އޯގާތެރި ސަރުކާރެއްގެ ސިފަ ގެއްލިގެން ހިނގައްޖެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ސެކިއުރީޓީއާ ގުޅޭގޮތުން މިހާރު ނޫޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވީ، މިދެކެވެނީ ކެނެރީގޭ މުހައްމަދު ނަޝީދުގެ ވާހަކައެއް ނޫން ކަމަށާއި، މި ދެކެވެނި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސެއްގެ ވާހަކަ ކަމަށެވެ. ގައުމީ ދިފާއީ ބާރަކީ ބޮޑު ހުވައެއް ކުރައްވައިގެން ތިބޭ ބައެއް ކަމަށާއި އެހުވަޔާ އެއްގޮތަށް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީން އައީ އޯގާތެރި ސަރުކާރެއް ގެންނާނެ ކަމުގެ ހުވަޔާ އެކުނަމަވެސް މިއަދު އެމަންޒަރު ގެއްލިގެން ހިނގައްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށް މެމްބަރު ހަސަން ވިދާޅުވިއެވެ. މި ހާމަ ކޮށްފައިވާ މައުލޫމާތުން ހަމައެކަނި ގެއްލުން ލިބިގެންދަނީ ހަމައެކަނި ރައީސް ނަޝީދަށް ނޫން ކަމަށާއި، އެ ރިޕޯޓްގެ ސަބަބުން ރާއްޖޭގެ އެތައް ރައްޔިތުން ބިރުވެރިކަމަށް ހުށަހެޅިގެން ހިނގައްޖެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތްކަން އެ ރިޕޯޓުން ސާފުކޮށް ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެެވެ.
ކަންބޮޑުވާން ޖެހޭ ކަމަކީ، ގައުމުގައި މިފަދަ ކަމެއް ހިނގާ ކޮންމެ ދަނޑިވަޅެއްގައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން އެ މުއައްސަސާއަކާ ބެހޭ ގޮތުން ވާހަކަދައްކަވާ ކަމަށެވެ. ގައުމިއްޔަތެއް އުފެދޭއިރު އަދި ގައުމަކަށް ޚިދުމަތް ކުރައްވާފައި ރިޓަޔަރ ކުރައްވާއިރު އެބޭފުޅުންގެ އިއްޒަތެއް އޮންނަން ޖެހޭނެ ކަމަަށް ގަބޫލު ކުރައްވާ ކަމަށާއި، ރިޓަޔަރ ކުރައްވާފައި ތިއްބަވާ ފަރާތްތަަކަށް މީޑިއާތަކަށް އަރާ ގައުމީ ދިފާއީ ބާރާ ބެހޭ ގޮތުން ވާހަކަ ދެކެވިގެން ނުވާނެ ކަން އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތް ކަމަށް ވިދާޅުވިއެވެ. މިއަދު މިއީ އެ މުއައްސަސާއިން މިކަމާ ވިސްނަންވީ ވަގުުތު ކަމަށާއި، މިކަމުން ބަރީއަވުމަށް އިތުރު އާޓިކަލްތައް ލިޔުއްވަން އުޅުއްވުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވިއެވެ.
ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ އިތުބާރު ނެތި ދިޔުމަކީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ. މި އުޅެނީ ނޫސްވެރިންނަށް ނުވަތަ ނޫހަކަށް ފިޔަވަޅު އަޅަން ނޫން ކަމަށް އެހެން މެމްބަރުން ވެސް ވިދާޅުވަމުން ގެންދެވި ވާހަކަ ހަސަން ވެސް ތަކުރާރު ކުރެއްވިއެވެ. އެހެންނަަމަވެސް ގައުމީ ސަލާމަތާ ގުޅޭ ލިޔުންތައް ޝާއިއުކުރުމުގައި ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިފަދަ ކަންކަން ބެލުން ލަސްކޮށްފި ނަމަ އިތުރަށް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ. މިކަން ގައުމަށްޓަކައިވެސް ބަލާނެ ކަމަށް ވިދާޅުވިއެވެ. މިގައުމުގައި އަމާން ކަމާއެކު ރައްޔިތުންނަށް އުޅެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި މިއީ މަދު ބަޔަކަށް ނޫނީ ނޭނގޭނެ މަޢުލޫމާތެއް ކަމަށާއި، މި މައުލޫމާތަކީ އެތެރެއިން ލިބޭނެ މައުލޫމާތެއް ކަމުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައީސް ނަޝީދުގެ ގެކޮޅުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެެހެން ކަމުން މިކަން ރަނަގަޅަށް ތަހުގީގު ކުރެވޭން ޖެހޭނެ ކަަމަށެވެ. މި މައްސަލައަކީ މިހާރު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ބެލެންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
“މިހާރު” ނޫހުގައި “ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފް އިން އެންގި!” މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީއެވެ.