ގެދޮރުވެރިކަމަށް ދޫކުރާ ލޯންތަކުގެ އިންޓްރަސްޓް ރޭޓް ކުޑަކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި، އެގޮތުން ހޯމަ ދުވަހު އިއުލާން ކުރި ލޯނުތަކުގެ އިންޓްރަސްޓް އެހެން ލޯނުތަކާ އަޅާބަލާއިރު ދެ ގުނަ އަށް ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތު ހާމަކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން އެކި ސަބަބުތަކާ ހެދި މާލެ އަންނަން މަޖުބޫރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ބޯހިޔާވަހިކަން ބިނާކުރެވޭނެ ގޮތެއް ނެތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ގެދޮރު ބިނާކުރަން ބޭނުންވާ ރައްޔިތުންނަށް ލޯނު ދޫކުރާ ސްކީމްއެއް އެކުލަވާލީ އެކަމަށް ހައްލު ގެނައުމަށްޓަކާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ގެދޮރު އެޅުމާއި ލޯނު މެދުވެރިކޮށް އެކަން ކުރުމުގައި ބޮޑެތި ތަފާތުތައް އެބަހުރި ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި އިމާރާތްކުރާ ތަންތަނަކީ އެތަނެއްގެ ކޮމާޝަލް އަގު މާލެއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަ ތަންތަން ކަމަށެވެ. އެހެންވީމަ އެ އިމާރާތްކުރަން ހަރަދުކުރާ ފައިސާ އަކީ އަތްފޯރާ ފަށެއްގައި ލިބޭ ލޯނަކަށް ވާން ޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބެންކުތަކުން ދެމުން އަންނަ ލޯނުތަކަކީ ބޮޑު އިންޓްރަސްޓް ރޭޓެއްގައި ދެމުން އަންނަ ލޯނުތަކެއް ކަމަށާއި، އެހެން އެކަން އޮތުމަކީ އަތޮޅުތެރޭގައި ގެދޮރު ބިނާކުރުމަށް ލޯނު ނަގާ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންވީމާ ގެދޮރު އިމާރާތްކުރަން ދޭ ލޯނުތަކަކީ މިހާރަށް ވުރެ މާ ކުޑަ ރޭޓެއްގައި ދޭ ލޯނުތަކަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ފަށާ ސްކީމްގައި ހާއްސަވާ ކަމަކީ މި ލޯންގެ އިންޓްރަސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަކުރެވިފައިވުން ކަމަށެވެ. އަދި އެއީ މިހާރު ދޫކުރަމުން އަންނަ ލޯނުތަކާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި ކުޑަ ރޭޓެއްް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ލޯންތައް ހަތް ލައްކަ ރުފިޔާއާ ހަމައަށް ދޫކުރާނެ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ރަނގަޅު ބޯހިޔާވަހިކަމެއް ބިނާކުރަން ފަސް ލައްކައާއި ހަތް ލައްކާ ދެމެދުގެ އަގެއް އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި އިއުލާންކުރި ލޯން ސްކީމްގެ ތެރެއިން އަތޮޅުތެރޭގައި ގެދޮރުބިނާކުރަން ބެނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަށްރަށަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢު 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މި ލޯން ސްކީމްގެ ތެރެއިން އަތޮޅުތެރޭގައި ދިރިއުޅެން ގެދޮރު ބިނާކުރަން ބޭނުންވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.