ކ. މާލެ
|
31 މެއި 2021 | ހޯމަ 16:49
ރެއާލުގެ ކޯޗުގެ މަގާމުން ވަކިވި ޒިނެދިން ޒިދާން
ރެއާލުގެ ކޯޗުގެ މަގާމުން ވަކިވި ޒިނެދިން ޒިދާން
ގެޓީ އިމޭޖަސް
ޒިދާން ރެއާލް ދޫކޮށްލުން
ރެއާލް ދޫކޮށްލަން ނިންމީ އިތުބާރު ގެއްލުމުން: ޒިދާން
މި ސީޒަން ރެއާލުން ނިންމާލީ ކާމިޔާބީއެއް ނެތި
ޒިދާނާއެކު ރެއާލުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި

ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމީ ކުލަބުން އޭނާއަށް ކުރި އިތުބާރު ގެއްލުމުން ކަމަށް ޒިނެދިން ޒިދާން ބުނެފިއެވެ.

ރެއާލާއެކު ޒިދާން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވަން އޮތް ނަމަވެސް، މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ރެއާލުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައެވެ. ދެވަނަ ފަހަރަށް ޒިދާން ރެއާލް ދޫކޮށްލިއިރު، މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ. އެގޮތުން މި ސީޒަން ރެއާލުން ނިންމާލީ ކާމިޔާބީއެއް ނެތިއެވެ.

ދާދި ފަހުން ސްޕެއިންގެ ކުޅިވަރު ނޫސް "އޭއެސް" އިން ވަނީ ރެއާލުގެ ސަޕޯޓަރުންނަށް ޒިދާމް ފޮނުވި ސިޓީއެއް ހާމަކޮށްފައެވެ. އެ ސިޓީގައި ޒިދާން ބުނެފައިވަނީ ރެއާލަށް ކޯޗްކޮށްދޭން އޭނާ ވަރުބަލި ނުވާނެ ކަމަށެވެ. އެކަމަކު ކުލަބު ދޫކޮށްލަން ނިންމީ އޭނާގެ ދުރު ރާސްތާ ޕްލޭނަށް އެ ކުލަބުން އޮތް އިތުބާރު ގެއްލުމުން ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ކުލަބު ބީނާ ކުރުމަށް އެހީތެރިކަން ދިނުމަށް މެނޭޖުމަންޓުގައި އެދުނު ކަމަށާއި، އެކަމަކު ދެ އަހަރުވާއިރު ހޭދަ ނުކުރުމުން ރެއާލް އަސްލު އޮންނަން ޖެހޭ ފެންވަރުގައި ނޯންނާނެ ކަމަށްވެސް ޒިދާން ބުންޏެވެ. އެކަމަކު ޒިދާން ވަނީ ރެއާލުގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްތައް ކަމަށާއި، އެހެންކަމުން އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ޝުކުރު ހައްގު ކަމަށްވެސް ބުނެފައެވެ.

މި ސީޒަނަށްފަހު ޒިދާން ރެއާލް ދޫކޮށްލިއިރު، މީގެ ކުރިން ރެއާލުން ވަނީ ޒިދާނުގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، އެ ފަހަރު ވަނީ ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އެ މުއްދަތުގައި ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދިން ނަމަވެސް، އެ ފަހަރު ޒިދާން ވަނީ ކުއްލި ގޮތަކަށް ރެއާލް ދޫކޮށްލާފައެވެ.

އޭގެ ފަހުން ޒިދާން ދެވަނަ ފަހަރަށް ރެއާލާ ގުޅުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް