މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕިއާރްސީ) މެދުވެރުކޮށް ހިންގި ކޮރަޕްޝަންގެ ތަހުގީގުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުޅުފާ މެދު އަބަދުވެސް ކަންކުރަމުން އައީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށް ވިދާޅުވެ މަހުލޫފް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން އިން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުލޫފް މަގާމުގެ މައްސޫލިއްޔަތުން ދުރުކުރައްވާފައެވެ. އެމްއެމްޕީއާރްސީ މައްސަލާގައި މަހުލޫފް މަގާމުން ދުރުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަން ހިމެނިފައިވާތީ މަގާމުން ދުރުކުރުމަށް ފަހު އަނބުރާ މަސައްކަތަށް ނިކުންނެވީ އެކަން ސާފުވެ މަހުލޫފްގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތްކަން ހާމަވުމުންނެވެ.
މިކަންކަމާ ހިންހަމަޖެހިވަޑައިނުގެން ވަރުބަލިވެއްޖެ ކަމަށާއި އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ވިދާޅުވެ މަހުލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މައްސަލަވެސް ބަލަންވީ ކަމަށެވެ. އެކަމަކު ކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް ކަމަށެވެ.
މަހްލޫފް ވިދާޅުވީ އެ ހުރިހާ ކަމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެންމެ އިސްވެރިންނަށް ވެސް އެނގިތިބެ މަސައްކަތްކުރަމުންދަނީ މަގާމުން ދުރުކުރުމަށް ކަމަށެވެ. އޭނާ ވަނީ ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އޭނާގެ ނަން އެކަނިތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ މުޅި އެމްއެމްޕިއާރްސީ މައްސަލާގައި ވެސް ޒާތީކޮށް ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަންކުރަމުން އަންނަނީ މަގާމުގައި ބަގުޑިބައްދައިގެން ނެތްކަން ނޭނގޭތީ ކަމަށް ވެސް ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގަ އަޅުގަނޑާާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއއ ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން، އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން. އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން.މަހުލޫފް
މަހުލޫފް ވިދާޅުވީ ކުރި ތުހުމަތު ވެސް ގޯސް ކަމަށެވެ. އެގޮތުން ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓުދީގެން ކަމަށާއި އޭރު ހުންނެވީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ދައުވާކުރުމުގެ އެއްވެސް ބާރެއް އޭސީސީ އަށް ނޯންނާނެ ކަން ވެސް މަހުލޫފް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް އޭސީސީއަށް އެ ބާރު ނެތްކަން ސާފު ކަމަށާއި، މީގެކުރިން އެ މައްސަލާގައި ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވީ ރިޔާސީ ކޮމިޝަނުން ކަމަށެވެ. މީގެ އިތުރަށް ހެކީގެ ގޮތުގައި ހޯދާފައިވާ ބައެއް ތަކެއްޗަކީ ވެސް ގާނޫނާ ހިލާފަށް ހޯދާފައިވާ ތަކެތި ކަމަށް ވިދާޅުވިއެވެ. އެ ކޯޓުން ވެސް ބަލައިނުގަންނާނެ ކަމަށާއި އެކަމަކު އޭގެ ތަފްސީލް ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.
ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ކަނޑައެޅިގެން ރާއްޖެ އަދި ސްރީލަންކާ ގެ ޤާނޫނާ ހިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކި. އޭގެ ތަފްސީލަށް މިވަގުތު ދާކަށް ނެތިން.މަހްލޫފް
މަހްލޫފް ވިދާޅުވީ ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާ އާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ. އަދި ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ވެސް ވިދާޅުވިއެވެ.
އޭސީސީން މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވި އިރު، އެ ކޮމިޝަން އިން އެންމެ ފުރަތަމަ އާންމު ކުރި ލިސްޓުގައި ނަން ހިމެނިފައިވާތީ މަހުލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 2019ގައެވެ. އޭރުވެސް މަހުލޫފް ވިދާޅުވީ އޭގެ ތެރެއިން އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ ކޮއްކޮއެއްގެ ވިޔަފާރިއަކަށް ހިންގި ސައްހަ މުއާމަލާތެއްގެ ތެރެއިން ޖަމާވި ފައިސާ ކަމަށެވެ. އެ ހުރިހާ ކަމެއް ބެލުމަށް ފަހު އެކަމުގައި މަހުލޫފްގެ އަތެއް ނުވާކަމަށް އޭސީސީން ނިންމުމުން މަހުލޫފް އަނބުރާ މަސައްކަތަށް ނެރެފައިވަނީ އޭގެ ދެ މަސް ފަހުންނެވެ.