ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 20:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ލާމަރުކަޒީ ގާނޫނު
އެސްޖީން ކަނޑައެޅުމުގައި ކައުންސިލްގެ ދައުރު ކަނޑުވާލަން ސަރުކާރުން މަސައްކަތްތަކެއް ނުކުރޭ- ރައީސް އޮފީސް
އެކަމުގައި ކައުންސިލްގެ މަޝްވަރާ ބޭނުންނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައި
ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި ގައުމު ހިންގުމަކީ މި ސަރުކާރުގެ ވައުދެއް

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުންގެ ގޮތުގައި ތިއްބަވާ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ދައުރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން، އެސްޖީއަކު ކަނޑައަޅާނީ ކައުންސިލްގެ ލަފަޔާއެކު، ސިވިލް ސާވިސް ކޮމިޝަނުންނެވެ. ނަމަވެސް އެކަން ބަދަލުކޮށް، އެސްޖީއިން ކަނޑައެޅުމުގައި ކައުންސިލްގެ މަޝްވަރާ ބޭނުންނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. އަދި އެ ބިލުގެ ފުރަތަމަ އިއްވުން ވެސް މިހާރު ވަނީ އިއްވާފައެވެ.

Advertisement

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާހޯދުމަށް، ޤާނޫނުގައި މިހާރު ލިޔެވިފައިއެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާހާއެކުގައި ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން ކަމަށެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ގައުމު ހިންގުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކައުންސިލްތަކުގެ ޒިންމާތައް ބޮޑުކޮށް ގިނަ ބާރުތަކެއް ދީ، އައު ކައުންސިލްތައް މިހާރު ވަނީ އިންތިޚާބުކޮށްފައެވެ. އަދި ކައުންސިލްތަކުގެ މަސައްކަތް ވެސް ރަސްމީކޮށް ފަށާފައިވާއިރު، ލާމަރުކަޒީ ނިޒާމަށް އުނިކަން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވެސް ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް