ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހަތަރު ވަނަ ރާޅާއެކު, ބަލީގެ ނުރައްކާތެރިކަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލިމަޑުކަން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު މިވަނީ ފެތުރެން ފަށާފައެވެ. އެއާއެކު, ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ފެންމަތި ވާންމިވަނީ ފަށާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރެވޭ ވަރު ލަސްވުމެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މި މައްސަލަތައް ދިމާވުން އިތުރެވެ. އެކަން ހައްލު ކުރުމަށް އެޅުނު އެއް ފިޔަވަޅަކީ ކޮންމެ އަތޮޅަކަށް މަންދޫބުން ކަނޑައެޅުމެވެ.
މައްސަލައެއް ހައްލު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވިލަރެސް ކުރުމެވެ. ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން ކޮންމެ އަތޮޅަކަށް އައްޔަނު ކުރެވުނު މަންދޫބުންނަކީ މިބޭނުމަށްޓަކައި އައްޔަނު ކުރެވުނު ބައެކެވެ. ކޮންމެ އަތޮޅަކަށް މަންދޫބުން އައްޔަނު ކުރުމަށް ނިންމީ އަތޮޅުތެރޭގެ ކޮވިޑް ހާލަތު ގާތުން ބެލެހެއްޓުން ފަސޭހަކުރުމުގެ ބޭނުމުގައެވެ. ހާލަތު އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހަކު ބެހެއްޓުމުގެ ބޭނުމުގައެވެ.
ކޮންމެ ނިންމުމަކާއެކު އަޖުމަ ބެލުމަކާ ނުލާ ފާޑު ކިޔުމަކީ ދިވެހި މުޖުތަމައުގެ އާދައެކެވެ. ކަމެއްގެ ހަގީގީ މަގުސަދު ނޭނގުނަސް މާ ދަންނަ ކަމަށް ހެދިގެން އުޅޭ 'ރޯނުއެދުރުން' ތަކެއް ނިކުމެ ގޮތްފާޑު ކިޔުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. މި ބީދައިން, އަތޮޅުތަކަށް މަންދޫބުން އައްޔަނު ކުރުމަށް ނިންމި ނިންމުމާއެކު ސަރުކާރަށް އަމާޒު ކުރަމުން ދިޔަ ފާޑު ކިޔުންތަކުގެ އަޑު ގަދަވިއެވެ. އޭގެތެރެއިން ބައެއް 'އެދުރުން' މި މަސައްކަތް ސިފަކުރީ ބާރުތައް މަރުކަޒު ކުރުން ކަމުގައެވެ. މަންދޫބުންނަކީ ކައުންސިލްތަކުގެގެ މައްޗަށް އަތްގަދަ ކުރުން ނޫން އެހެން ކަމެއް ނުކުރާނެ ވެރީންތަކެއް ކަމަށް ވެސް އެއްބަޔަކު ގޮވަމުން ދިޔައެވެ.
މިހުރިހާ ގޮވެލިފަތިތަކެއްގެ ތެރެއިން އަސްލު ކަންބޮޑުވުމަކަށް އޮތީ ސިޔާސީ ލީޑަރުން ތަކަކަށް ބާރުތަކެއް ހަވާލުކުރުން ކަންނޭނގެއެވެ. އެހެނީ ހުރިހާ އަތޮޅެއްގެ މަންދޫބުންގެ ގޮތުގައި ވެސް ހަރަކާތްތެރިވާނީ މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު ހަގީގަތަކީ, ހަވާލު ކުރެވުނީ ބާރެއް ނޫން ކަމެވެ. ހަވާލު ކުރެވުނީ އިތުރު މަސްއޫލިއްޔަތެކެވެ. އެނޫން ގޮތަކަށް ބުނާނަމަ, މަތިކުރެވިގެން ދިޔައީ އިތުރު ޒިންމާއެކެވެ.
މަންދޫބުންގެ ޒިންމާއަކީ ހެލްތު ޕްރޮޓެކްޝަން އޭޖޭންސީއާއި ކައުންސިލްތަކާ ދެމެދު ހިނގާ މުއާމަލާތްތަކާއި، ކުރެވޭ މަޝްވަރާތަކާ ގުޅިގެން ނިންމާ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ފަރާތުން އަދާކުރަން ޖެހޭ ދައުރު އަދާކުރުމެވެ. މަންދޫބުން މަސައްކަތްކުރާނީ ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެން އަތޮޅުގައި ކޮވިޑް ހުއްޓުވުމަށެވެ. އަދި ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަކީ ވެސް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެކެވެ. އެއާއެކު ސިޔާސީ ވެރިންނަކީ ކަމެއް ނުކޮށް އުޅޭ ބައެއް ކަމަށް ޒަމާނުއްސުރެ ދެކެވޭ ވާހަކައަށް ވެސް ނިމުމެއް އައީއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ނެތުމެވެ. ނުވަތަ ކުއްލިއަކަށް ދިމާވާ މައްސަލަތަކުގައި އަމަލު ކުރެވޭނެ ގޮތްތަށް ރަނގަޅަށް އިންތިޒާމުވެފައި ނެތުމެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު މި ފަދަ މައްސަލަތައްވަނީ އިތުރުވެފައެވެ. ސިއްޙީ އަވަސް ފަރުވާ ފޯރުކޮށް ނުދެވުމުން ހިތާމަވެރި އެތައް ހާދިސާއެއް މި ހާލަތުގައިވަނީ ކުރިމަތި ވެފައެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި އެފަދަ ހާލަތްތައް ކުރިމަތި ވުމުގެ ފުރުސަތު ވެސް ވަނީ އިތުރު ވެފައެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އެންމެ މުހިންމު ވެގެންދަނީ ކަމާ ބެހޭ ފަރާތެއްގެ ސަމާލުކަމަށް އެކަމެއް ގެނައުމެވެ. މަންދޫބުންގެ ހަގީގީ ދައުރަކީ މިއެވެ.
އަތޮޅުތަކުގެ މަންދޫބުން އައްޔަނު ކުރުމުގެ ސަބަބުން, ރަށްރަށުގައި ކޮވިޑް ގެ ހާލަތު ބަލަމުންދާ, ކައުންސިލްތަކަށާއި, ޓާސްކް ފޯސްތަކަށް ލިބިގެންދިޔައީ އިތުރު ލުޔެކެވެ. އަތޮޅު ތެރޭގެ ކޮވިޑްގެ ކަންތައްތައް ބަލަންވީ ގޮތަށް ބެލެހެއްޓޭނީ މިފަދަ އިންތިޒާމެއްގެ ދަށުންނެވެ. މަންދޫބުންނާއެކު އެ ގާއިމު ވެގެން ދިޔައީ ކޮވިޑްގެ ހާލަތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ގުޅުވާލަދޭނެ ވިއުގައެކެވެ. އެއީ އެއްވެސް ހާލެއްގައި ސިޔާސީ މަޅިއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެއީ ފިސާރި ހުށިއާރު ކަމާއެކު ސަރުކާރުން ނިންމި ހަރުދަނާ ނިންމުމެކެވެ.