އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެންގެ އުފަންދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ދެކަނބަލުން އެއްކޮށް ބައިސްކަލު ބުރެއް ޖައްސަވައިފިއެވެ.
ބުރާސްފަތި ދުވަހަކީ ޖިލް ބައިޑެންގެ 70 ވަނަ އުފަންދުވަހެވެ. މި ދުވަސް ފާހަގަކުރެއްވުމަށް ބައިޑެން ދެކަނބަލުން ނިކުންނެވީ ބައިސްކަލުކޮޅުގައެވެ. ދެކަނބަލުންގެ ޑެލަވެއަރ ބީޗް ހޯމް ކައިރީގައި ހުންނަ ކޭޕް ހެންލޮޕެން ޕާކު ޓްރެއިލް ވަށައިގެން ބައިސްކަލުކޮޅުގައި ބުރު ޖެއްސެވި އިރު, ބައެއް ސީކްރެޓް ސާވިސް އޭޖެންޓުން ވެސް ބައިވެރިވިއެވެ.
ދެކަނބަލުން ބައިސްކަލުކޮޅުގައި ނިކުންނެވުމުން ސަޕޯޓަރުން އެއްވެ ޖިލް ބައިޑެން އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ވެއެވެ. އަދި ސަޕޯޓަރުންގެ ގްރޫޕަކުން އުފަންދުވަހުގެ ލަވައެއް ވެސް ހުށަހަޅައި ދީފައިވެއެވެ.
އެނބުރި ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ޖިލް ބައިޑެން ވަނީ ސަޕޯޓަރުންގެ ހެޔޮއެދުންތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.
ޖިލް ބައިޑެން އަކީ ކޮމިއުނިޓީ ކޮލެޖް ޕްރޮފެސަރ އެކެވެ. އޭނާ ވަނީ ދާދި ފަހުން ނަދަން ވާޖީނިއާ ކޮމިއުނިޓީ ކޮލެޖްގައި ވާޗުއަލްކޮށް ކިޔަވައިދެއްވާފައެވެ.
ޖިލް ބައިޑެންގެ އުފަންދުވަހުގެ މުނާސަބަތުގައި ދެކަނބަލުން ބައިސްކަލުކޮޅުގައި ނިކުންނެވުމުން ގިނަބައެއްގެ ތަރުހީބު އެކަމަށް ލިބިފައިވެއެެވެ. އެފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ދުނިޔޭގެ ސަމާލުކަމަށް އެކަން އައިސް އެކި ކަންކޮޅުތަކުގައި ތިބި މީހުން މިކަމަށް ތަޢުރީފު ކޮށްފައިވެއެވެ.