ކ. މާލެ
|
7 ޖޫން 2021 | ހޯމަ 00:53
އެޗްއީއޯސީގެ އައު އޮނިގަނޑުކަމަށް ބުނެ އާންމުވެފައިވާ ޗާޓު
އެޗްއީއޯސީގެ އައު އޮނިގަނޑުކަމަށް ބުނެ އާންމުވެފައިވާ ޗާޓު
ރާއްޖެއެމްވީ
ހެލްތް މިނިސްޓްރީ ރިވިއު ރިޕޯޓް
ހައްލަކަށް މިފަހަރުވެސް އައު އޮނިގަނޑެއް - ތާރީޚު އިއާދަވިޔަނުދީ ހިފެހެއްޓޭނެބާ؟
 
ޒިންމާނެގޭ ފެންވަރުގެ ވެރިން ގެނެސްގެން ނޫނީ މިކަމުގައި ހައްލެއް ނެތް
 
ރިވިއު ރިޕޯޓް ނެރެފި، ނަމަވެސް އިހުމާލަށް ޒިންމާވާނެ ހަމަ އެކަކުވެސް އަދި ނެތް
 
އެންމެ 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ނިޔާވިތާ މިހާރު 5 ދުވަސް މިވަނީ ފާއިތުވެފައި

ރާއްޖޭގެ ސިއްޙީ މުއައްސަސާތަކުގެ އިހުމާލުން، އެންމެ 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި ނިޔާވިތާ މިހާރު 5 ދުވަސް މިވަނީ ފާއިތުވެފައެވެ.

މިކަން ހިނގައި ދިއުމުގައި ސިއްހީ މުއައްސަސާގެ ބޮޑު އިހުމާލެއް އޮތްކަމަށް އިއުތިރާފްވެ ވަޑައިގެން، ހެލްތް މިނިސްޓަރ ނަސީމް ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. މި ވައުދަކީ އެމަނިކުފާނު މިޝްކާގެ އާއިލާއަށް އެކަނި ވެވަޑައިގެންނެވި ވައުދެއް ނޫނެވެ. އެހެނީ މައުސޫމު މިޝްކާއަށް އިންސާފު ހޯދުމަށް އެތައް ބަޔަކު މިއަދު ތިބީ ފައިވިއްދާލާފައެވެ.

އެހެނަސް ދަންނަވަންޖެހެނީ ހާދިސާއަށް 5 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު "އޮޅުންބޮޅުންގަނޑަކަށް ވެފައިވާ ރިވިއު ރިޕޯޓު" ނޫން އެއްޗެއް އެމަނިކުފާނަށްވެސް ހާމަކުރެވިފައި ނެތްކަމެވެ. އަންގާރަދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިޝްކާއަށް އިންސާފު ހޯދައިދިނުމަށާއި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެނަސް މި ދެންނެވި ރިވިއު ރިޕޯޓުން ފެނުނުހާވެސް އެއްޗަކީ އިހުމާލުތަކެވެ. އޯބީ ސިސްޓަމެއް، ޓިކާއެއް ކިޔާނެކަމެއް ނެތެވެ. އެންޓަރކުރި މައުލޫމާތުން ވީކަމެއް ނެތެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ އަލުން ބަލުން ކިޔައިދޭށެވެ. ގަރަހިތައަކަށްވުރެ، ނަމުގައި "އޮޓޮމޭޓެޑް" މި ސިސްޓަމްތަކުގެ ހަނދާންނެތުމުގެ ނުކުޅެދުންތެރިކަން ބޮޑެވެ.

މިއާއެކު މިޝްކާގެ ކޭސްގައި ފެނިގެންދިޔައީ އެމަޖެންސީގެ މުޅި ސިސްޓަމް ފެއިލްވެފައިވާތަނެވެ. މިކަމުގައި ސިސްޓަމްތައް ކުށްވެރިކޮށްލުމުން ނިންމާލެވޭކަށް ނެތެވެ. އެހެނީ އިހުމާލުގެ މި ލިސްޓުގައި، ނަން ހުސްކޮށް ހަދާފައިވާ ޓީމުތައްވެސް، އެވަރު ބޮޑު ރޯލެއް އަދާކުރެއެވެ. ކޯލް ސެންޓަރާއި، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)އާއި، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް)އާއި އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް)ވެސް ވަނީ ފެއިލްވެފައެވެ.

ޤާނޫނީ ހައްލުފެންނަން އޮވެމެ ތަންފީޒުކުރުން ލަސްކުރަނީތަ؟

މި ރިޕޯޓުގައި ރިވިއުއިން ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް، މިކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މި މިނިސްޓްރީއިން އަޅާނެކަމަށް ރިޕޯޓުގެ އެންމެ ޖުމުލައެއްގައި ވަނީ ލިޔެލާފައެވެ. އެހެނަސް މި ފިޔަވަޅު އަޅާނެގޮތެއް އަދި ފިޔަވަޅު އަޅާނެ ބައެއްގެ ޒައްރެއްގެ މިންވަރުވެސް ހާމަކޮށްފައެއް ނުވެއެވެ.

އެދުވަހު ހެލްތް މިނިސްޓަރ ވަނީ، އަމިއްލަފުޅަށް ހައްދަވާ ރިވިއުއިން އިހުމާލެއް އޮތްނަމަ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެހެނަސް، މިހާތަނަށް އައިއިރު އެމަނިކުފާނުގެ މިނިސްޓަރުކަމުގެ ދައުރުގައި އަމިއްލައަށް ހެއްދެވި ރިވިއުއިން ޒިންމާ ނަގާނެ ހިލާ އެކަކުވެސް ނުފެނުނެވެ. އަދި ކިއެއްތަ ފިޔަވަޅެއް އަޅާނަމޭކިޔައި، ދޯހަޅި ސިޔާސަތުތަކަކުން އެކަން ތަންފީޒުކުރާނެކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓުގައި، މި ސިޔާސަތަކީ ކޮން ފަތްފުށެއްގައި، ނުވަތަ ހިރަފުސް ބުރާފައިވާ ކޮން ފައިލެއްގައި އޮތް ސިޔާސަތެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ތަކުރާރުކުރެއްވީ ހައްލުކުރުމަށް މަސައްކަތް ކުރާކަމަށެވެ. މާދަމާ މާދަމާ ކިޔާ މިކަން ޗުއިންގަމު ގަނޑެއްހެން ދިގު ދަންމާލާއިރު، ޤާނޫނުގައި މިކަމަށް ކަނޑައަޅާފައިވާ އިޖުރާއަތް ފުރިހަމަކުރަން ފަސްޖެހެނީ ކީއްވެތޯ ސުވާލު އުފެދެއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުން އަންނަ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިދާރީ ހިންގުމުގެ އޮނިގަނޑުގައި، ޒިންމާ ވާންޖެހޭ ފަރާތްތަކުގެ ދައުރާއި ރޯލް، ވަޒީފާ ބަޔާނުގައި މަސްއޫލިއްޔަތަށް ބަލައި އަދި އަދާކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލައި، މީހެއްގެ ފުރާނަ ގެއްލި ދިޔައީ އިހުމާލުންކަމަށްވާ ނަމަ ޤާނޫނުލް އުޤޫބާތުގެ ދަށުން ސީރިއަސް ޖީނާޢީ ދައުވާ ކުރަންވާނެކަމަށް ބުނެފައިވާތީ، ޖީނާޢީ ދައުވާކޮށް އިހުމާލުވާ މިންވަރަށް ބަލައި، އަދަބު ދެވޭނެއެވެ. ނުވަތަ ސިވިލް ސާރވިސް މަގާމެއްގައި ހުންނެވި ފަރާތެއް ނަމަ ކުޑަމިނުން ސަސްޕެންޑް ކޮށް ނުވަތަ ވަކިކޮށް ކުރުމުގެ ބާރުވެސް ލިބިގެންވެއެވެ.

ސައްލާކޮށްފައި މިފަހަރުވެސް ހައްލަކަށްް ފެނުނީ އައު އޮނިގަނޑެއް އެކުލަވާލުން

ކޮންމެއަކަސް، ހެލްތު އޮޕަރޭޝަންސް ސެންޓަރުން މިކަމާ ގުޅިގެން އިދާރީ އޮނިގަނޑެއް ފާސްކުރި ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް އިތުބާރުހުރި މަސްދަރަކުން ވަނީ ދީފައެވެ. މި އޮނިގަނޑު ޗާޓު ދައްކާގޮތުގައި ހެލްތު އޮޕަރޭޝަންސް ސެންޓަރު ހިނގަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހިންގުމުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ބެލުމުގެ ދަށުންކަން ސާފުވެއެވެ.

އަދި ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންސްތަކުގައި ދިމާވެދާނެ ކަންކަމާއި، ހިނގާފާނެ ހާދިސާތައް ނުވަތަ އިންސިޑެންޓާއި ގުޅޭ ކަންކަން، އަދި މުވައްޒަފުންނާއި ސެކްޝަންތަކުގެ މަސައްކަތްތައް ބެލެހެއްޓުމަށް އިސްކުރެވިފައިވަނީ އަދި މަތިކުރެވިފައި ވަނީ ހަމަ އެއެޖެންސީގެ ސިވިލް ސާރވިސް މުވައްޒަފު ކަމަށްވާ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދުއާކަން ވެސް ސާފުވެއެވެ. އޭނާގެ ސިވިލް ސާރވިސް ވަޒީފާ ބަޔާނުންވެސް މިކަން އިތުރަށް މިކަން ސާފު ވެގެންދެއެވެ. ވުމާއެކު، ނިޝާންއާއި، އަދި ސްޓްރަކްޗަރގައި ބުނާ އިސް މުވައްޒަފުންނާ ގުޅޭ މައުލޫމާތު ބޭނުންވާކަމުގައި ދަންނަވަން ޖެހެއެވެ.

އެހެނީ ތާރީޚުގައި ކަން ހިނގާފައިވާ ގޮތް ތަކުރާރުވިޔަ ނުދީ، ނިޒާމުގައި ހުރި އުކުނޑިއެއް ނައްތާލުމަކީ މިއަދު ކަށަވަރުކުރަންޖެހޭ ކަމަކަށް ވެފައި ވުމެވެ.

މާދަމާ ހާލަތު ގޯސްވެ ޓިކާ ނުހިއްލި ނުވަތަ އޯބީ ސިސްޓަމް ފެއިލްވުމުން ވީނުވީއެއް ނޭނގި، ޒިންމާ ނަގާނެ މީހެއް ނޭނގި އޮޅުންބޮޅުން ގަނޑަކަށް ދިޔަ ނުދިނުން މިއީ ކަށަވަރުކުރުން ލާޒިމުކަކަމަށް ވަނީ ވެފައެވެ. މި ސަބަބަށްޓަކައި، އިހު ދެންނެވި ނިޝާންއާއި ސްޓްރަކްޗަރގައި ބުނާ އިސް މުވައްޒަފުންގެ، ސިވިލް ވަޒީފާ ބަޔާން އަދި ވަޒީފާ އަދާކުރާ އޮފީސް ހާމަކުރަންޖެހެއެވެ.

އަދި ހެލްތު އެމަރޖެންސީ ސެންޓަރުގެ މަސްއޫލިއްޔަތު ލިޔުމުން ހަވާލުކޮށްފައިވާނަމަ ތަފްސީލީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައްވެސް ހާމަވަމުން ދިއުން މުހިންމެވެ.

މިކަމުގައި މަސްއޫލިއްޔަތުތައް ލިޔުމުން ހަވާލުކޮށްފައި ނުވާނަމަ، އެކަން ކޮށްފައިވާ ޕާރމަނަންޓް ސެކްޓްރީ ނުވަތަ ޑިރެކްޓަރ ޖެނެރަލް އެކަންކަން ޔަގީން ނުކޮށް، އެސެންޓަރު ސެކްޝަނެއް ނުވަތަ ކްލަސްޓަރތައް ހިންގަން އިސް މުވައްޒަފުންނާ ހަވާލުކޮށްފިނަމަ އެކަން ވާނީ ދިވެހި ސިވިލް ސާރވިސް ގާނޫނާއި ގަވާއިދާއި، އަދި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފު ކަަމަކަށެވެ. މީގެ އިތުރުން ސެކްޝަންތަކާއި ކްލަސްޓަރތަކުގެ އިސް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވުނު ތާރީޚާއި، މެދުކެނޑުނުނަމަ އެ ތާރީޚްތަކާއި، އަލަށް ގުޅިފައިވާ ތާރީޚްތައްވެސް ތަފުސީލީގޮތެއްގައި ހާމަވާންޖެހެއެވެ.

މިއާއެކު މެއި 30 އަދި 31 ވަނަ ދުވަހު، މަރުޙޫމާ މިޝްކާގެ ބަލިހާލަތާ ގުޅިގެން އާއިލާއިން އެހީތެރިކަމަށް އެދި ގުޅަމުން ގެންދިޔަ ހިނދު ކޮންޓެކްޓް ޓްރޭސިން، ކޯލް ސެންޓަރ، ކެއަރ ކްލަސްޓަރ، އިންސިޑެންޓް ކޮމާންޑަރ، އަދި އޮޕަރޭޝަންސް ކޮމާންޑަރުގެ މަގާމުގައި އިސްކޮށް ތިބި މުވައްޒަފުންގެ މައުލޫމާތާއި، އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ގޮތަށް ދިވެހި ސިވިލް ސާރވިސް ގަވައިދުގައި ބުނާ މުވައްޒަފުގެ ދުވަހު ޔައުމިއްޔާ، އަދި ސެކްޝަނުގެ ޔައުމިއްޔާގެ ތަފުސީލު ހާމަކުރަންޖެހެއެވެ.

އަދި އިންސިޑެންޓް ކޮމާންޑަރ އަދި އޮޕަރޭޝަންސް ކޮމާންޑަރު މެއި 30 އަދި 31 ވަނަ ދުވަހު މަރުޙޫމާ މިޝްކާގެ ބަލިހާލަތާ ގުޅިގެން އާއިލާއިން އެހީތެރިކަމަށް އެދުނު ވަގުތު ކަންކޮށްފައިވާ ގޮތް، ކޯލް ރިކޯޑިން ނުވަތަ ކުރި މުއާމަލާތްތައްވެސް ދެފުށްފެންނަގޮތައް ތެދުވެރިކަމާއެކު ހާމަކުރަންޖެހެއެވެ.

ކުރިން ދެންނެވިގޮތައް ލިޔެކިޔުމެއް ނެތި އިންސިޑެންޓް ކޮމާންޑަރ އަދި އޮޕަރޭޝަންސް ކޮމާންޑަރުގެ ބަދަލުގައި ފިޔަވަޅު އެޅީ އެހެން މީހެއްކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. އިންސިޑެންޓް ކޮމާންޑަރު އަދި އޮޕަރޭޝަންސް ކޮމާންޑަރު އެދުވަސްވަރުގައި ކަރަންޓީންގައި ތިބިކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މިހެން ހުރިނަމަ ބަދަލުގައި މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮން އިސް މުވައްޒަފަކާތޯ، އަދި މިހާދިސާ ހިނގުމުގެ ކުރިންވެސް މިފަދަ އެހެން ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ޚިދުމަތް އަވަސް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ އެތެރޭގައި އަމަލުކުރާ އުސޫލުވެސް އާންމުންނަށް ތިލަވާންޖެހެއެވެ.

ޒިންމާ ނެގޭވަރުގެ ވެރިން ނެތި މިކަންވާކަށް ނެތް

އެޗްއީއޯސީގެ ކޯލް ސެންޓަރުގެ ހާލަތަކީ އިއްޔެއަކު މިއަދަކު ދައްކަން ފެށި ވާހަކައެއް ނޫނެވެ. ކޯލް ސެންޓަރުގައި މުއައްޒަފުން ހަރުނުލުމާއި، ކޯލް ސެންޓަރު، ކެއަރ ކްލަސްޓަރ، ކޮންޓެކްޓް ޓްރޭސިން ކްލަސްޓަރުގެ ސެކްޝަން ހެޑުންގެ އިތުރުން ޓީމް ލީޑަރުން ގެގޮތުގައި ހެލްތު ބެކް ގްރައުންޑް ނެތް އަދި ސިވިސް ސާރވިސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ތިބިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޯލް ސެންޓަރު އެއްކޮށްހެން ފެއިލްވެ ބޮއްސުންލައިގެން ދިއުމުގެ ފަހަތުގައި މިކަން ވުމަކީވެސް ގާތްކަމެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ މިވެރިންނަކީ މަސައްކަތުގެ އިލްމެއްވެސް އަދި ތަޖުރިބާއެއްވެސް ނެތް ބައެއްކަމުގައިވާއިރު، މަސްއޫލިއްޔަތުތައް ލިޔުމުން ހަވާލު ނުކުރާ އެތައް ބަޔަކު ކޯލް ސެންޓަރުގައި އިސްކޮށް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދެން މިކަމުގައި އިސްވެ ހަރަކާތްތެރިވާންތިބީ ދަރުމަވެރިންނެވެ. ދަރުމަވެރިން އިސްކޮށް އައްޔަނުކޮށްފައިވާނަމަ އެކަން އެގޮތަށް ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެތޯވެސް ތަފުސީލުވާންޖެހެއެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ މިވެރިން ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަން ހަމަޖެހިފައިވާ އުސޫލެއްވެސް އޮތުން މުހިންމެވެ. ނޫންނަމަ ބޮލަށް ޖަހާލަޖަހާލައި، ފިޔަވަޅެއް ނޭޅި އިންސާފަށް އެދި ކުރާ އާދޭސް ދާނީ ދިގުދެމިގެންކަން ކަށަވަރެވެ.

މީގައި އަދި އެންމެ ހެއްވާކަމަކީ އިހު ދެންނެވި ޒިންމާ މަތިވެފައިތިބި، މިޝްކާގެ މައްސަލައިގައި ފަރުވާކުޑަކޮށް އިހުމާލުވެފައިވާ ސެކްޝަން ތަކުގެ އިސް މުވައްޒަފުން މިޝްކާގެ އާއިލާއިން ޒިންމާ އަދާނުކުރީކަމަށް ބުނެ ވާހަކަތައް ވަނީ ދައްކާފައެވެ. މިކަން ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާއިރު، ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބައްދަލުވުންތަކުގައި މިގޮތަށް ވާހަކަ ދައްކަން ހަމަ ލަދު ނުގަންނަނީ ތޯއެވެ.

މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވުނު ތާނގައި އާއިލާގެ ބޮލަށް މިކަން ކަނޑާލާއިރު، އެވެރިންގެ ނާޤާބިލުކަމުން އެމްބިއުލާންސް ގަނޑެއްވެސް ނުފޮނުވި ތިއްބައި، އެކަންކުރަން ސަލާންޖަހަން ދާން ޖެހުނީވެސް އެ ވާހަކަދައްކާ އާއިލާގެ މެމްބަރެކެވެ. ޕޮޒިޓިވްވެ ބަލި ހާލު ބޮޑުވެފައިވާ މިޝްކާއާއި އޭނާގެ ބެލެނިވެރިންނާއި ދިމާލަށް މިގޮތައް ބަސްބުނާއިރު، މި ދެންނެވި ބެލެނިވެރިން މިއަދު ތަހައްމަލުކުރަން ޖެހިފައިވަނީ އެހެންމީހަކަށް ބަޔާންކޮށްދޭންވެސް ނޭނގޭފަދަ ހިތާމަކާއި ހިތް ދަތިކަމެކެވެ. އެހެނީ ވަކިވެ އެދިޔައީ  މި ދެންނެވި މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެމީހުންގެ ފުރާނައެވެ. އާއިލާގެ އުފާވެރިކަމެވެ.

އަނެއްކާވެސް ދަންނަވަން ޖެހެނީ އިހުމާލުން ތިޔަ ނަގާލީ މައުސޫމް ކުއްޖެއްގެ ދިރިއުޅުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
25%
25%
ކޮމެންޓް
9 ޖޫން 2021 | ބުދަ 22:36
ޟ
މީގެއިތުރުން އެތަނުގެ އޮޕަރޭޝަނަލް ނިންމުން ޙާއްސަކޮށް ނިންމުމުގައި ކޮލިޓީ ޑިޕާޓްމެންޓް އިސް ދައުރެއް އަދާކުރޭ. އެހެންވީމަ ނެރޭ ރިޕޯޓް ރަނގަޅުވާނެ ގޮތް އެއްގޮތަކަށް ވެސް ނުވިސްނޭ. މިއަދު ރިވިއުކިރަން ok ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ