ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 12:39
ވެނެޒުއެލާގެ އުމުރުން ދުވަސްވީ މީހުން ފުލުހުންނާ ކުރިމަތިލަނީ
ވެނެޒުއެލާގެ އުމުރުން ދުވަސްވީ މީހުން ފުލުހުންނާ ކުރިމަތިލަނީ
ރޮއިޓަރސް
ވެނެޒުއެލާގެ މަޝްރާހު
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
އެތައްހާސް ބަޔަކު ވަނީ ނުކުމެފައި
ފުލުހުން އިހުތިރާމްކުރަން ޑިމާންޑްކުރޭ
މުޒާހަރާތައް ހުއްޓާނެ މަގެއް ނެތް

ވެނެޒުއެލާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތައް ދުވަހެއް ދުވަހަކަށް ހޫނުވަމުންގޮސް، އެންމެފަހުން މުޒާހަރާގެ ކުރީ ސަފަށް އެގައުމުގެ އުމުރުން ދުވަސްވީ މީހުންވެސް ނުކުމެއްޖެއެވެ.

 

ވެރިރަށް ކަރަކަސްގައި ކުރިއަށްދާ މުޒާހަރާތަކުގައި އުމުރުން ދުވަސްވީ މީހުންގެ އެތައްހާސް ބަޔަކުވަނީ ބައިވެރިވާން ފަށާފައެވެ.

 

މީގެ ކުރިން މުޒާހަރާތައް ކުރިއަށްދިޔަ ނަމަވެސް އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އޮތީ ވަރަށް މަދުންނެވެ. ނަމަވެސް ކުއްލިއަކަށް އެހާ މީހުން ގިނަވާންޖެހުނީ ހަމަނުޖެހުންތައް ހިނގި ސަރަހައްދެއްގައި ހުރި އުމުރުން ދުވަސްވީ އަންހެނަކާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުންނެވެ.

 

އުމުރުން ދުވަސްވީ މީހުން ވެރިރަށް ކަރަކަސްގެ މައިމަގުތަކަށ އެރިޔަ ނުދިނުމަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ.

 

އެގޮތުން ކަރުނަގޭސް ބޭނުންކުރުމާއި ޕެޕަރ ސްޕްރޭ ބޭނުން ކުރުންފަދަ ކަންކަން ފުލުހުންކޮށްފައިވެއެވެ. އަދި އެކަމުގެ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

 

ވެނެޒުއެލާގެ ސިޔާސީ މަޝްރަހު މިހާބޮޑަށް ގޯސްވެގެން މިދިއީ އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮތް އެގައުމުގެ ގާނޫނު ހަދާ މަޖްލީހަކީ ބާތިލްތަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައެޅި ހިސާބުންނެވެ.

 

ސުޕްރީމް ކޯޓުގެ ނިންމުން ވަނީ ތިން ދުވަސް ފަހުން ބަދަލުކޮށްފައެވެ. ނަމަވެސް ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓާލަން ދެކޮޅު ހަދާފަ އެވެ.

 

ވެނެޒުއެލާގެ ސުޕްރީމް ކޯޓުން އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮތް ގާނޫނު ހަދާ މަޖްލީހަކީ ސައްހަކަމެއް ނެތް ބާތިލްތަނެއް ގޮތުގައި ކަނޑައަޅާފައިވަނީ އެގައުމުގެ ރައީސް މަޑޫރޯ ގާނޫނު ހަދާ މަޖްލީހަށް ހާޒިރު ކުރުމަށް ނިންމާފައިވަނިކޮށެވެ.

 

ވެނެޒުއެލާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް، މަޑުޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ.

 

މަޑޫރޯ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް މަޑުޖެހިފައި އޮތަސް އަލުން އެމަޝްވަރާތައް ފައްޓަވަން ބޭނުންވާ ކަމަށެވެ.

 

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވަން ބޭނުންވާ ކަމަށް ވިދާޅުވުމުގެ އިތުރުން ވެނެޒުއެލާގައި އާންމު އިންތިޚާބެއް ވެސް ބާއްވަން ބޭނުންވާ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކި ހިސާބުތަކުގައި އިންތިޚާބުތަކެއް ބާއްވާނެ ކަމަށް މަޑޫރޯ ވިދާޅުވިއެވެ.

 

ވެނެޒުއެލާގައި އާންމު އިންތިޚާބުތަކެއް ބާއްވަން ބޭނުންވާ ކަމަށް މަޑޫރޯ ވިދާޅުވި ނަމަވެސް މުޒާހަރާކުރާ މީހުން ޑިމާންޑް ކުރަމުންދަނީ އަންނަ އަހަރު އެގައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށެވެ. އަދި އޭގެ ކުރިން މިހާރުގެ ރައީސް މަޑޫރޯ މަޤާމުން އިސްތިއުފާ ދެއްވުމަކީ ވެސް މުޒާހަރާކުރާ ފަރާތްތަކުގެ ޑިމާންޑެކެވެ.

 

ސަރުކާރާއި ދެކޮޅަށް ވެނެޒުއޭލާގެ ރައްޔިތުން މުޒާހަރާކުރަމުންދާތާ ތިން ހަފްތާވެފައިވާއިރު މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި މަރުވީ މީހުންގެ އަދަދު ވަނި 21 އަށް އަރާފައެވެ.

 

ވެނެޒުއެލާގެ މަޝްރަހު ފިނިކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާކުރުންތައް ފެށިއެވެ. ނަމަވެސް އެ މަޝްވަރާތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލީ، މަޝްވަރާތަކުގެ އެއްބަސްވުމާ ޚިލާފަށް މަޑޫރޯ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް