ކ. މާލެ
|
1 ޖޫން 2021 | އަންގާރަ 00:07
ބާސާއާ ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ
ބާސާއާ ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ
ގެޓީ އިމޭޖަސް
އަގުއޭރޯ ބާސާއަށް ބަދަލުވުން
ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަގުއޭރޯ ބާސާއަށް
އަގުއޭރޯގެ އެއްބަސްވުން އުވާލަން 100 މިލިޔަން ޔޫރޯ ދައްކަން ޖެހޭ
އަގުއޭރޯ ސިޓީ ދޫކޮށްލީ އެ ޓީމުގައި 10 އަހަރު ހޭދަކުރުމަށްފަހު

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހުއެވެ. މި ސީޒަން ނިމުމާއެކު ސިޓީއާއެކު އަގުއޭރޯ ހަދާފައި އޮތް އެއްބަސްވުން ހަމަވިއިރު، މާޗު މަހުގެ ތެރޭގައި އޭނާ ވަނީ މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެއާއެކު ހޯމަ ދުވަހުގެރޭ ބާސާއިން ވަނީ އަގުއޭރޯ އެ ޓީމަށް ބަދަލުވިކަން ހާމަކޮށްފައެވެ. ބާސާގެ އެއްބަސްވުމުގައި އަގުއޭރޯ ސޮއިކުރިއިރު، އޭނާ ވަނީ އެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުން އުވާލަން އެހެން ކުލަބަކުން 100 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއަށް އަގުއޭރޯ ބަދަލުވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއެކު އެއް ކުލަބަކަށް ކުޅުމުގެ ބޭނުމުގައެވެ. އެކަމަކު މި ސީޒަން ނިމުމުން މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. ނަމަވެސް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އުމުރުން 33 މެސީގެ ވިސްނުން މިހާރު ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މަޑުކުރުމަށެވެ. އެއްބަސްވުން އާކުރުމަށްފަހު އަގުއޭރޯ ބުނީ ބާސާގައި މެސީ މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އެގޮތުން އަންނަ ސީޒަނުގައި މެސީއާއެކު ކުޅެން ބޭނުންވާ ކަމަށެވެ.

ސިތީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށް ކުޅެފައެވެ. އެތުލެޓިކޯ ދޫކޮށް އަގުއޭރޯ އެންމެ ފުރަތަމަ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރެވެ. އެއަށްފަހު އަގުއޭރޯ ވަނީ ސިޓީއަށް ކުޅެދިން 390 މެޗުގައި 260 ލަނޑު ޖަހާފައެވެ. އަދި ސިޓީއާއެކު އަގުއޭރޯ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.

- ކޮމެންޓް