ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ފަތުރުވެރިކަން އާރާސްތުކުރާއިރު، ޑޮމެސްޓިކް ޓޫރިޒަމް ތަރައްގީކުރުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނައުޝާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނައުޝާދު ވަނީ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ދައްކާކަމަށާއި މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ރާއްޖޭގެ ޑޮމެސްޓިކް ޓޫރިޒަމެއް ގާއިމުވެފައި ނެތުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޑޮމެސްޓިކް ޓޫރިޒަމް ތަރައްގީވެފައިވާ ގައުމުތަކުގެ ޓޫރިސްޓް އެސްޓަބިލްޝްމެންޓްތައް ބަންދުނުކޮށް ކުރިއަށް ގެންދެވިފައިވާ ކަމަށް ނައުޝާދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ޑޮމެސްޓިކް ޓޫރިޒަމަށް މާބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށާއި ޑޮމެސްޓިކް ޓޫރިޒަމް ތަރައްގީވަމުން އަންނަގޮތް ބެލުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ނައުޝާދު ވިދާޅުވިއެވެ. ނަމަވެސް މާހިރުން ލަފާދޭ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރާނަމަ ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ގޮތަށް ތަރައްގީކުރެވެން ނެތް ކަމަށާއި މިފަހަރު ފަތުރުވެރިކަން ތަރައްގީކުރާއިރު، ޑޮމެސްޓިކް ޓޫރިޒަމް ތަރައްގީކުރުން މުހިންމުކަމަށް ނައުޝާދު ވިދާޅުވިއެވެ.
ނައުޝާދު ވަނީ ރައްޖޭގެ ފަތުރުވެރިކަން ތަރައްގީކުރާއިރު، ދެވަނަ ފަހަރަށް މިކަހަލަ ޝޮކަކަށް ނުދާނެ ގޮތަކަށް ތަރައްގީކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ. އެގޮތުން ގެސްޓް ހައުސްތައް ތަރައްގީކުރާއިރު، ރާއްޖޭގެ ޑޮމެސްޓިކް ޓޫރިޒަމް އާލާކޮށް ތަރައްގީކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ދިވެހިން ރާއްޖޭއިން ބޭރަށް ދަތުރުކުރާ ކުރުން މަދުކޮށް، ބޭރުގައުމުތަކުގައި ކުރާ ހޭދަ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ގޮތްތައް ތައާރަފްކުރުމަށް މަސައްކަތްކުރާ ކަމަށް ނައުޝާދު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، ދެމެހެއްޓެނެވިގޮތެއްގައި އެކަން ކުރަން ހާއްސަ ސަމާލުކަމެއް ދޭކަމަށް ނައުޝާދު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، ރާއްޖޭގެ ރަށު ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިކަމުން ދިވެހިންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް އަންނަނީ ދެމުންނެވެ.