އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ޚާއްޞަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ދީރާސީ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން އަމިއްލަ ގައުމަށް ޗުއްޓީ ހޭދަކޮށްލުމަށް ދާނެ ކަމަށް ބެލެވޭތީ އެފަދަ ޓީޗަރުންނަށް ޚާއްސަކޮށް ކަމަށެވެ. އެގޮތުން ކޮޗިންއަށް ދަތުރުތައް ބާއްވަން ނިންމާފައިވަނީ މި މަހުގެ 16، 20 އަދި 21 ވަނަ ދުވަހު ކަމަށާއި ޓްރިވެންޑްރަމަށް ދަތުރުތައް އޮންނާނީ މި މަހުގެ 19، 21 އަދި 24 ގައި ކަަމަށެވެ.
ގައުމީ އެއަރލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު މިހާރު ޚިދުމަތްތައް ދެމުންދަނީ އޮންލައިންކޮށެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމީ ކޮވިޑް-19 އާ ގުޅިގެން މިދުވަސްވަރު ދަތުރުފަތުރު މަދުވުމާއި ބަލީގެ ނުރައްކާ އިތުރުވުމުން ކަމަށެވެ. މޯލްޑިވިއަންގެ ޓުވީޓްގައި ވަނީ ޓިކެޓް ނެގުމަށް އީމެއިލް ނުވަތަ ވައިބަރ ކުރުމަށް އެދިފައެވެ.
މިވަގުތު މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުން އަންނަނީ ބަންގްލަދޭޝް އާއި އިންޑިއާއަށެވެ. އެހެންނަމަވެސް ދެކުނު އޭޝިއާ ސަރަޙައްދުން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ސަރަޙައްދުގެ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. މޯލްޑިއަނުން ބުނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ގައުމުތަކަށް އަނބުރާ ދާން ބޭނުންވާ މީހުންނަށާއި ބޭސް ފަރުވާއަށް އިންޑިއާއަށް ދާން އެދޭ މީހުންނަށް އެކުންފުނިން ދަތުރުތައް ބާއްވާނެ ކަމަށެވެ.
މިއީ ކޮވިޑްގެ ސަބަބުން ގައުމީ އެއަރލައިންގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި ދެވަނަ ފަހަރެވެ. މޯލްޑިވިއަންގެ ޓިކެޓް ގަތުމަށް ގިނަ ބަޔަކު ބޭނުންކުރާ ކޯލް ސެންޓަރ ކޮވިޑާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމުން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މި ދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންއިން ދަނީ މިފަދަ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް ފަސޭހައިން، މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިންވަނީ ޓިކެޓް ގަތުމަށް ޚާއްސަ އެޕެއް ވެސް ތަޢާރަފުކޮށްފައެވެ. އެޕް މެދުވެރިކޮށް ޓިކެޓް ގަންނަ މީހުން އިތުރުވަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ގައުމީ އެއަރލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައި އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ވަނީ މެއި މަހުގެ ތެރޭގައި އެދިފައެވެ.
މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކަނޑާލާފައިވީ ނަމަވެސް، އީމެއިލް މެދުވެރިކޮށާއި އެ އެއަރލައިންގެ ވައިބަރ ޕްލެޓްފޯމުން ވެސް ޓިކެޓް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ އެޖެންޓުން މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވައިބަރ ޕްލެޓްފޯމާއި އީމެއިލް މެދުވެރިކޮށް ޓިކެޓް ގަތުމުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އަކުން މެންދުރުފަހު 14:00 އަށް ލިބޭނެކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ދަނީ މާލެ ހިމެނޭހެން ރާއްޖޭގެ 16 އެއަރޕޯޓަކަށް ދަތުރުތައް ބާއްވަމުންނެވެ. މޯލްޑިވިއަނުން ވަނީ އެކުންފުނީގެ 21 ވަނަ އަހަރީ ދުވަސް މެއި މަހުގެ 13 ވަނަ ދުވަހު ފާހަގަކޮށްފައެވެ. 2000 ވަނަ އަހަރު އުފެދުނު އައިލެންޑް އޭވިއޭޝަންގެ ދަށުން އުދުހޭ ފްލައިޓްތަކުގެ ނަން މޯލްޑިވިއަނަށް ބަދަލުކުރީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކުންފުނިން ވަނީ މިި ދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.