ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 16:13
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން
ރައްޔިތުންގެ މަޖިލިސް
ނަފުރަތު އަމަލު ހިންގުމުގެ ކުށް
"މިއީ ދީން ނައްތާލަން ހުށަހެޅި ބިލެއް ކަމަށް ބުނުމަކީ ދީނީ ގޮތުން ބެލިއަސް ބަލައިގަނެވޭނެ ކަމެއް ނޫން"
އިސްލާހުގެ މަގްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދެމެހެއްޓުން

ނަފްރަތުގެ ބިލަކީ އިސްލާމްދީން ނައްތާލުމަށް ނުވަތަ ޣައިރު ދީންތަކަށް ފުރުސަތުދިނުމުގެ މަގްސަދުގައި ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށް ބުނުމަކީ ދީނީ ގޮތުން ވެސް އަދި ބުއްދީ ގެ ހަމަތަކުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ އެންމެ ގިނަ ބަޔަކު ކުރާ ސުވާލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލު ސްޕޮންސަރ ކުރީ ކީއްވެގެން ތޯ އަހާ ސުވާލު ކަމަށެވެ. އަދި ޖަވާބު ވަރަށް ސާފު ކަމަށާއި، ދަސްވެފައި އޮތީ އިންސާނާގެ ލޭ އެއީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަން ކަމަށެެވެ. އަދި މީހަކު މަރަން ގޮވައިގެން ނުވާނެ ކަމަށާއި މީހަކު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ފަދަ އަމަލެއް ކޮށްގެން ނުވާނެ ކަން ދަސްވެފައިވާ ކަމަށެވެ. ހިސާން ވަނީ މިކަންކަން ހުއްދަ ކުރާނީ ކޮން މުޖްތަމައުއެއްގައިތޯ ސުވާލު އުފައްދަވާފައެވެ.

ހިސާން ވިދާޅުވީ ދައުލަތުގެ ސިފައިގައި މަސައްކަތް ކުރަނީ ތަރުތީބުވެފައިވާ އިޖުރާތުތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި، އެ އިޖުރާތުތަކުގެ ތެރެއިން، ކުށް ކަޑައެޅުމާއި، ކުށްވެރިކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް ކަމަށެވެ. އެ ކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންވާނީ، ނިޒާމް ގެއްލި، ގާނޫނު އަތްމައްޗަށް ނަގައި، މުޅި މުޖްތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެކަމަކަށް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

އަދި އެއްވެސް ދިވެއްސަކަށް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ ކަމަށާއި، އިސްލާމް ދީނަށް ހަޖޫޖެހުން ހުއްދައެއް ނޫން ކަމަށެވެ. އިސްލާމްދީނަށް ފުރައްސާރަ ނުކުރެވޭނެ ކަމަށާއި އިސްލާމްދީނަށް ކުޑައިމީސް ބަހެއް ވެސް ނުބުނެވޭނެ ކަމަށެެވެ.

މި ހަގީގަށް މި ވަނީ ބަޔަކު ގަސްތުގައި އޮޅުވާލަން މަސައްކަތް ކޮށްފައި. ބަޔަކު މިކަން އޮޅުވާލަން މަސައްކަތް ކުރިއަސް މިއީ 2015 ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް. އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ ދަށުން މިހާރުވެސް ޖިނާއީ ކުށެއް. ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި ބަޔާންކޮށްފަ އެބަވޭ މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ފާޑުކިޔާ، އިސްލާމްދީނަށް ތައުހީނުކުރުމަށް ތަގުރީރު ކުރުމަކީ މަނާ ކަމެއް ކަމަށް. އަދި އިސްލާމްދީނަށް ފާޑުކިޔައި އެކިއެކި ލިޔުންތައް ތައްޔާރު ކުރުމާ ބެހުމާ އުފެއްދުމަކީ ވެސް ކުށެއް ކަމަށް.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ އެކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގަނޫނުލް އުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހަކީ ސޯޝަލް މީޑިއާ ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފުރައްސާރައަކަށް ވެދާނޭ ފަދަ އެއްޗެއް ބުނުމަކީ ކުށެއްކަމަށް އެ މާއްދާގައި ހިމެނުން ކަމަށެވެ.

އަދިި ޝަރުއީ އުސޫލްތަކާ އެއްގޮތަށް މެނުވީ ބައެއްކަހަލަ ތުހުމަތު އެއީ މީހެއްގެ މައްޗަށް ކުރެވޭނެ ތުހުމަތުތަކެއް ނޫން ކަމަށް ވިދާޅުވެ ހިސާން ވިދާޅުވީ މިސާލަކަށް ހަމަ ހުރެފައި މީހަކާ ދިމާއަށް އޭނާއަކީ ޒިނޭ ކުރާ މީހެކޭ ނުބުނެވޭނެ ކަމަށެވެ. ހަމަ އެގޮތަށް މުސްލިމަކީ ކާފަރެކޭ ވެސް ނުބުނެވޭނެ ކަމަށެވެ. ވަކި މީހަކަށް ތުހުމަތު ކޮށް އޭނާ އަކީ ކާފަރެއް ކަމަށް، ލާދީނީ މީހެއް ކަމަށް ތުހުމަތުކޮށް އެގޮތަށް ލޭބަލް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އަދި އެއީ މާތްވެެގެންވާ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކޮށްފައިވާ ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.

ސަހީހް އަލްބުޚާރީގައި އައިސްފައިވާ އުސާމާ ބުން ޒައިދުގެ ހާދިސާއަށް ނަޒަރެއް ދެމާތޯ. މާތް ނަބިއްޔާ (ޞ) ހަނގުރާމަކަށް ފޮނުއްވި ސަހާބީން އެ ހަނގުރާމައިގެ ތެރޭއިން އަދުއްވެއް ފަހައި ދުވެވަޑައިގެން. އެމީހާ ޝަހާދަތުގެ ދެކަލިމަ ކީމަވެސް އެ މީހާ ގަތުލު ކޮށްލެވުނު. އުސާމާތުގެފާނަށް ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު އެމީހާ ގަތުލު ކުރީހޭ އޭ އުސާމާއޭ. އެހިނދު އުސާމަތުގެފާނު ވިދާޅުވީ އޭ ﷲ ގެ ރަސޫލާއޭ، އޭނާ ޝަހާދަތްކީ މަރުން ސަލާމަތްވާން ބޭނުންވެގެންނޭ. ދެންވެސް ރަސޫލާ (ޞ) ހަދީޘް ކުރެއްވީ އޭ އުސާމާއޭ ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު އެމީހާ ގަތުލު ކުރީހޭ. އުސާމަތުގެފާނު ވިދާޅުވީ ނަބިއްޔާ އެފަދައިން ތަކުރާރު ކުރައްވަމުން ގެންދެވި ކަމަށް. އަދި ވިދާޅުވީ ރަސޫލާ (ޞ) ހަދީޘް ކުރެއްވި އޭ އޭނާއަކީ ތެދުވެރިއެއްތޯ ބެލުމަށް އޭނާގެ ހިތް ފަޅައިގެން ކަލޭގެފާނު ބެއްލެވީ ތޯއޭ.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވަނީ ރަސޫލު ޒަމާނުގައި ހިނގާފައިވާ މިފަދަ އިތުރު ހާދިސާތަކުގެ ވާހަކަ ވެސް ހިއްސާ ކުރައްވާފައެވެ.

ސަހީހް މުސްލިމްގައިވަނީ ޚާލިދުގެފާނު ވިދާޅުވިކަމަށް، ހިތްތަކުގައި ނުވާތަކެތި ދުލުން ކިޔާއުޅޭ ނަމާދުކުރާ ކިތައް މީހުން އުޅޭހެއްޔޭ. މިގޮތަށް ޚާލިދުގެފާނު ވިދާޅުވުމުން ނަބިއްޔާ ހަދީޘް ކުރައްވަނީ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް މީހުންގެ ހިތްތައް ތޮރުފާ، ބަނޑުތައް ފަޅާކަށް އަމުރުކުރެވިގެނެއް ނުވެއޭ. މި ހަދީޘާ ގުޅިގެން އިމާމް ޝައުކާނީ ވިދާޅުވަނީ ޒިންދީގަކުވިޔަސް މާނަޔަކީ މުރުތައްދުވެފައިވާ މީހެއް ނުވަތަ ލާދީނީއޭ ކިޔަމާތޯ، އޭގެ މީހަކު ވިޔަސް ތައުބާ ފާޅުކޮށްފި ނަމަ އަދި އިސްލާމްކަމުގެ އަމަލު ތަކުން އަމަލު ކޮށްފިނަމަ އޭނާގެ ލޭ ވަނީ ރައްކާތެރިވެގެންނޭ.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ މި ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފި ކަމަށެވެ. އަދި ހުށަހެޅިފައިވާ އިސްލާހަކީ އުސާމަތުގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށާއި މި ބިލު ފަރުމާކުރުމުގައި ހަމަ ޔަގީނުން ވެސް ބަލާފައިވަނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ.

މި ބިލު ފަރުމާކުރުމުގައި ބަޔާން ކުރެވުނު ހަދީޘް ބަސްފުޅުތަކާއި ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށް ވަނީ ރިއާޔަތް ކުރެވިފައި. ބުޚާރީގައި އައިސްފައިވާ ހަދީޘެއްގެ މާނައިގައިވަނީ މޫމިނަކަށް ކާފަރުކަމުގެ ތުހުމަތު ކޮށްފި މީހާ ފަހެ އެމީހަކު އޭނާ ގަތުލުކޮށްފި ފަދައޭ. އެހެން ރިވާޔަތެއްގައިވަނީ މީހަކު އޭނާގެ އަޚާއާއި ދިމާއަށް އެއީ ކާފަރެކޭ ބުނެފިނަމަ ފަހެ އެ ދެމީހުން ކުރެ އެކަކު ކާފަރުކަމުގެ ސިފަތައް ލިބިގަނެއްޖެއޭ. މީގެ މާނައަކީ ކޮބައިތޯ. ބުނެވުނު މީހާ އެއީ ކާފަރަކަށް ނުވާނަމަ، އެބުނި މީހާ ކާފަރަކަށް ވެގެން ދާނެއޭ. އެހެންވީމާ ތިމާ، ލާދީނީ ނޫން މީހަކާ ދިމާއަށް ލާދީނީއޭ ބުނެފިނަމަ ތިމާއަކީ ލާދީނީ މީހަކަށް ނުވެ ހުންނާނެތޯ. މިއީ އަޅުގަނޑުމެން މުސްލިމުން ގާނޫނު ހަދަން ނުޖެހޭ ކަމެއްތޯ. މިފަދަ އިސްލާމީ ވިސްނުންތަކުން ގާނޫނު ހެދުމަށް ހުރަސްއެޅުމަށް ވާހަކަ ދެއްކުން ނޫންތޯ ދީނާ ޚިލާފު ގޮތަކީ.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ މި ބިލުން އުފައްދާ ކުށަކީ ނަފްރަތު އުފެއްދުން ކަމަށާ އެއީ ހަމައެކަނި ދީނާ ގުޅުވައިގެނެއް ނޫން ކަމަށެވެ. އެގޮތުން އެމީހާ އުފަންވި ގައުމަށް، ހަމުގެ ކުލައަށް، ޖިންސަށް ނުވަތަ ނަސްލަށް ބަލައިގެންވިޔަސް މީހަކާމެދު ނަފްރަތު އުފެއްދުން މި ބިލުން މަނާކުރާނެ ކަމަށެވެ. އަދި ވަކި މީހަކީ ކާފަރެއްކަމަށް ބުނުމަކީ އިސްލާމީ މުޖްތަމައުގައި އެމީހަކާ މެދު ނަފްރަތު އުފެދޭނެ ކަމެއް ކަމަށާއި ފާއިތުވި ތަނުގައި އެކަމުގެ ތަޖުރިބާ މިގައުމުން ކޮށްފި ކަމަށެވެ.

މީގެ އިތުރުން މީހެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ އެކަން އިދާރާތަކަށް ހުށަހަޅައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިންސާފު ލިބުމަށް މި ބިލު ހިތްވަރުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ނުރަނގަޅު މަގަކުން މީހަކު ދާނަމަ ނުވަތަ މީހެއްގެ އަގީދާ ބަލިކަށި ވެއްޖެނަމަ އެކަން ފާހަގަކޮށް އެމީހަކަށް ހެޔޮ ނަސޭހަތްދިނުން މި ބިލު މަނާ ނުކުރާ ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

އަދި މުންކަރާތްތަކަށް އަރައިނުގަތުމަށް އާންމުކޮށް ނަސޭހަތް ދިނުމެއް ވެސް މި ބިލު މަނާ ނުކުރާ ކަމަށާއި އެކަންކަން މަނާ ކުރުމަކީ މި ބިލުގެ މަގްސަދެއް ވެސް ނޫން ކަމަށެވެ. ހިސާން ވަނީ އެފަދަ މާނައެއް ދޭހަވާ އިބާރާތެއް ބިލުގައި އޮތްކަމަށް ވާނަމަ ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް އެދިފައެވެ.

މި ބިލު ކަނޑައަޅާ އުސޫލަކީ ވަކި މީހަކީ ލާދީނީ މީހެކޭ އޭނާ މަރަން ޖެހެއޭ ނުބުނާށޭ. ލޭ ހުއްދައޭ ނުބުނާށޭ. އިސްލާމްދީން އެކަމަށް ހުއްދައެއް ނުދެއޭ. އެފަދަ ތުހުމަތުތަކުގެ ސަބަބުން އުފެދޭ ފިތުނަވެރިކަން ހުއްޓުވަން ގާނޫނު އެ ދެމެދަށް ވަނުމަކީ މުޖްތަމައުގެ މަސްލަހަތުގެ ހައްގުގައި މަޖިލީހުން އަޅަންޖެހޭ ފިޔަވަޅެއް. ދައުލަތެއްގެ ހައިސިއްޔަތުން ކޮޅަށް ތެދުވެ ތިބެން ބޭނުންވާ ނަމަ އެ ފިތުނަ ވެރިކަމަށް ޖާގަ ދެވިގެން ނުވާނެ.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން
- ކޮމެންޓް
15 ޖޫން 2021 | އަންގާރަ 22:55
ބޭބެ
ކީރިތި ޤުރުއާނުގެ ތައުބާސޫރަތުގެ 65 ވަނަ އަދި 66 ވަނަ އާޔަތް އޮތް ކަން ޙިޞާނަށް ނޭގުނީ ހެއްޔެވެ؟
15 ޖޫން 2021 | އަންގާރަ 22:43
ބޭބެ
2 ޚާލިދު އިބުނިލް ވަލީދު (ޞައިފުﷲ) އެވިދާޅުވީ ބޭރުފުށުން އިސްލާމްދީޤަބޫލުކޮށް ހިތުގާ ނިފާޤުކަން ފޮރުވާގެން އުޅުނު އަދި އެމީހުންގެ ބޭރުފުށުގެ ޢަމަލަކުން ނުވަތަ ބުނާބަހަކުންވިއަސް ފާޅުގަ ﷲ އާއި ރަސޫލާއަށް ކުޑައިމީސް ބަސްތައް ރައްދުކޮށް ދީނަށް ފުރައްސާރަ ނުކުރާ ބައެއްގެ ވާހަކަ ކަން ޙިޞާނު ހާމަނުކުރީ ހަމަ އޭނަގެ ޢަމަލު ޝައިޠާނާ އޭނައަށް ޒީނަތްތެރި ކޮށްދުނުމުން ނޫންހެއްޠެވެ؟
15 ޖޫން 2021 | އަންގާރަ 22:32
ބޭބެ
1. އުސާމާބިން ޒައިދު ރަޟިޢަﷲ ޢަން ގެ އަތްޕުޅުން ޤަތުލުކޮއްލެވުނު މީހާ ޝަހާދަތުގެ 2 ކަލިމަ ކިއުމަށްފަހު ﷲ އަށާއި އެ އިލާހުގެ ރަސޫލާއަ ހަޖޫ ޖަހާ އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިނުވާކަން ޙިސާނަށް ނޭގުނީ ޙިޞާނުގެ ޢަމަލު ޝައިޠާނާ ޙިޞާނަށް ޒީނަތް ތެރިކޮށްދިނުމުން ކަމަށްވެދާނެ!