ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 12:15
ޖުޑީޝަލް ސާވިސް ކޮމިޝަން،
ޖުޑީޝަލް ސާވިސް ކޮމިޝަން،
ރާއްޖެއެމްވީ
ސުލޫކީ ފިޔަވަޅު އެޅުން
ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި
އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ވަދެ ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ވަނީ ކޮށްފައި
އިސްމެޖިސްޓްރޭޓް ލަތީފަށް ވަނީ ނަސޭހަތް ދީފައި
ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައިވޭ

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް ލަތީފުގެ މިއަމަލަކީ، ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި އެގާނޫނުގެ 33 ވަނަ މާއްދާގެ (ށ)އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިގަނޑުގެ 1.7، 1.8، 2.2 އަދި 3.1 ވަނަ ނަންބަރާއި ހިލާފު އަމަލެއް ކަމަށެވެ.

މީގެ އިތުރުން (ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް ލަތީފަށް ނަސޭހަތް ދީފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ވެސް ވަނީ އަންގާފައެވެ.

މި ނިންމުންތައް ނިންމާފައިވަނީ 02 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މިއަހަރުގެ 44 ވަނަ ޖަލްސާގައެވެ.

- ކޮމެންޓް