ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ފްރާންސާއި އިންގްލެންޑް މޮޅުވެއްޖެއެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވީ ވޭލްސް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ފްރާންސުން ވަނީ 2015 ވަނަ އަހަރުގެ ފަހުން ސްކޮޑުގައި ހިމެނި ކަރިމް ބެންޒެމާ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މި މެޗުގައި ފްރާންސަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީވެސް ބެންޒެމާއަށެވެ. އޭރިއާ ތެރެއިން ވޭލްސްގެ ޑިފެންޑަރު ނީކޯ ވިލިއަމްސް ބޯޅައިގައި އަތްލި ކަމަށް ބަލައި ފްރާންސަށް ޕެނަލްޓީއެއް ދިންއިރު، ރެފުރީ ވަނީ ވިލިއަމްސް އަށް ވަނީ ސީދާ ރަތް ކާޑެއްވެސް ދައްކާފައެވެ. އެކަމަކު ބެންޒެމާ ފޮނުވާލި ޕެނަލްޓީ ވޭލްސްގެ ގޯލްކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފައެވެ.
ވޭލްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ފުރަތަމަ ހާފުގައި ފްރާންސުން ލީޑު ނެގިއިރު، މެޗުގެ 35 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފްރާންސަށް ލީޑު ފުޅާކޮށްދިންއިރު، އެ ގައުމުގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްމާން ޑެމްބެލޭއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ފްރާންސް މޮޅުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ.
މީގެ އިތުރުން ބުދަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އިންގްލެންޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެގޮތުން އެ ގައުމުގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ހެރީ ކޭން އަދި ބުކާޔޯ ސަކާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ބުކާޔޯ ސަކާއެވެ. މިއީ އާސެނަލަށް ކުޅެމުން އަންނަ ސަކާ އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ބުދަ ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް ޑީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް އަދި ސްކޮޓްލެންޑެވެ.