އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ވޯޓުގެ ވަގުތު ކުޑަތަން ވެއްޖެއެވެ.
އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަ ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލްއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު ރޮޓޭޝަން އުސޫލުން އޮންނައިރު ކޮންމެ އަހަރަކު ވެސް އިންތިޚާބުކުރަނީ އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.
މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ. މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ. އިންތިޚާބުގެ ކުރިން ކެންޑިޑޭޓުން އެބޭފުޅުންގެ "ވިޝަން ސްޓޭޓްމަންޓް" އދ. ގެ އާންމު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
އިންތިޚާބު އޮންނާނީ ރާއްޖެ ގަޑިން ހޯމަދުވަހުގެ ރޭ 7 ޖަހާއިރުއެެވެ. އދ. ގެ އާންމު މަޖިލީހުގައި މެންބަރު 193 ގައުމުން ބައިވެރިވާ މި ވޯޓުގައި ރައީސަކު ހޮވަނީ ސިއްރު ވޯޓަކުންނެވެ.
އިންތިޚާބުގެ ކެމްޕެއިންގައި ނިއުޔޯކްގައި ހުންނަވައި މިނިސްޓަރ ޝާހިދުވަނީ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މަތީ ފަންތީގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
މި އިންތިޚާބުގައި އިންޑިއާ އާއި ސައުދީން ރާއްޖެއަށް ތާއީދު ކުރާނެ ކަން ވަނީ ހާމަކޮށްފައެވެ.
މިނިސްޓަރ ޝާހިދާ ވާދަ ކުރައްވާ ޑރ. ރަސޫލަކީ 2010 އިން 2013 އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަފްޣާނިސްތާނާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ވަރުގަދަކުރުމަށް ޑރ. ރަސޫލް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ކުރިން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމުގެ އިތުރުން ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ވެސް ޑރ. ރަސޫލް ވަނީ އަދާކުރައްވައިފައެވެ.