ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 10:45
ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ
ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ
ރާއްޖެއެމްވީ
މިޝްކާ ނިޔާވުމުގައިވާ އިހުމާލުތައް
މަގޭ ރިޕޯޓް: ސިއްހީ އެމަރޖެންސީ ހާލަތެއްގެ މާނައޮޅޭ ވަރުގެ އިހުމާލުތައް، ޒިންމާވާނީ ކާކު؟
 
އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނުތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނުވާކަމަށް ރިވިއު ރިޕޯޓްގައި ބުނެފައިވޭ
 
މިޝްކާގެ ކޭސް އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވޭ
 
ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ފުރާނައަށް ވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމަށް

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހޭދަކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް މިބަލީގައި 177 މީހުންގެ ފުރާނަ މިދުނިޔެ ދޫކޮށް ގޮސްފިއެވެ. މުޅި ދުނިޔެއަށް އަލަށް ކުރިމަތިވެފައިވާ ކަމަކަށްވުމުން މިކަމަށް ތައްޔާރުވާން އެއްވެސް ގައުމަކަށް ވަގުތެއް ނުލިބުނެވެ. ނަމަވެސް އަހަރެއް ފާއިތުވިގެންދިޔައިރު ވަގުތު އޮންނާނީ ކޮންމެ ގައުމަކަށްވެސް ލިބިފަތާއެވެ. ރާއްޖެއަށް ބަލާކަމަށްވާނަމަ ސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ދިން ޔަގީންކަމަކީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ސަރުކާރު އޮތީ ތައްޔާރަށްކަމަށެވެ. އެއީ މިިދިޔަ އަހަރުގެ މަރޗް މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސް ރިޕޯޓްކުރި ދުވަސްކަމުގައިވިޔަސް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުން އެންމެ ފުރަތަމަ ކޮވިޑް ކޭސް ފެނުނު ދުވަސްކަމުގައި ވިޔަސްމެއެވެ.

ކޮވިޑް ކޮންޓްރޯލްކުުރުމަށް އެންމެ ފުރަތަމަ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ނަމުގައި ސެންޓަރެއް އުފައްދައިގެން ސަރުކާރުން މަސައްކަތްކުރިއެވެ. ރެޔާއި ދުވާލު މަސައްކަތްކުރަމުން ދިޔައިރު ކޮވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ދިޔައީ އެތައް ޚަރަދުތަކެއްވެސް ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ކުރި ޚަރަދު 3.4 ބިލިއަނަށް އަރައެވެ. އެހެންނަމަވެސް ރައްޔިތުން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ ކޮވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި ނުފެންނަ ވާހަކައެވެ. އޭގެ ސަބަބުތައް ބައިވަރެވެ.

ސާމްޕަލް ނެގުމާ ހަމައިން ފެށިގެންގޮސް ޓެސްޓުގެ ނަތީޖާ ނުލިބި ލަސްވަމުންދިޔުމާއި އެކިކަންކަމުގައި ހުރިހާ އެންމެންވެސް ގުޅަންޖެހޭ ކޯލް ސެންޓަރާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ހާލަތެވެ. ހާލުބެލުމުގެ ޕޯޓަލްގެ ހާލަތެވެ. ކޮވިޑްގެ ބަލި މީހުންނަށް އެކަށީގެންވާ އަވަސް މިނެއްގައި ފަރުވާ ދިނުމަށް ދިމާވަމުންދާ ލަސްތަކެވެ. ކަމާބެހޭ ފަރާތްތަކުން ވަމުންދާ އިހުމާލުތަކުގެ ވާހަކައެވެ. މިހެންގޮސް މިލިސްޓު ކިތަންމެ ދިގުކޮށްވެސް ކިއިދާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެމަރާއެކުވެސް އިހުމާލުގެ އެތައް ވާހަކައެއް ރައްޔިތުން ދެއްކިއެވެ. ފުރަތަމަ މަރާ ގުޅިގެން ބެލި ކަންކަމުން، އެ ކޭސްގައި ބަލި މީހާގެ ސާމްޕަލް ނެގުމާއި ސާމްޕަލްގެ ނަތީޖާ ލިބުން ފަދަ ކަންކަން ލަސްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެމަރަށް ބަލާއިރު މީހާ މަރުވިއިރުވެސް ޓެސްޓްގެ ނަތީޖާ ލިބިފައެއްނުވެއެވެ. އެކަން ބަލާ ކަންކަން ރަނގަޅުކުރާނެ ކަމަށް އޭރު ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

މިއީ އޭގެ އެއް އަހަރު ފަހެވެ. އަނެއްކާވެސް މިވަނީ އިހުމާލުގެ ވާހަކަތަކުގެ އަޑުތައް ގަދަވެފައެވެ. އެދުވަހާ ޚިލާފަށް މިއަދު ކަންކަން ރަނގަޅުކުރާނެ ހާ ދުވަސް ލިބިއްޖެއެވެ. ސާމްޕަލް ނެގުމާއި ނަތީޖާ ލިބުމާއި ކޯލް ސެންޓަރުގެ ކަންކަން ރަނގަޅުކުރާނެ ވަގުތު ލިބިއްޖެއެވެ. ރަނގަޅުވާހަކައެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނެއް ބިނާއެއް ނުކުރެވޭނެއެވެ. އެނދު އިތުރުކުރިޔަސް އެތަންތާންގައި މަސައްކަތްކުރާ މީހުންނެއް ނުއުފެއްދޭނެއެވެ. ނަމަވެސް މިދައްކަނީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ކަމެއްގެ ވާހަކައެވެ.

އެންއީއޯސީގެ ނަން އެޗްއީއޯސީގެ ނަމަށް މިއަދު ބަދަލުވެފައިވީނަމަވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަބަދުވެސް ދިވެހިން އަޑުއަހާ ވަރަށް އާންމު މުހިންމު ވާހަކައެއް އޮވެއެވެ. އެއީ " ފުރާނައަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ" ކަމެވެ. ފުރާނަ ސަލާމަތްކުރުން މުހިންމޭ ބުނުމަކުން ނުފުދެއެވެ. މުހިންމުކަމަށް ބެލެވޭނީ އެކަމަށް ހެދިފައިވާ އުސޫލުތައް ހަރުދަނާވެ އެއަށް އަމަލުކުރެވޭނަމައެވެ. އެއީ ބަލި މީހާ އެންމެ ފުރަތަމަ ކޯލް ސެންޓަރަށް ގުޅާ ހިސާބުންނެވެ. މީހަކު ބައްޔަށް ޝައްކުކުރެވިގެން ސާމްޕަލް ނަގާ ހިސާބުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހޭދަކުރަމުންމިދާ ދުވަސްތަކުގައި އެޗްޕީއޭގެ ކޮންމެސް އިހުމާލެއްގެ ވާހަކަ ނީވޭ ދުވަހެއް މަދުވާނެވެ. ގަބޫލުކުރަމެވެ. ކަންކަން ރަނގަޅުވެސް ކޮށްފިއެވެ. ކުރަމުންވެސް ދެއެވެ. ދިމާވާ ކަންކަމާ ގުޅިގެން ކަންކަން އަންނަނީ ބަދަލުކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން ޖޫން މަހުގެ 2 ވަނަ ދުވަހު ރާއްޖޭގައި މިބަލީގައި މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދުގެ މަރާއެކު ބުނެވެން އޮތީ އަނެއްކާވެސް ވޭތުވެދިޔަ އަހަރު ދުވަހު ދައުލަތުގެ ބަޖެޓުން ބިލިއަނުން ޚަރަދުކޮށްގެން މިކުރީ ކީއްބާވައެވެ؟

މިޝްކާގެ މަރުގެ ރިވިއު ރިޕޯޓް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާއިރު ފެންނަން އޮތީ އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް ކުރި އެތައް ކަމެކެވެ. އިހުމާލުގެ ލިސްޓު ލިޔަން ދަތިހާ ދިގެވެ. މިއީ އަދި ރިވިއު ރިޕޯޓުން ފެންނަން ހުރި ކަންކަމެވެ. އިންވެސްޓިގޭޝަން އަކަށްފަހު މިލިސްޓު ދިގުވާނެ ވަރު ވަޒަންކޮށްލާށެވެ. އެޗްއީއޯސީން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކުލަސްޓަރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިއުޅެނީ އެމަރޖެންސީ ހާލަތެއް ކުރިމަތިވެގެންނޭ ހީވެސް ނުވެއެވެ. އެކަމަކު މިދައްކަނީ ކޮވިޑްގެ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ ވާހަކައެވެ. އެކަމުން ރައްޔިތުން ރައްކާތެރިކޮށް ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ބަޔަކީ މިއީއެވެ.

ރިޕޯޓުން އެނގޭގޮތުގައި މިޝްކާގެ އާއިލާއިން އެމްބިޔުލަންސް ފޮނުވުމަށް އެދުނު ވަގުތާއި މިޝްކާ ހޮސްޕިޓަލަށް ގެންދެވުނު ވަގުތާ ދެމެދު 2 ގަޑިއިރާއި 36 މިނެޓް ހޭދަވިއެވެ. ކީއްވެހެއްޔެވެ؟ ކަމުގެ މުހިންމުކަން އެކަން ރިޕޯޓްކުރަން ތިބި މީހުންނަށް އިހުސާސްނުވެގެންނެވެ. އެކަން ކުރޭތޯ ބަލާނެ މީހަކު އެތާންގައި ނެތިގެންނެވެ. އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވެއެވެ. އެއީ އެމްބިޔުލަންސް ފޮނުވުމަށް ނާންގައިގެންނެވެ. ދެ ގަޑިއިރަށްވުރެ ގިނައިރު ވަންދެން ކޯލް ސެންޓަރުން މިޝްކާގެ އާއިލާއަށް ދޮގުހަދަމުންދިޔައީ އެމްބިޔުލަންސް ފޮނުވަނީ ކަމަށް ބުނެއެވެ. އެކަމަކު އޭރުވެސް އެމްބިޔުލަންސް ފޮނުވުމަށް އަންގާފައެއްނުވެއެވެ.

އެމްބިޔުލަންސް ފޮނުވުމަށް އެމަރޖެންސީ މެޑިކަލް ސަރވިސް އަށް އެންގިތާ 10 މިނެޓް ތެރޭގައި އެމްބިޔުލަންސް ގޮސްފައިވެއެވެ. 10 މިނެޓްތެރޭގައި ވާން އޮތްކަމަކަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަކޮށް މައުސޫމް ފުރާނައެއް ގެއްލިގެންދިޔައީއެވެ. ކުއްޖާއަށް ވަމުންދިޔަ ހުރިހާ ގޮތެއް ކޯލް ސެންޓަރަށް އަންގަމުން ދިޔަނަމަވެސް އެކަމަށް އެދެވޭ ސަމާލުކަމެއް ދީފައެއްނުވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް ހަމަޖެހިފައިވާ އުސޫލުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝާން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. އެކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މައުލޫމާތު ޝީޓްގައި ރިކޯޑް ކޮށްފައިވީނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައެއްނުވެއެވެ. އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއްނުވެއެވެ. އެއީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް ސިސްޓަމަށް އަޅަންޖެހުނުނަމަވެސް އެކަން އެގޮތަށް ސިސްޓަމަށް އަޕްޑޭޓްކޮށްފައި ނުވާތީއެވެ. ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށްވެސް މިޝްކާގެ އެންމެފަހުގެ ހާލަތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލަންސް މިޝްކާ ބަލާ ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެންމެފަހުން އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އެންގީއެވެ. އަދި އެމްބިޔުލަންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ. މިއަށް ދެން ކިޔާނީ އިހުމާލު ނޫން ކޯއްޗެއްތޯއެވެ.

ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މީހުން ނުވަތަ ޓީމުތަކުން ކަންކަން ކުރޭތޯ ބެލުމަށް އެތަނުގައި ސުޕަރވައިޒަރުންވެސް ތިބޭނެތާއެވެ. އެތައް ފަހަރަކު އެމްބިޔުލަންސް ލަސްވެގެން ގުޅާއިރު އެވީ ހިސާބެއް ބަލާލެވެންވެސް ހަމަނެތީތާއެވެ. ތަނުގެ ތެރޭގައި ކަންކަން ހިނގަމުންދަނީ ރޭވިފައިވާ އުސޫލުތަކާއި އެއްގޮތަށްކަމަށް ބަލާނެ މީހަކުވެސް ބަލާނެ މެކޭނިޒަމެއްވެސް ހަމަ ރޭވިފައިނެތީތޯއެވެ.

މިހުންނަނީ މުޅިންވެސް ދެއްކޭނެ ވާހަކަތަކެވެ.

އެނގޭކަމަކީ މިޝްކާގެ މަރާއެކު މުޅި ރާއްޖެއަށް ސިހުން ގެނުވި ކަމެވެ. އަދި ފާއިތުވެގެންދިޔަ އަހަރު ދުވަސްތެރޭގައި އެތައް ބަޔަކު ދައްކަމުންދިޔަ އިހުމާލުގެ ވާހަކަތަކުގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެކަމެވެ. މިޝްކާ ވަކިވެގެން އެދިޔައީ ކަންކަން ރަނގަޅުކުރުމަށް މީހުން ދައްކާ ވާހަކަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމުގެ މެސެޖްދެމުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފަނަރަ ވަނަ ފަހަރަށް ދަމަހައްޓާފައި އޮތްއިރު އެމަރޖެންސީ ރެސްޕޯންސް މިފެންވަރުގައި ހަރަކާތްތެރިވާނަމަ މިކަމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

އެމަރޖެންސީ ހާލަތުގެ މާނަ އޮޅޭ ވަރަށް ކަންކަން ދާހާ ނިޒާމު ދޯހަޅިވުމުން ދެން އިވޭނީ އިހުމާލުގެ އަޑުތަކެވެ. ޒިންމާނަގަނީ ކާކުތޯ ކުރާ ސުވާލުތަކެވެ. އިސްތިއުފާގެ އަޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
50%
50%
ކޮމެންޓް