ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ހޮނިހިރު ދުވަހު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލައި އެ އިދާރާއިން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށް ވެސް މޫސުމާއި ބެހޭ އިދާރާ އިން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 2 – 5 ފޫޓަށް ހުންނާނެ ކަަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.