އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ފަދަ ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުމާއެކު މުޅި ސޯޝަލް މީޑިޔާ ފުރިގެންދިޔައީ ދީނަށް ފުރައްސާރަ ކުރުން ކުށަކަށް ނުވަނީތޯ އަހާ ސުވާލުންނެވެ. އިސްލާމް ދީނާ ޚިލާފު އެތައް ވާހަކައެއް ދައްކަމުން އަންނައިރު އަދި ދިނާ ދެކޮޅު އަމަލުތައް ހިންގަމުން އަންނައިރު އެކަން ކުށަކަށް ނުވަނީތޯއެވެ. ބައެއް މީހުން އަމިއްލައަށް އެމޭރުމުން ބިލެއް ޑްރާފްޓް ކުރުމަށްފަހު ސޯޝަލް މީޑިޔާއަށް ޕޯސްޓްކޮށްފައި ވެސް އެބަހުއްޓެވެ. އެބިލް ކޮންމެވެސް މެމްބަރަކު ހުށަހަޅައިދިނުމަށް އެދިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލް އުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް، ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.
މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ. ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ އިތުރުން ބައެއް އާންމުންވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު އެފަދަ މީހުންނާ ދެކޮޅަށް އަންނަނީ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. މާލެ ސަރަހައްދުންނާއި އެފަދަ މީހުން ވަކި ހިއްޕާލާފައިވާކަމަށް ބެލެވޭ ރާއްޖޭގެ ބައެއް ރަށްރަށުން ވެސް އަންނަނީ މީހުން ހައްޔަރުކުރަމުންނެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބޮޑެތި އޮޕަރޭޝަންތައް ކުރިޔަށް ގެންދާއިރު ޓެރަރިޒަމްގެ ކުށް ތަހުގީގުކުރުމާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ގާނޫނީ ގޮތުން ހައްލު ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
މިހުރިހާ ކަމަކާއެކު ހިސާން ހުށަހެޅުއްވި އިސްލާހާއެކު އެތައް ބަޔެއްގެ ސުވާލަކަށްވީ ދީނަށް ފުރައްސާރަކުރާ މީހުންނަށް ގާނޫނުން އަދަބު ކަނޑަނޭޅެނީ ކީއްވެތޯއެވެ. ނަމަވެސް ހަގީގަތަކީ 2014 ވަނަ އަހަރު ފާސްކޮށް 2015 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި އިސްލާމްދީނާ ދެކޮޅު އަމަލުތައް ވަނީ ބަޔާންކޮށްފައެވެ. އެމާއްދާގެ ހ ގައި ބުނެފައިވަނީ އެއްވެސް މީހަކު އަންނަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެއް ކަމަށެވެ. އެއަމަލުތަކަކީ:
- މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ،ދީނީ ތަޤްރީރުކުރުން
- އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން
- އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުން
އެވެ.
މީގެއިތުރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 9 ވަނަ މާއްދާއަކީ ދިވެހި ރައްޔިތެއްކަން ބަޔާންކުރާ މާއްދާއެވެ. އެމާއްދާގެ ރ ގައި ބުނެފައިވަނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަމަށެވެ. ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދައުލަތުގެ ދީން ބަޔާންކޮށްފައިވާއިރު އެމާއްދާގެ ހ ގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމުގައެވެ. އެމާއްދާގެ ށ ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. މީގެއިތުރުން 1994 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނެއް އޮވެއެވެ. އެގާނޫނަށް ދެ ފަހަރެއްގެ މަތިން އިސްލާހުތަކެއް ގެނެވި މިހާރު ފެންމަތިވަމުން އަންނަ މައްސަލަތަކަށް ރިއާޔަތްކޮށްފައިވެއެވެ.
ގާނޫނު އަސާސީ އާއި ހެދިފައި ހުރި ގާނޫނުތަކުން ދީނާ ދެކޮޅު ލާދީނީ ފިކުރާއި ހަރުކަށި ފިކުރާ ދެކޮޅަށް ވެސް ގާނޫނުތައް ވަނީ ހަދާފައެވެ. ފަހުން ހިސާން ހުށަހެޅުއްވި ބިލާއެކު އާންމުންގެ ކަންބޮޑުވުންތައް އިތުރުވުމާއެކު އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކަނޑައެޅިގެން ކުށެއްކަން ސާފުވާ ގޮތަށް ލިޔުމަށް އޭޖީ އޮފީހުން ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. އޭޖީ އޮފީހުން ބުނީ އެ ބިލް އެކުލަވާލީ، ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހެޅި އިސްލާހާ ގުޅިގެން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
އޭޖީ އޮފީހުން އެކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކުރުމެވެ. އަދި، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އަލަށް ހުށަހަޅާ ބިލުގައި ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަގީގަތަކީ ލާދީނީ ފިކުރާއި ހަރުކަށި ފިކުރަކީ ވެސް ދީނާ ދެކޮޅު ފިކުރުކަމެވެ. ދިވެހިންގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ޚިޔާލު ތަފާތުވުންތައް އިންތިހާއަށް ހުރި ކަމުގެ އެއް ނަތީޖާއަކީ ދީނާ ގުޅުވައި އެކަކު އަނެކަކަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާނަމަ އެއީ ލާދީނީ މީހެއްގެ ގޮތުގައި ލޭބަލްކުރުމާއި ވަކި ސިޔާސީ ފިކުރަކަށް ތާއީދުކޮށް ވަކި ގޮތަކަށް ހެދުން އެޅުމަކީ ހަރުކަށި ފިކުރުމަށް ލޭބަލްކުރުމަކީ މިއަދުގެ މުޖުތަމައުގެ އާންމުކަމެކެވެ. މުސްލިމަކު ކާފަރަކަށް ހަދައި ނަފްރަތު އުފައްދައި މީހުންގެ ފުރާނަވެސް ހިފާފައި އެބަހުއްޓެވެ.
ދީނީ ގޮތުން ޚިޔާލުތަފާތުވުން ހުންނަ މައްސަލަތަކުގައި ދީނީ އިލްމުވެރިޔަކު ބުނާ ވާހަކައަކާ ދެކޮޅު ހަދާ މީހުންނަކީ ލާދީނީ މީހުންނަށް ހަދައި، އެ މީހުންގެ އަގީދާއާމެދު ސުވާލު އުފެއްދުމަކީ އާންމު ކަންކަމެވެ. ދީނާ ދެކޮޅު ވާހަކަތައް ދައްކާ ބޮޑެތި ރިޕޯޓްތައް ލިޔެ ވީޑިއޯތައް ޕޯސްޓުކުރުމަކީ މިއަދުގެ މުޖުތަމައުގައި އާންމު ކަމެކެވެ. މިއީ އެންމެންނަށް ވެސް އެނގިގެން ލޯކުރިމަތީ ހިނގާ ކަންކަމެވެ.
އެހެންކަމުން މިދެ ފިކުރުން ވެސް ދީން ހިމާޔަތްކުރުމަށް މިވަނީ ގާނޫނުގެ އަތް ބޭނުންވެފައެވެ. ގާނޫނުތައް ހަދައި އެކަން ތަންފީޒުކުރަންޖެހިފައެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އިސްލާމް ދީން ހިމާޔަތްކުރުމަށް ގާނޫނުތައް ހަދާ އެއަށް އަމަލުކުރަން ޖެހިފައެވެ.