ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިމާރާތް މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ.
އެ ބޭންކް ހުޅުވާފައިވާއިރު މިވަގުތު ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދަނީ ދެވަނަ ވަނަ ފަންގިފިލާއިންނެވެ. އަންނަ ހަފްތާއިން ފެށިގެން ގްރައުންޑް ފްލޯ އާއި ތިން ވަނަ ފަންގިފިލާއިން ވެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
މިވަގުތު ބޭންކުން އަސާސީ ބޭންކިންގ ޚިދުމަތްތައް ދެމުންދާއިރު ބޭންކް ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9ން މެންދުރު 12ށެވެ.
އަންނަ ހަފްތާއިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހުރިހާ ޚިދުމަތްތަކެއް މާލެ ބްރާންޗުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ބޭންކުން މަސައްކަތް ފަށާފައިވާއިރު މި ހަފްތާގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ވެސް މާލެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ލިބުނު ގެއްލުމުގެ އަގު 16 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތިން ވަނަ ފަންގިފިލާއަށެވެ. އެގޮތުން އެ ފަންގިފިލާގެ 80 އިންސައްތަ ވަނީ އަނދާފައެވެ. އެގޮތުން އެ ތަނުގައި ބޭނުން ކުރަމުން އައި ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސާމާނުގެ އިތުރުން ގޮނޑިތަކާއި މޭޒުތައް ވެސް ވަނީ އަނދާފައެވެ. ހަތަރު ވަނަ ފަންގިފިލާއަށް ވެސް އަލިފާނުގެ އަސަރުކޮށް 30 އިންސައްތަ ގެއްލުން ވެފައިވެއެވެ.
ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެސްބީއައި އަކީ ގިނަ ބައެއް އިތުބާރު ހޯދާފައިވާ ބޭންކެކެވެ.
މާލީ ކަންކަމުގައި ވެސް އެސްބީއައި އިން ދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އެސްބީއައި އިން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.