ނައިޖީރިއާގެ ޓެރަރިސްޓް ގުރޫޕެއްކަމަށްވާ ބޯކޯ ހަރާމްގެ ލީޑަރު, އަބޫބަކުރު ޝެކާއު މަރުވެއްޖެ ކަމަށް އެގައުމުގެ އިދިކޮޅު އަސްކަރިއްޔާގެ ގުރޫޕުން ހާމަކޮށްފިއެވެ.
އިދިކޮޅު ހަނގުރާމަވެރި ގުރޫޕުން އާންމުކޮށްފައިވާ އޯޑިއޯ ރިކޯޑިންއެއްގައި ބުނެފައިވަނީ އަބޫބަކުރު ޝެކާއު މަރުވެފައިވަނީ, މިދިޔަ މަހު އެގްރޫޕާއެކު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، އޭނާ އަމިއްލަ ބޮމެއް ގޮއްވާލައިގެންކަމަށެވެ.
"ޝެކާއު އަމިއްލައަށް މަރުވީ، މިދުނިޔޭގައި ފަލީހަތްނުވެ، އާޚިރަތުގައި ފަލީހަތްވާން" އިދިކޮޅުގެ އޯޑިއޯގައި ބުނެފައިވެއެވެ.
މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައިވެސް، ޝެކާއު މަރުވެފައިވާކަމުގެ ޚަބަރުތައް އެކި ފަހަރު މަތިން ފެތުރިފައިވެއެވެ. އެކަމަކު މިފަހަރު ލިބިފައިވާ ޚަބަރު ތެދުކަން ދެ ފަރާތަކުން ޔަގީންކޮށްދީފައިވެއެވެ. އޭގެތެރެއިން އެކަކީ އައި.އެސް.ޑަބްލިއު.އޭ.ޕީ ގެ ލީޑަރު ކަމަށްވާ އަބޫ މުސާބު އަލް ބަރްނަވީ އެވެ. ނައިޖީރިއާގެ އިންޓެލިޖެންސް ރިޕޯރޓަކުންވެސް، އަދި ބޯކޯ ހަރާމްއާ ބެހޭ ގޮތުން ދިރާސާކުރާ ބަޔަކުވެސް ވަނީ، މި ޚަބަރު ތެދުކަމަށް ބުނެފައެވެ.
ޝެކާއުގެ މަރަކީ ގުރޫޕްތަކުގެ މެދުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުން ހުއްޓުމަކަށް އަންނާނެފަދަ ކަމެއްކަމަށް، ސިޔާސީ ފާޑުކިޔުންތެރީން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން އައި.އެސް.ޑަބްލިއު.އޭ.ޕީއާ، މިހާރު ބޯކޯ ހަރާމް ގްރޫޕްގައި ތިބި މީހުނާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތާލާ ނައިޖީރިއާގެ އިރުއުތުރު ސަރައްދުގެ ބާރު ގަދަކުރެވޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ ފަސް އަހަރު ކުރިން އައި.އެސް.ޑަބްލިއު.އޭ.ޕީ އަކީވެސް ބޯކޯ ހަރާމްގެ ބައެކެވެ. ނަމަވެސް ބޯކޯ ހަރާމް އިން އާންމު ރައްޔިތުން މަރާތީ އެކަމާއި ދެކޮޅުހެދުމަށްފަހު، އައި.އެސް.ޑަބްލިއު.އޭ.ޕީން ބޯކޯ ހަރާމްއާއި ވަނީ ވަކިވެފައެވެ.
ބޯކޯ ހަރާމްއިން 2014 ވަނަ އަހަރު ވަނީ ސްކޫލެއްގައި ކިޔަވަމުން ދިޔަ 270 އަށްވުރެ ގިނަ އަންހެންކުދިން ރަހީނުކޮށްފައެވެ. އެއަހަރު މި ޚަބަރުވަނީ އެކި ނޫސްތަކުގެ ފަލަސުރުޚީއަށް އަރާފައެވެ. ރަހީނުކުރި ކުދިން ދޫކުރުމަށްއެދި ވަނީ ބައިނަލްއަގްވާމީ ކެންޕޭނެއްވެސް ކޮށްފައެވެ. އެކަމަކު މިހާތަނަށް ވެސް އޭގެ ތެރެއިން 100 ކުދިން ފެނިފައެއް ނުވެއެވެ. ބައެއް ކުދިން ބަންދުކޮށްފައި ތިއްބާ މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޯކޯ ހަރާމް އިން ވަނީ މިހާތަނަށް 30,000 (ތިރީސްހާސް) އެއްހާ މީހުން މަރާފައެވެ. އަދި 2 މިލިއަން މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް އެހެންތަނަކަށް ދިޔުމަށް މަޖުބޫރުކޮށްފައިވެއެވެ.