ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ވެރިޔާ އަދި 39 އަނބިންނާއި 94 ދަރިންގެ ބައްޕަ ޒިއޯނާ މަރުވެއްޖެއެވެ.
ޒިއޯނާއަކީ އިންޑިއާގެ މިޒޯމާ ސްޓޭޓްގެ ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ ޗާނާ ޕައޯލްގެ ލީޑަރެވެ. މި ސަރަހައްދަކީ 1942 ވަނަ އަހަރު އުފެދުނު ސަރަހައްދެކެވެ. ޒިއޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އާދާބީގެ އިސް މީހާގެ ގޮތުގައި ނޫސްތަކުގެ ފަލަ ސުރުހީއަށް ދާދިފަހުން އަރާފައިވެއެވެ. އެގޮތުން އޭނާގެ 39 އަނބިންނާއި 94 ދަރިން ތިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒިއޯނާ މަރުވެފައިވަނީ އާދީއްތަ ދުވަހުއެވެ. މަރުވި އިރު އުމުރަކީ 76 އަހަރެވެ. މަރުވެފައިވަނީ އައިޒައުލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓްކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އޭނާ އެޑްމިޓްކުރެވުނު އިރު ވެސް ސިއްހީ މައްސަލަތައް ހުރިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ލޭ މައްޗަށް ދިއުމާއި، ހަކުރުބަލީގެ މައްސަލަތައް ހުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާގެ ހާލު ދެރަކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، ބަލިވި ފަހުން އެއްވެސް އެއްޗެއް ނުކެވޭ ކަމާއި، ޖޫން މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހާލުވަރަށް ގޯސްވެގެން ދިޔަ ކަމަށާއި ހޭވެރިކަން ވެސް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި ޑޮކްޓަރުން އެގެއަށް ޒިޔާރަތްކޮށް ބެލުމަށްފަހު ހަށިގަނޑުން ލޭ މަދުވެފައިވާތީ ލޭ ވެސް އަޅާފައިވެއެވެ.
އަދި ހޭވެރިކަން ނެތުމާއެކު ޑޮކްޓަރުން ލަފާދިނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ކަމަށާއި، އައިސީޔޫގައި ފަރުވާދިނުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ. އަދި އާދީއްތަ ދުވަހުގެ މެންދުރު 2:50 ހާއިރު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ އިރުކޮޅެއްގެ ތެރޭގައި މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒިއޯނާ ލީޑަރަކަށް ހުރި ޗާނާ ޕައޮލްގައި ފިރިހެނުންނަށް ބައިވަރު އަނބިން ހޯދެއެވެ. އަދި އެ އަވަށުގައި 400 އާއިލާއެއް ދިރިއުޅެމުން ދެއެވެ.
ޒިއޯނާ މަރުވި އިރު، އޭނާގެ 39 އަނބިންނާއި 94 ދަރިންގެ އިތުރުން 14 ޅީދަރިންނާއި، 33 ކާފަ ދަރިންނާއި މުނިކާފަ ދަރިއެއް ހުރިއެވެ. އޭނާގެ އާއިލާގެ މެންބަރުން ދިރިއުޅެމުން އަންނަނީ 4 ބުރިއަށް ނަގާފައި ހުންނަ އިމާރާތެއްގެ 100 ކޮޓަރިއެއްގައެވެ.
2011 ވަނަ އަހަރު ރިޕްލޭސް ބިލީވް އޯ ނޮޓްގެ އާދަޔާހިލާފު މީހުންގެ ވާހަކައިގެ 11 ވަނައިގައި އޭނާ ވަނީ ހިމެނިފައެވެ.