ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު މިއަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީއަރަބިއާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް ކަނޑައަޅައިފިއެވެ.
ސައުދީގެ ކަމާބެހޭ ވުޒާރާތަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ކޮވިޑުގެ މި ޙާލަތުގައި ސައުދީން ވަނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭގޮތަށް ނިންމައި، ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ އަދަދަކީ، 60،000 ކަމަށް ކަނޑައަޅާފައެވެ.
އޭގެ އިތުރުން، މި އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނަށްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރުވެސް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މީހުން ހޮވާފައިވަނީ ސައުދީ ސަރުކާރުން އެކުލަވާލި ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިންނެވެ. މަދު މީސްކޮޅަކާއެކު މިދިޔަ އަހަރު ޙައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ކުރީބައިގައި އަޅާފައެވެ. މިސާލެއްގެ ގޮތުން ހައްޖުގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވާ ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުއެވެ. އެގޮތުން ހިލަ އުކުމަށްޓަކައި އަމިއްލަ ހިލަ އެއްކުރުމުގެ ބަދަލުގައި އެފަހަރު ކޮންމެ ހައްޖުވެރިއަކަށް ސްޓެރެލައިޒް ކޮށްފައިވާ ހިލަތަކެއް ވަނީ ދީފައެވެ.
އޭގެ އިތުރުން، ގެފުޅުގެ ވަށައިގެން ޠަވާފް ކުރުމުގައި ވެސް އިޖުތިމާއީ ގައިދުރުކަމާއި، މާސްކް އެޅުން ފަދަ ފިޔަވަޅުތައް ގާތުން ބަލައި ކަށަވަރު ކޮށްފައިވެއެވެ. އަދި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އޭރު ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ތައުރީފު ކޮށްފައެވެ.
މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 10،000 މުސްލިމުންނެވެ.