ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެ ޖުމްލަ އަދަދު 174ށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެއް ބުރާސްފަތި ދުވަހުގެރޭ 10:53 ހާއިރު ނިޔާވެފައި ވާކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.
ކޮވިޑް 19 ގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވެދިޔަ މެއި މަހަކީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެންފެށި ފަހުން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. ޖޫން މަސް ފެށުނު ފަހުން ވެސް ނިޔާވާ މީހުންގެ އަދަދު ދަށް ވެފައެއް ނުވެއެވެ.
ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ހަވީރު 4:00އިން ފެށިގެން ހެނދުނު 8.00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ހުއްދައަކާއިލައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކެފޭ, ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން, ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓާލުމަށް ނިންމާފައިވެއެވެ. އެތަންތަނުން ޑެލިވަރީގެ ޚިދުމަށް ހެނދުނު 6.00އިން ރޭގަނޑު 12:00އަށް ދެވޭއިރު, ޓޭކްއަވޭގެ ޚިދުމަތް ދެވެނީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00އަށެވެ. ކާފިއު ވަގުތު ކެފޭ ރެސްޓޯރެންޓްތަކުން ޓޭކްއަވޭ ހަދާކަމަށް ފާހަގަ ވެއްޖެނަމަ އެންމެ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.