މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ހުސައިން އާމިރާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ކުރިން މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަން ކުރައްވާފައިވާ ހުސައިން އާމިރުއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކޮށްފައިވަނީ, މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ހުސެއިން އާމިރުގެ ދަރިފުޅަކަށް, އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލަކާގުޅިގެން ކުއްޖާއާމެދު ރުޅި އިސްކޮށް އެކުއްޖާއާމެދު އިހާނެތިކޮށް އަމަލުކުރި މައްސަލައެއް ފެންމަތިވުމުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްފަހު, އެ އަމަލު ހުސައިން އާމިރުގެ މައްޗަށް ސާބިތު ވާކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ, މުލީ މެޖިސްޓްރޭޓްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 9ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ޚިލާފު ޢަމަލެއްކަމަށެވެ.
އެހެންކަމުން ސުލޫކީ މައްސަލަ ސާބިތުވުމާގުޅިގެން ޖުޑީޝަލްސާވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ) ގެ 3 ގެ ދަށުން, މުސާރައާއި އިނާޔަތް ނުލިބޭގޮތަށް މެޖިސްޓްރޭޓް ހުސައިން އާމިރު ވަޒީފާގެ މަސައްކަތަށް ނިކުތުން 3 މަސްދުވަހަށް މަނާ ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.