އައްޑޫގައި ހިންގަމުންދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްޓޫޑެންޓް ލޯނު ނަގާފައިވާ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.
ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލުން ލޯން ނަގާފައިވާ ދަރިވަރުންގެ ލޯންތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސްގެ މި އެންގެވުުމުގެ މަތިން މީގެ ކުރިން ވެސް 96 ދަރިވަރެއްގެ ލޯނު ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި އެ ލޯންތައް ދައްކަން ޖެހެނީ ކިޔަވާ ނިމޭތާ ހަ މަސް ދުވަސް ފަހުންނެވެ. ލޯނުތަކަށް އެއްވެސް އިންޓަރެސްޓެއް ވެސް ނާރާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރު ފަނަރަ ދަރިވަރެއްގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ލޯނު ބަދަލުކުރަނީ ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުންނެވެ.
އޭއޭއޭގެ ދަރިވަރުންގެ ލޯނުތައް މިގޮތަށް ބަދަލުކޮށްފައި މިވަނީ އޭއޭއޭގެ ދަރިވަރުން ކޯސް ނުނިމި ހަތަރު އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވަނިކޮށެވެ. އެތަނުގައި ކިޔަވަމުން އަންނަ 100ށް ވުރެ ގިނަ ދަރިވަރުންގެ ކޯސް ފުރިހަމަ ނުވެފައި ވަނީ އޭއޭއޭގެ އިހުމާލުންނެވެ. އެގޮތުން އެތަނުގައި ބޭނުންކުރާ ބޯޓުތައް ވެސް ހަލާކުވެފައި ހުރި އިރު ދަރިވަރުންނަށް އިމްތިހާނުތައް ނުބާއްވާ މައްސަލައާއި، މި ނޫން ވެސް ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
2009 ވަނަ އަހަރުން ފެށިގެން ހިންގަން ފަށާފައިވާ އޭއޭއޭގެ ކޯސްތަކަކީ މަދުވެގެން 18 މަސްދުވަސްތެރޭގައި ނިމޭނެ ކޯސްތަކެވެ. އެކަމަކު ކޯސްތައް ނުނިމި އަހަރުތައް ފާއިތުވެފައިވާ މައްސަލާގައި ސަރުކާރުން ވަނީ އެތަނުގެ ވެރިންނަށް ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ. މީގެ އިތުރުން ވެސް އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ކިޔަވަން ފަށާފައިވާ ދަރިވަރުންގެ ކޯސް ނިންމޭނެ މަގުފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.