ކ. މާލެ
|
8 ޖޫން 2021 | އަންގާރަ 12:30
އިންޑިއާގެ ފެކްޓްރީތަކުގައި މިފަދަ ހާދިސާތަކަކީ އާންމުކަމެއް
އިންޑިއާގެ ފެކްޓްރީތަކުގައި މިފަދަ ހާދިސާތަކަކީ އާންމުކަމެއް
އޭއެފްޕީ
ފެކްޓްރީއެއްގައި ރޯވެ 15 މީހުން މަރުވުން
އިންޑިއާގެ ސެނިޓައިޒަރ އުފައްދާ ފެކްޓްރީއެއްގައި ރޯވެ 15 މީހުން މަރުވެއްޖެ
ފެކްޓްރީގައި ރޯވެފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 4:15 ހާއިރު
މަރުވެފައި ވަނީ އަލިފާން ރޯވި ގަނޑީގައި ފެކްޓްރީގެ އެތެރޭގައި ތިބި މީހުން
އަލިފާން ރޯވީ އެފްކްޓްރީގައި ހުރި މެޝިނެއް ގޮވުމުން

އިންޑިއާގެ ސެނިޓައިޒަރ އުފައްދާ ފެކްޓްރީއެއްގައި ރޯވެ 15 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އަލިފާން ރޯވެފައި ވަނީ އެގައުމުގެ ޕޫނޭގެ އަވަށެއްގައި ހުރި ފެކްޓްރީއެއްގައެވެ. އަދި އަލިފާން ރޯވީ އެފްކްޓްރީގައި ހުރި މެޝިނެއް ގޮވުމުން ކަމަށް އިންޑިއާ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައިވެއެވެ. ނަމަވެސް އެ މެޝިން ގޮވަން މެދުވެރިވީ ކީއްވެގެންކަން އަދި ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ސެނިޓައިޒަރ ފެކްޓްރީގައި ރޯވެފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 4:15 ހާއިރުއެވެ. އަދި މަރުވެފައި ވަނީ އަލިފާން ރޯވި ގަނޑީގައި ފެކްޓްރީގެ އެތެރޭގައި ތިބި މީހުން ކަމަށާއި އޭގެ އިތުރަށް މިހާދިސާގައި އިތުރު މީހުންނަށް އަނިޔާވެފައިވާކަމަށް ހާމަކޮށްފައެއް ނެތެވެ. ހާދިސާއާ ގުޅިގެން ބަޔަކު ގެއްލިފައިވާކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ފެކްޓްރީތަކުގައި މިފަދަ ހާދިސާތަކަކީ އާންމުކަމަކަށް ވާއިރު، މިފަދަ ހާދިސާތައް ދިމާވަނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމާއި އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް އަމަލުނުކުރެވޭތީ ކަމަށް މާހިރުން ބުނެއެވެ.

ސެނިޓައިޒަރ އުފައްދާ މިފެކްޓްރީގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި އެމީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް