Advertisement
ކ. މާލެ
|
11 ޖޫން 2021 | ހުކުރު 07:34
ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލިސް
ހާމަކުރެވެން ހުރި މައުލޫމާތު ފުލުހުން އަންނަނީ ހާމަކުރަމުން، ތަހުގީގީ އިދާރާއަށް ފުރިހަމައަށް ވަގުތުދީ: އަސްލަމް
ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއާ ގުޅިގެން މައުލޫމާތު އާންމުކުރަމުންދަނީ ކޮމިޓީން ނިންމާފައިވާ އުސޫލުގެ ތެރެއިން
މި މައްސަލައަކީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ މައުލޫމާތު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ހުންނާނެކަމަށް އަސްލަމް ވިދާޅުވި
ހުރިހާ ކަމެއް ސާފުކޮށް އެނގޭގޮތަށް ކޮމިޓީން ރިޕޯޓެއް އެކުލަވާލާނެކަމުގެ ޔަގީންކަން އަރުވާކަމަށް އަސްލަމް ވިދާޅުވި

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ތަހުގީގާ ގުޅިގެން ހާމަކުރެވެން ހުރި މައުލޫމާތު ފުލުހުން ހާމަކުރަމުން އަންނަކަމަށާއި ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވުމަށް ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށް ގެންދަމުން އަންނަ 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ކޮމިޓީއެއް އެކުލަވާލުމުގެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. ގަރާރު ހުށަހެޅުއްވުމާއެކު މިގަރާރަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ.

Advertisement

އެގޮތުން ބަހުސްކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން މިކަމުގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން މިކަމުގައި ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ އާ ގުޅިގެން މައުލޫމާތު އާންމުކުރަމުންދަނީ ކޮމިޓީން ނިންމާފައިވާ އުސޫލެއްގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ކޮމިޓީން ދެ ފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި މި މައްސަލައަކީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ މައުލޫމާތު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ހުންނާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ސާފުވުމަށް އެދިވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަން އަޅުގަނޑުމެން ބޭނުންވޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަން. އަދި ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަހުގީގުގެ މައުލޫމާތު އާންމުކުރެވެން އޮންނަނީ އާންމު ކުރެވެން އޮންނަ މިންވަރަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުން އާންމު ކުރެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އާންމުކުރަމުން އެބަދޭ. އާންމުކުރެވެން ނެތް މިންވަރަށް 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުން އެމައުލޫމާތު ދެއްވަމުން ގެންދަވާ. އޭގެތެރޭގައި ގައުމީ މަޖިލީހުގެ ޗެއަރވެސް (ޗެއަރ ޕާސަން ހަސަން ލަތީފް) ހިމެނޭ. މި މައްސަލައަކީ ހައްސާސީ މައްސަލައެއް. މި މައްސަލައަކީ ގައުމީ މައްސަލައެއް.
މުހައްމަދު އަސްލަމް/ 241 ކޮމިޓީގެ މުގައްރިރު

އަސްލަމް ވިދާޅުވީ މިހަމަލާ އަމާޒުވެފައިވަނީ އެމްޑީޕީގެ ރައީސަށް ކަމަށްވީނަމަވެސް މިއީ ގައުމީ މައްސަލައެއް ކަމަށެވެ. އަދި މިއީ މި ގައުމުގެ ނޭޝަނަލް ސެކިޔުރިޓީއާ ވެސް ގުޅިފައިވާ މައްސަލައެއްކަމަށް އަސްލަމް ވިދާޅުވިއެވެ. މި މައްސަލަ ބަލައި މިކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ 241 ކޮމިޓީގެ ފަރާތުން މި މައްސަލަ ކުރިޔަށް މިގެންދަނީ ވެސް ސިއްރު ބައްދަލުވުންތަކުގެ ގޮތުގައި ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރެވެން އޮންނަނީ ވަކި މިންވަރަކަށް ކަމަށެވެ.

އަދި 24 ކޮމިޓީގެ ފަރާތުން މި މައްސަލަ ކުރިޔަށް މިގެންދަނީ ވެސް ސިއްރު ބައްދަލުވުންތަކުގެ ތެރޭގައި އެހެންކަމުން އެ މައުލޫމާތު ހާމަނުކުރެވޭ ވާހަކަ ތަކުރާރުކޮށް ދެކެވޭތީވެ ދަންނަވާލަން ބޭނުންވަނީ މައުލޫމާތުތައް ދެވޭ މިންވަރަކުން މިދަނީ ދެމުންނޭ. އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުމެން މި މައްސަލަ ބަލަމުން ދާނެކަމަށް. އަޅުގަނޑު އިތުރަށް ދަންނަވަން ބޭނުންވަނީ އަޅުގަނޑަށް ސީދާ އަމާޒުވެގެން ގައުމީ މަޖިލީހުގައި ނޫނަސް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް އަޅުގަނޑު ދަންނަވަން ބޭނުންވޭ 241 ކޮމިޓީގައި ސީދާ އެކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އަޅުގަނޑު އިސްނަގައިގެން މި މައްސަލަ ބަލަން ނިންމީ. 6 ވަނަ ދުވަހުގެ ރޭ 241 ކޮމިޓީ ބޭއްވީ ވެސް އަޅުގަނޑު އިސްނަގައިގެން އަދި އިންކުއަރީއެއް ހިންގުމަށްހުށަހެޅީ ވެސް އަޅުގަނޑު. އަދި އަޅުގަނޑުމެން 241 ކޮމިޓީން ނިންމައިގެން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް އިގުރާރުވެ މަސައްކަތް ކުރަމުންދަނީ މިކަން ބެލުމަށްޓަކައި.
މުހައްމަދު އަސްލަމް/ 241 ކޮމިޓީގެ މުގައްރިރު

އަސްލަމް ވިދާޅުވީ އިންކުއަރީގެ ސްކޯޕް އާއި އޮބްޖެކްޓިވްގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކޮމިޓީން ބަލަމުންދާނެ ކަމަށެވެ. މިތަހުގީގުގެ ކަންކަން ދާނީ ގާތުން ބަލަމުން ކަމަށާއި މިކަމާ ގުޅޭގޮތުން ފެންނަން ހުރި ހުރިހާ ކަމެއް ސާފުކޮށް އެނގޭގޮތަށް ކޮމިޓީން ރިޕޯޓެއް އެކުލަވާލާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނަށް އަރުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި އަޅުގަނޑު އެދެން ތަހުގީގީ އިދާރާއަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ، ތަހުގީގީ އިދާރާއަށް ފުރިހަމައަށް ވަގުތު ދެއްވާށޭ. އަދި ހަމަ އެހެންމެ 241 ކޮމިޓީން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ. މިކަން ކުރަމުންދާނަމޭ.
މުހައްމަދު އަސްލަމް/ 241 ކޮމިޓީގެ މުގައްރިރު

241 ކޮމިޓީން މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާކަމަށެވެ. އަދި ކުރިން ވެސް ހަމަޖެހިފައިވާގޮތަށް ކޮމިޓީގެ އިންކުއަރީ ރިޕޯޓް މިމަހުގެ 30ށް ނިންމާލެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުގެ ފަރާތުން އިންކުއަރީއަށް ލިބެންހުރި ހުރިހާ މައުލޫމާތެއް ލިބެމުން އަންނަ ކަމަށާއި އިންކުއަރީއަށް އެއްވެސް ފަރާތަކުން ހުރަސްނާޅާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިންކުއަރީގެ ކަންކަން ކުރިޔަށްދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ކަމަށް އަސްލަމް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމްޑީޕީން ހުސްވި މެއި މަހުގެ 28 ވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދި ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ތިން ބޭފުޅުން ވެސް ވަނީ މި މައްސަލާގައި ސާފުވާންޖެހޭ ކަންކަން ސާފުވަންދެން މިކަން ހިނގަމުންދާ ގޮތް އެމްޑީޕީން ބަލަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ މީގެ ކުރިން ހިނގާފައިވާ މި ފަދަ މައްސަލަތަކުގައި ކަންކަން ހިނގައި ދިޔަ ގޮތަށް މި މައްސަލައިގައި ކަންކަން ދިޔުމަށް އެމްޑީޕީން ދޫކޮށް ނުލާނެކަމަށެވެ.

އެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ މިވަގުތު އެމްޑީޕީން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަނީ ދެ ކަމެއް ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތް އެމްޑީޕީން ގާތުން ބަލަމުން ދިޔުމެވެ. އަނެއްކަމަކީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ. މި ދެ ކަންތަކުގެ އަލީގައި ރައީސް ނަޝީދަށް ހަމަލާދިން މަގްސަދާއި އެކަމުގެ އަޑީގައި ތިބި މީހުންނާއި މިކަމަށް ފައިސާ ޚަރަދު ކުރި މީހުން އެނގިގެންދާނެ ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. މި އިންކުއަރީއަކީ އެމްޑީޕީގެ ލީޑަރ ޝިޕްގެ ލެވެލްގެ ގިނަ މެމްބަރުންތަކެއް ހިމެނިގެން ކުރިޔަށްގެންދާ އިންކުއަރީއަކަށްވާއިރު މިއީ ގަބޫލުކުރެވޭ ފެންވަރުގެ އިންކުއަރީއަކަށް ވެގެންދާނެކަމަށާއި އެކަން ޕާޓީން ކަށަވަރުކުރާނެ ކަމަށް ވެސް މި ބޭފުޅުން ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 8 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. އެ މެންބަރުންނަކީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް، މުގައްރިރުގެ ނައިބު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު، ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ، ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ، ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު، ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް