ފޮރިން މިނިސްޓަރ އަދި އދ. ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް (ސްޕެޝަލް އެންވޯއީ) ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ހަމަޖައްސަވައިފިއެވެ. އަދި އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަޤާމަށް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރް ވެސް ވަނީ ހަމަޖައްސަވާފައެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދ. ގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެ މަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ.
މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރްއާ ބުދަ ދުވަހު އދ. ގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.