މި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ޓެކުހުގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު ފާއިތުވި އަހަރުގެ އެމުއްދަތާ އަޅާބަލާއިރު، 283.6 އިންސައްތަ އިތުރުކަމަށް އެއިދާރާއިން ބުނެފިއެވެ.
މީރާއިން ބުނީ މެއި މަހު އެއިދާރާއިން 783.88 މިލިޔަން ރުފިޔާ ބަލައިގަނެފައިވާނެ ކަމަށެވެ. މި އަދަދަކީ ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މެއި މަހު މީރާއިން ބަލައިގަތް ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 496.19 މިލިއަން ރުފިޔާއެވެ. އެއީ ލިބުނު އާމްދަނީގެ 63.3 އިންސައްތައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 52.68 މިލިއަން ރުފިޔާ، 6.7 އިންސައްތަ ހިއްސާކުރާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 33.44 މިލިއަން ރުފިޔާ ހިއްސާކުރަނީ 4.3 އިންސައްތައެވެ.
އޭގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބުނު 32.74 މިލިއަން ރުފިޔާއިން ހިއްސާކުރަނީ 4.2 އިންސައްތައެވެ. އަދި ވޯކްޕަރމިޓް ފީގެ ގޮތުގައި ލިބުނު 29.32 މިލިއަން ރުފިޔާ ހިއްސާކުރަނީ 3.7 އިންސައްތައެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ ހިއްސާކުރަނީ 17.8 އިންސައްތައެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި މެއި މަހު އެއިދާރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 32.79 މިލިއަން ޑޮލަރު ހިމެނެއެވެ.
މީރާއިން މައުލޫމާތުދޭގޮތުގައި ފާއިތުވި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މެއި މަހު މާލެ ލޮކްޑައުންކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި އެމުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިއަހަރުގެ މެއި މަހު އިންކަމް ޓެކްސް، ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލިޕްމެންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުކަން މީރާއިން ފާހަގަކުރެއެވެ.
އޭގެ އިތުރުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާތީ، މެއި މަހަށް އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވިފައިވާކަމަށް މީރާއިން ބުނެއެވެ.