ކ. މާލެ
|
31 މެއި 2021 | ހޯމަ 14:03
ފުވައްމުލަކު ނަރުދަމާގެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެއް، ކޮންމެ ދުވަހަކު ޖަންކްޝަންތައް ސާފުކުރަން ޖެހޭ
ފުވައްމުލަކު ނަރުދަމާގެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެއް، ކޮންމެ ދުވަހަކު ޖަންކްޝަންތައް ސާފުކުރަން ޖެހޭ
މިކަލް ނިއުސް
ފުވައްމުލަކު ނަރުދަމާ
ނަރުދަމާ ނިޒާމު ވެފައިވަނީ ފުވައްމުލަކު ރައްޔިތުންނަށް މުސީބާތަކަށް
 
ފާޚާނާތަކުން ނަޖިސް ލީކުވާ މައްސަލައަކީ ދުވަސްވީ ބޮޑު މައްސަލައެއް
 
މައްސަލަ ހައްލު ކުރުމަށް އެންމެ އެކަށީގެންވާ މަސައްކަތް ކޮށްފައެއް ނުވޭ

ސިޓީއެއްގެ ގޮތުގައި ފުވައްމުލައް ކަނޑައެޅިގެން ދިޔައީ 2016ވަނަ އަހަރުއެވެ. އެހެން އަތޮޅުތަކާ ޚިލާފަށް އެކަހެރިކޮށް އޮތް މި އަތޮޅަށް ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ރައްޔިތުންގެ އުންމީދުތައް އުތުރި އަރަން ފެށިއެވެ.

ޒަމާނުއްސުރެ ނުވެފައި ހުރި ކަންކަމަށް ހައްލު ލިބިގެންދާނެ ކަމުގެ އުންމީދު އާވިއެވެ. ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވުނެވެ.

އެ ސިޓީއަށް މިހާރު ދިމާވެފައިވާ އެއްމެ ބޮޑު މައްސަލައަކީ ރަށުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައެވެ. ނަރުދަމާގެ މަޝްރޫއު ނިންމީމޭ ބުނެ މެޑަލް ޖެހުމުގެ ބޭނުމުގައި ރައީސް ޔާމީންގެ ސަރުކާރުން އެކަން ނިންމިއެވެ.

އެކަމަކު އެ މަޝްރޫއު ނިމި ޚިދުމަތް ދޭން ފެށުމުން ރައްޔިތުންނަށް ފަސޭހަވުމުގެ ބަދަލުގައިވީ އުނދަގުލެވެ. އިންތިޚާބަށް ފަޓާސްބަރިއެއްހެން ތަންތަން ހުޅުވަމުން ދިޔައިރު 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހު ނަރުދަމާ ނިޒާމުވެސް އިފްތިތާހު ކުރިއެވެ.   

ދައުލަތުގެ ބަޖެޓުން 300އެއްހާ މިލިއަން ޚަރަދުކުރި މި މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުން އުފުލަންޖެހޭ ބުރަ މިހެން ލިޔެލާ ލިޔުމަކުން އިހުސާސެއް ނުކުރެވޭނެއެވެ.

ގޭގޭގެ ފާޚާނައިން ނަޖިސް އަރައި، ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ނަޖިސް ބޭރުވެއެވެ. މިއީ ކޮންމެ ދުވަހަކު ފުވައްމުލަކުން ފެންނަ މަންޒަރެވެ. ނަރުދަމާ ނޭޅިނަމަ ހިތަށް މާފަސޭހަ ވީހޭ ބުނާ މީހުން ގިނައެވެ. ވާނީވެސް އެހެންތާއެވެ. ނަޖިސް ބޭރުވުމުން އުފުލަންޖެހޭ ތަކުލީފު ވަނީ ބޮޑެވެ.

ފުވައްމުލަކު ނަރުދަމާއިން ލީކުވާ ނަޖިސް ދުވާލެއްގެ މައްޗަށް ދެތިން ފަހަރަށް ހިއްކަން ޖެހޭ

ފުވައްމުލަކަށް ވާރޭ ވެހިއްޖެނަމަ އަބަދުވެސް ފެން ބޮޑުވެއެވެ. މާޗް އަދި މެއި މަހުވެސް ވާރޭ ވެހި ފެން ބޮޑުވެ ބައެއް ހިސާބުތަކުން ނަޖިސް ބޭރުވެ ނަޖިހުގެ ވަހުން ބައެއް މަގުތައް ތަޣައްޔަރުވެގެން ދިޔައެވެ. ހިނގާ ބިގާވެ އުޅުމަށް ދަތިވެއެވެ.

އެއްވެސް ސަރުކާރަކަށް މިކަމަށް ހައްލެއް ހޯދައިނުދެވުނެވެ. މިދައްކަނީ މާލެ ފިޔަވައި އެއްމެ އާބާދީ ބޮޑު އެއް ރަށުގެ ވާހަކައެވެ. 12ވަރަކަށް ހާސް މީހުންގެ ވާހަކައެވެ.

ސަރުކާރުތަކުން މިއަދު މިކަމާ ލަދު ގަންނަން ޖެހޭނެއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ދަމާ ރަބަރުގަނޑެއްހެން ލިސްޓްގެ އެއްމެ ކުރިއަށް ލަނީ ނަރުދަމާއެވެ. ފުވައްމުލަކުގެ ރައްޔިތުންގެ ތަކުލީފުތައް އެނގޭނީ، ވިއްސާރަ މޫސުމެއްގައި ފުވައްމުލަކަށް ވަޑައިގެން މަގުތަކުގައި ހިނގާލުމުންނެވެ. ޔަގީންވާ ކަމަކީ ދެވަނަ ފަހަރަށް އެ ވަސް ޖެހިފައި އެ ރަށަށް ނާރާނެ ކަމެވެ.

ބަލިމަޑުކަމެއް ފެތުރިފައިވާ މި ދަނޑިވަޅުގައި މި ތަކުލީފު ވަނީ އިތުރަށް ބޮޑުވެފައެވެ. ނަރުދަމާއިން ލީކުވާ ނަޖިސް ދުވާލެއްގެ މައްޗަށް ދެތިން ފަހަރަށް ހިއްކަން ޖެހެއެވެ. މިއީ ރަށަށް ދިމާވެފައި އޮތް މުސީބާތެއް ކަމަށް ރައްޔިތުން ސިފަކުރެއެވެ.

ޖަންކްޝަންތަކުން ނަޖިސް ސާފުކުރުމަށް ފެނަކައިން  އައުޓް ސޯސްކޮށް 6 ޕިކަޕް ގެންގުޅެއެވެ. 5 ޕިކަޕް ދުވާލު މަަސައްކަތްކުރާއިރު އެއް ޕިކަޕް މަސައްކަތް ކުރަނީ ރޭގަނޑުއެވެ. ޕިކަޕްތައް މަސައްކަތް ކުރަނީ ދުވާލެއްގެ މައްޗަށް 3000 ރުފިޔާގެ ރޭޓުންނެވެ. އެ ޕިކަޕްތަކުން ޖަންކްޝަންތަކަށް ޕަންޕު ޖައްސައިގެން ހިއްކުމަށްފަހު ޓޭންކްތަކަށް އަޅައެވެ. މި މަސައްކަތުގައި ދުވާލު ހަތަރު ދަމު އުޅޭ ޕިކަޕް ތަކަށް މަހެއްގެ މައްޗަށް 540،000 ރުފިޔާ ހޭދަވެއެވެ. އެއީ ކޮންމެ ޕިކަޕަކަށް 90،000 ރުފިޔާއެވެ.

މިކަމުގައި އިހުމާލުވާ ފަރާތްތަކެއް ވެއެވެ. ސިސްޓަމް އޮޕަރޭޓްކުރަން ހަވާލުކުރި ފަރާތުން މިހާ ދުވަސް ވިއިރު މިކަމަށް ހައްލެއް ހޯދައި ނުދެއެވެ. ނިޒާމު ޓެސްޓުކުރީ މަސައްކަތުގެ ކޮންސަލްޓެންޓް ކަމަށްވާ ރިޔަން އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ސިއަރާ ގުޅިގެންނެވެ. އެއަށްފަހު ވަގުތީ ގޮތުން ހަވާލުކުރީ ފެނަކައާއެވެ.

މިހާތަނަށް ހައްލެއް ލިބިފައި ނެތެވެ. ފެނަކައިން މާޗް މަހު ބުނީ، 6 މަސްދުވަހުގެ ތެރޭގައި ހައްލު ހޯދައިދޭނެ ކަމަށެވެ. ބައެއް ސާމާނު ގެންގޮސް މަސައްކަތް ފަަށަން އުޅޭ ކަމުގެ ފެހި ސިގްނަލް މިހާރު މިވަނީ ލިބެން ފަށާފައެވެ. މިކަމުގައިވެސް ރައްޔިތުން ތިބީ ކެތްތެރި ކަމާއެކު އިންތިޒާރުގައެވެ.

ފުވައްމުލަކުގެ ރައްޔިތުންނަކީ ކެތްތެރި ކިޔަމަންތެރި ބައެކެވެ. އެހެން ނޫންނަމަ މި ފަދަ ކަމެއްގައި މިހާ ދުވަހު ކެތްކޮށް ނުލެވުނީހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް