވަންދެން ކޭ ކަމަށާއި މަންމަގެ ހަށިގަނޑުގެ ބައެއް ބައިތައް އޭނާގެ ކުއްތާއަށްވެސް ކާން ދިން ކަމަށް ބުނެފައިވެއެވެ.
ކޯޓުން ވަނީ މަންމަ މަރާލުމުގެ ކުށުގައި ސަންޗޭޒް 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. މީގެއިތުރުން މަންމަގެ ގަބުރަށް އިހުތިރާމްނުކޮށް އަނިޔާދިން ކަމުގެ ކުށުގައި އިތުރު 5 މަސްދުވަހަށް ޖަލަށް ލާން ވަނީ ކޯޓުން ހުކުމްކޮށްފައެވެ.
މިކަމުގެ ބަދަލެއްގެ ގޮތުގައި 73،000 ޑޮލަރު ސަންޗޭޒް އޭނާގެ ބޭބެއަށް ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސްޕެއިންގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޗޭޒް އޭނާގެ މަންމަ އަށް އަނިޔާކުރާ ކަމުގެ މައްސަލަތައް ފުލުހުންނަށް އޭގެކުރިންވެސް ވަނީ ހުށަހެޅިފައެވެ. އެހެންކަމުން ސަންޗޭޒް އޭނާގެ މަންމަ މަރާލައިގެން ހައްޔަރުކުރުމުގެ ކުރިންވެސް، އަވަސްގޮތަކުން މަންމައަށް ރައްކާތެރިކަން ދިނުމުގެ ވަގުތީ އަމުރެއް ވަނީ ނެރެފައިކަމަށް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.