ކ. މާލެ
|
4 ޖޫން 2021 | ހުކުރު 22:31
ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ ބައެއް
ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ ބައެއް
ރޮއިޓަރސް
ކޮވިޑް-19
އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 2،000އަށް ވުރެ ގިނަ މީހުންނާއި އެކު
ދިރާސާގެ ހުރިހާ ބައިވެރިން ވަނީ އެންޓިބޮޑީ ޓެސްޓު ހަދާފައި
ދިރާސާގައި ބައިވެރިވި މީހުންގެ ތެރޭގަައި އުމުރުން 80 އަހަރާއި 90 އަހަރުގެ މީހުން ހިމެނޭ

އެއް ފަހަރު ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ރަނގަޅުވުމަށް ފަހު 10 މަސް ދުވަސް ކުރިން ދެ ވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވް ވުމަކީ ދުރުކަމެއް ކަމަށް ދިރާސާއަކުން ދައކައިފިއެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް ލަންޑަން އިން ވަނީ 2،000ށް ވުރެ ގިނަ މީހުންނާއި އެކު މިދާރާ ކޮށްފައެވެ. މިދިރާސާ އެ ޔުނިވާސިޓީން ކުރިއަށް ގެންގޮސްފައި ވަނީ 100 ކެއަރ ހޯމްގައެވެ. އަދި ދިރާސާގައި އެ ކެއަރ ހޯމްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ބައިވެރިން ވަނީ އެންޓިބޮޑީ ޓެސްޓު ހަދާފައެވެ. އަދި މިޓެސްޓުގެ ނަތީޖާއިން، ކުރީގައި ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުން ދެނެގަތެވެ. ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ ގެތަކުގައި ދިރިއުޅޭ 682 މީހުންނާއި، 1،429 މުވައްޒަފުންގެ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހަށް މޮނިޓަރ ކޮށްފައެވެ.

އާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ފުރަތަމަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވި 634 މީހުންގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި ދެވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންނެވެ.

މިދިރާސާގައި ބައިވެރިވި މީހުންގެ ތެރޭގަައި އުމުރުން 80 އަހަރާއި 90 އަހަރުގެ މީހުން ހިމެނޭ އިރު، މިދިރާސާގެ ނަތީޖާއަށް ބަލައި ދެ ވަނަ ފަހަރަށް ފަސޭހައިން ކޮވިޑް ނުޖެހޭނެ ކަމަށް މާހިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
5 ޖޫން 2021 | ހޮނިހިރު 01:03
ޢަރީ
ތިޔައީ ދޮގެއް އަހަރެން ދޮންތަ 3 މަސްނުވެ ޕޮސިޓިވް ވެއްޖެ. ޙަދާ ދޮގު