މިދިޔަ އަންގާރަ ދުވަހު ސައުތު ކޮރެއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިނިވަން ޚިޔާލުގެ ކެންޑިޑޭޓް މޫން ޖައި-އިން އިންގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް ހަމަޖައްސަވައިފިއެވެ.
ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި މިނިވަން ޚިޔާލުގެ މޫން އެމަނިކުފާނުގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސެވީ ޑިމޮކްރެސީ އަށް މަސައްކަތް ކުރި އެކްޓިވިސްޓެކެވެ.
ސައުތު ކޮރެއާގެ މިހާރުގެ ސިޔާސަތު ބަދަލުކޮށް ވާދަވެރި ނޯތު ކޮރެއާއާ އެކު މަޝްވަރާތައް ފައްޓަވަން ބޭނުންފުޅުވާ މޫންގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސެވި ކުރީގެ ގައިދީއަކީ އުމުރުން 51 އަހަރުގެ އިމް ޖޮން-ސިއޮކް އެވެ.
އިމްއަކީ ހުއްދަ ހޯދުމެއް ނެތި ނޯތު ކޮރެއާ އަށް ދަތުރެއް ކޮށްގެން ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.
ސައުތު ކޮރެއާގެ ގާނޫނުތައް ބުނާ ގޮތުން ނޯތު ކޮރެއާ އަށް ދާން ބޭނުންވާ މީހަކު ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ.
ނޯތު ކޮރެއާއާ އެކު މަޝްވަރާތައް ފައްޓަވަން މޫން ބޭނުންފުޅުވެލައްވާއިރު، ޗީފް އޮފް ސްޓާފް އިމް އަށް ނޯތު ކޮރެއާއާމެދު ހަމްދަރުދީވާ ކަމުގެ ތުހުމަތު ކުރެއެވެ.
ނޯތު ކޮރެއާއަށް އިމް ވަޑައިގެންފައި ވަނީ 1989 އަހަރު އެގައުމުގައި އޮތް ޔޫތު ފެސްޓިވަލެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އިމް ވަނީ ދެ ފަހަރެއްގެ މަތިން ޕާލަމެންޓް މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ވެރިރަށް ސޯލްގެ ޑިޕިއުޓީ މޭޔަރުކަން ވެސް ކުރައްވައިފައި ވެއެވެ.
އިމް ވިދާޅުވި ގޮތުގައި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވާހާ އެއްޗަކަށް އެއްބަސްވެ ވަޑައި ނުގެންނެވި ނަމަވެސް ރައީސްއަށް ހިތުގެ އަޑިން ކިޔަމަންވާނެ ކަމަށެވެ.