މާލޭ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި، ސިފައިން، އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި 40 އަށްވުރެ ގިނަ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި އަމިއްލައަށް ގައިދީއަކު ބޯފަޅާލި ކަމަށް ފުލުހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެންނާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި، ސިފައިން، އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް، ހޮނިހިރު ދުވަހު ކުރިޔަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ، ފުލުހުންނާއި ސިފައިން ހިންގަމުންދާ އެހެނިހެން އޮޕަރޭޝަންތަކާ ގުޅިގެން، ކުރިއަށް ގެންދެވޭ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ.
މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމުގެ އަޑުތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ. އަދި ފުލުހުން ޓީޒަރ ގަން ބޭނުންކުރާ ކަމުގެ އަޑުތައް ވެސް ފެތުރިފައިވެއެވެ.
މިއޮޕަރޭޝަން ނިންމާލުމަށްފަހު ފުލުހުން ބުނީ މާލެ ޖަލާއި މާފުށި ޖަލުގައި ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި ފުލުހުން ބަލާ ފާސްކުރި ގޮޅިތަކުން މާލެ ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވިފައިވާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ގައިދީއަކު އަމިއްލައަށް ސިމެންތި އައްޓެއްގައި ބޮލުން ޖަހާ އަމިއްލަ ނަފުސަށް އަނިޔާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މިއޮޕަރޭޝަންގައި ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވޭ. އޭގެތެރެއިން މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރި ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު ސިމެންތި އައްޓެއްގައި އަމިއްލައަށް ބޮލުން ޖަހާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވޭ.ފުލުހުން
ފުލުހުން ބުނީ މި ތިން ގައިދީން ފިޔަވައި އިތުރު މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން އެކަކީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަރުކަށި ފިކުރުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި އެކަކެވެ. ފުލުހުން ގެންދަނީ މިހަމަލާއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިހާތަނަށް މާލެ ސަރަހައްދުން 25 ތަނެއް ބަލާ ފާސްކޮށް 150އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށް ބަޔާންނަގާފައިވެއެވެ.