ދައުލަތުގެ ސިއްރު އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން ވިދާޅުވީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ތެރެއިން ލިބޭ އެއްވެސް މައުލޫމާތެއް ގާނޫނުން ހުއްދަކުރާ ފަރާތްނޫން އެހެން ފަރާތަކަށް ދިނުމަކީ ސިފައިގެ ގާނޫނުގައި މަނާ ކަމެއް ކަމަށެވެ. ދައުލަތުގެ އެއްވެސް ސިއްރު މައުލޫމާތެއް ހާމަކުރުމަކީ ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ.
މިހާރު ނޫހުގައި ޝާއިކޮށްފައިވާ ރިޕޯޓާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލަން ފެށީ މައިގަނޑު ތިން ސަބަބަކަށްޓަކައި ކަމަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ގައުމީ ސަލާމަތާއި އަމަން ދެމެހެއްޓުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވާ ބައެއްގެ ތެރެއިން މިފަދަ މައުލޫމާތެއް ބޭރުވެގެން ދިޔުން ކަމަށެވެ. ހިސާން ވިދާޅުވީ، ސިފައިންގެ ގާނޫނުގައިވާ ގޮތުން ކަނޑައަޅާ ވަކި ބަޔަކަސް ނޫނީ މިޒާތުގެ މައުލޫމާތު އެއް ނުކުރެވޭނެ ކަމަށެވެ. އެފަދަ މައުލޫމާތެއް ބޭރުވުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ، ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހެއްގެ ސެކިއުރިޓީއާ ގުޅުންހުރި ބަލިކަށި ކަންތައްތައް، އެ ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ މުއައްސަސާއިން ހާމަކުރުން ކަމުގައެވެ. އެއީ މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ހިސާން ފާހަގަކުރެއްވީ، ދިފާއީ ބާރުން އެއްވެސް ސިއްރު މައުލޫމާތެއް ބޭރުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮންނާނެ ކަމެއް ކަމަށް ގަބޫލު ކުރެވުމެވެ.
241 ކޮމިޓީން މައްސަލަ ބަލަން ނިންމީވެސް މި ސަބަބުތަކަށްޓަކައި ކަމަށް ހިސާން ވިދާޅުވިއެވެ. ބަލަން މި އުޅެނީ ޚަބަރުގެ މަސްދަރަކީ ކޮބައިތޯ ނޫން ކަމަށާއި، ބަލަން މިއުޅެނީ ގައުމީ ސަލާމަތަށް ނުރައްކާފަދަ މައުލޫމާތެއް ހާމަކޮށް އެގޮތަށް އަމަލުކުރީ ކީއްވެގެންތޯއާއި އެގޮތަށް އަމަލު ކުރުމުގެ ފުރުސަތު ލިބިދިނީ ކިހިނެތްތޯ ކަމަށެވެ. އަދި މިކަންކުރީ ކޮންބައެއްތޯ ކަމަށެވެ. މަޖިލީހުގެ ޒިންމާއަކީ މިގޮތަށް މިކަން ބެލުން ކަމަށް ވިދާޅުވިއެވެ.
މިކުރާ މަސައްކަތަކީ މީޑިއާގެ މިނިވަންކަން ދަމަހައްޓައި ޖަވާބުދާރީ ކުރުވަން އޮންނަ މުވައްސަސާތަކުގެ ތެރެއިން މީޑިއާތައް ވެސް ޖަވާބުދާރީ ކުރުވާނެ ކަމަށް ބަލައި، ގާނޫނު އަސާސީން ރއްޔިތުންގެ މަޖިލީހަށް މަތިކޮށްފައި އޮތް ޒިންމާ އަދާކުރުވުން ކަމަށް ވިދާޅުވިއެވެ.