އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައިފިއެވެ.
ދެން އޮންނާނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް އިސްލާހު ހުށަހެޅުމެވެ. ބިލް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
މި ގާނުނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި، ވަޒަންވެރިވެފައިވާ ނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން އިންޓަރ ކަނެކްޝަން ޗާރޖް އަދި ރިއިޝުއަރެންސް ޕްރިމިއަމް އިންދަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށާއި، އާމްދަނީން ޓެކްސް ނެގުނުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.
ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޓެކްސް ނެގޭނެ ކަންކަމުގެ ތެރޭގައި، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާ ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ އިންވެސްޓްމެންޓް އެއްމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ފުރައިގެންދާ އުޅަނދަކުން ޓެކްސް ނަގާނީ، އެފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާރޗް ތަކަށް ލިބޭ އާމްދަނީ އާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ހުށަހަޅާފައިވެއެވެ.
އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެގެކޮޅަށް ހިނގާ ޚަރަދާއި، ރައީސަށް ޚާއްސަ ރަށާއި، ނައިބްރައީސަށް ޚާއްސަ ގެކޮޅަށް ހިނގާނެ ޚަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އުމްރާނީ ވަސީލަތްތައް ތަރައްގީކުުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވިޔަފާރިތަަކަށް ލިބޭ އާމްދަނީ، އިކޮނޮމިކް މިނިސްޓަރގެ ލަފާގެ މަތިން ގާނޫނުގެ ދަށުން ޓެކްސް ނެގުން ފަސް އަހަރުގެ މުއްދަތަކަށް އިސްތިސްނާ ކުރުމުގެ ބާރު ރައީސަށް ލިބި ދިނުން ހިމެނެއެވެ.
އެމްޑީޕީ މެމްބަރުން ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި ނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހުތައް ގެންނަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓެކްސްއިން ލިބޭ ފަައިސާ ރަނގަޅު ގޮތުގައި އިންވެސްޓް ކުރުމަށް މެމްބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ބިލުގައި ހުރީ ކަންބިޑުވާން ޖެހޭ ކަންކަން ކަމަށެވެ. މިވަގުތަށް ބިލު މުހިއްމުވާ ސަބަބު ބުނެ ނުދެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، މި ޕެންޑަމިކް ވަގުތުގައި މި ކަން ކުރެވޭނެތޯ ސުވާލު އުފައްދަވާފައެެވެ. ފައިދާ އެއް ނެތް ހުރިހާ މަޝްރޫއުތައް ހުއްޓާލައި، މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ގޮވާލައި 4 ސިޓީ ތަރައްގީކުރުމަށް ފޯކަސް ނުކުރަނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އާމްދަނީ އިތުރުކުރެވިގެން ނޫނީ ރައްޔިތުންގެ ބޭނުންތައް ނުފުއްދޭނެ ކަން ގަބޫލު ކުރާ ކަމަށާއި، ޓެކްސް ނެގުމުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. ޓެކްސްގެ ނިޒާމަށް ރައްޔިތުން ހޭލުންތެރިވެފައި ނެތުމުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެގެންދާ ކަމަށެވެ. ރިސޯޓް ހަދާ ސާމާނުން ޑިއުޓީ މާފް ކޮށްދޭއިރު އާދައިގެ މަސައްކަތެއް ކުރަން ސާމާނު ގެންނަ މީހާ އަތުން ޓެކްސް ނެގުމަކީ އުފެއްދުންތެރިކަމަށް އެޅޭ ހުރަހެއް ކަމަށް އާމިރު ވިދާޅުވިއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ފުރުސަތު ދިނުމަކީ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ދަނޑިވަޅުގައި މިއީ ކުރަން އެއްމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އާމްދަނީ މިހާ ދަށް ދަނޑިވަޅެއްގައި މިއީ އިތުރު ތަކުލީފެއް ކަމަށް ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، މި ދަނޑިވަޅުގައި ޓެކްސްތަކަށް ލުއި ދިނުމަށް ހުށަހަޅައި އެކަންކަން ކުރުމަށް މި ދަނޑިވަަޅުގައި މަސައްކަތްކުރެވިދާނެ ކަމަށެވެ.
ދިއްގަރު ދާއިރާ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ، ސަރުކާރަށް އާމްދަނީ ލިބޭނީ ރައްޔިތުން އަތުން މިންވަރެއް ނަގައިގެން ކަމަށެވެ. އިކްރާމް ވިދާޅުވީ، މިއީ އާދައިގެ ރައްޔިތުން އަތުން ޓެކްސް ނެގުން ނޫން ކަމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، މި އިސްލާހު މިވަގުތު ނުގެނެވެންވީ ސަބަބެއް ނެތްކަމަށެވެ. މިބިލުގެ ސަބަބުން އިތުރު އެއްޗެއް ރައްޔިތުން އަތުން ނެގިގެން ނުދާނެ ކަމަށެވެ. މިއީ މިހާރުވެސް ނަގަމުން އަންނަ ޓެކްސްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ގެންނަ އިސްލާހެއް ކަމަށް ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ، ދައުލަތަށް މިނަގާ ޓެކްސް އިން ކުރަން ޖެހޭ ކަންކަން ނުވާ ކަމަށެވެ. މުހިއްމު ކަންކަމަށް އެ ނަގާ ފައިސާ ޚަރަދު ނުކުރާ ނަމަ އެ ފައިސާ ނެގުމުގެ ބޭނުން ނެތް ކަމަށް ވިދާޅުވިއެވެ. ގްރީން ޓެކްސް ނަގަނީ ކުނިގެ މައްސަލަ ހައްލު ކުރުމަށް ކަމަށްވާއިރު އެކަން ނުވާ ކަމަށް ވިދާޅުވިއެވެ.
ބަހުސް ނިންމާލީ ފުރުސަތަށް އެދުނު ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށް ފަހުގައެވެެ.