ކޮވިޑް 19 ގެ އާލަމީ ވަބާގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައެވެ. އެއާއެކު ގިނަ ބަޔަކަށް އެމީހުންގެ ދިރިއުޅުމާމެދު ވިސްނާލާނެ ފުރުސަތު ލިބިއްޖެއެވެ. ސަލާމަތް ސިއްޙަތެއްގައި ހުރުމުގެ މުހިންމުކަން ވިސްނިއްޖެއެވެ. ހަރުލާފައި ހުރި ނުރަނގަޅު އާދަތަކާ ދުރުވާން ބޭނުންވެއްޖެއެވެ. އޭގެތެރެއިން އެއް އާދައަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ.
ކޮވިޑް 19 ގެ އާލަމީ ވަބާގެ ސަބަބުން އެތައް މިލިއަން މީހުން ދުންފަތާ ދުރަށް ދާން ބޭނުންވެފައިވާ ވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވެއެވެ. އެ ނުބައި އާދައިން ދުރަށް ދާން އެމީހުންނަށް ބޭނުންވަނީ ބާރެކެވެ. ރަނގަޅު އެހީތެރިއެކެވެ.
ދުންފަތާއި ކޮވިޑް 19 ގެ ގުޅުން:
ދުންފަތަކީ ތިމާގެ ސިއްހަތު އެތައް ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމެކެވެ. މިހާރު ދުނިޔޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އާލަމީ ބަލިމަޑުކަމުގެ ނުރައްކާ ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބޮޑު ކަމަށް ދުނިޔޭގެ ފެންވަރުގެ ދިރާސާތަކުން ދައްކާފައިވެއެވެ. އެގޮތުން ކޮވިޑްބަލީގައި ފުއްޕާމެއަށް ގެއްލުން ލިބޭ މިންވަރު އިތުރުކަން ވެސް ދިރާސާތަކަށް ފާހަގަކުރެވިފައި ވެއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގިބްރިޔޭސަސް ވިދާޅުވެފައި ވާގޮތުން, ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ނުރައްކާތެރި ބަލިތަށް ޖެހޭ މިންވަރު އެހެން މީހުންނާ އަޅައި ބަލާއިރު 50 އިންސައްތަ އިތުރެވެ. ހަމަ އެހެންމެ ކޮވިޑް ބަލީގައި މަރުވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެން ކަމުން ދުންފަތަށް ދެވިހިފާފައިވާ މީހަކަށް ކޮވިޑް ބަލިން ރައްކާތެރި ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެ ނުބައި އާދައާ ދުރުވުމެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ތާރީޚް:
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 1987 ވަނަ އަހަރުއެވެ. އެއީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކާއި މަރުތައް މަދުކުރުމަށާއި ދުންފަތުގެ ވަބާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަގުސަދުގައި ޑަބްލިއުއެޗްއޯގެ މެންބަރު ދައުލަތްތަކުން ކަނޑައެޅި ދުވަހެކެވެ.
1987 އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ގަރާރެއް ފާސް ކުރެވުނެވެ. އެ ގަރާރުގައި ވަނީ 1988 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަސް ' ނޯ ސްމޯކިން ޑޭ' ގެ ގޮތުގައި ކަނޑައެޅުމަށެވެ. އެއަށްފަހު 1988 ވަނަ އަހަރު ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަސް ' ނޯ ޓޮބޭކޯ ޑޭ' ގެ ގޮތުގައި ފާހަގަކުރުމަށް ގަރާރެއް ފާސްކުރިއެވެ.
ކޮންމެ އަހަރަކު ފާހަގަކުރާ ދުންފަތުގެ އިސްތިޢުމާލު ނުކުރުމުގެ ދުވަހުގެ މަގުސަދަކީ ހަމައެކަނި އޭގެ ނުރައްކާތެރި ކަމާމެދު ދުނިޔެ ހޭލުންތެރި ކުރުވުމެއް ނޫނެވެ. ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ ވަބާއާ ދެކޮޅަށް ޑަބްލިއުއެޗްއޯ އިން ކުރާ މަސައްކަތްތަކާއި ދުޅަހެޔޮ ދިރިއުޅުމެއް ވޭތި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މުސްތަގުބަލުގެ ޖީލުތައް ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާ ހެބޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަކީ ވެސް މި ދުވަހުގެ މަގުސަދެކެވެ.
މި އަހަރުގެ ޝިޢާރު:
ޑަބްލިއު އެޗްއޯއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު, ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ 60 އިންސައްތަ މީހުން އެ އާދައާ ދުރުވާން ބޭނުން ވެއެވެ. އެކަމަކު ދުންފަތާ ދުރުވުމަށް އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބިފައިވަނީ ދުނިޔޭގެ އާބާދީގެ އެންމެ 30 އިންސައްތައަށެވެ. މިހާތަނަށް ދުންފަތާ ދުރުވުމަށް އެހީތެރިވުމުގެ ޚިދުމަތްދެނީ އެންމެ 23 ގައުމަކުންނެވެ. އެހެން ކަމުން މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ ދުވަހަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިޢާރަކީ, "ކޮމިޓް ޓު ކުއިޓް" އެވެ. މާނައަކީ ހުއްޓާލުމަށް ސާބިތުވެ ހުރުމެވެ. މިފަހަރުގެ ކެމްޕޭނުގެ އަމާޒަކީ ތަފާތު އެކި ހަރަތާތްތަށް ހިންގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުންފަތާ ދުރުވާން ބޭނުން ވެފައިވާ ސަތޭކަ މިލިއަން މީހުނަށް އެހީތެރިވުމެވެ.
ދުންފަތާ ދުރުވުމަށް ފޯރުކޮށްދެވޭ އެހީތެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ޑަބްލިއު އެޗްއޯ އިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި, ދުންފަތާ ދުރުވުމަށް ބާރުއަޅާ ގަވާއިދުތަކަށް އެއްބާރުލުން ދިނުމާއި, ދުންފަތާ ދުރުވުމަށް އެހީތެރިވުމުގެ ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތުތައް ފަހިކޮށްދ ދިނުމާއި, ދުންފަތުގެ ވިޔަފާރީގައި ބޭނުންކުރާ އުކުޅުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުވުމާއި, ހުއްޓާލައިގެން އިނާމެއް ހާސިލް ކުރެވޭ ފަދަ ގޮތަކަށް ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ވާގިވެރިވުން ހިމެނެއެވެ.
ދުންފަތާ ދުރުހެލިވުމަށް މިއަހަރުގެ ޝިއާރުގެ ދަށުން ފަރުދީ ފެންވަރުގައި ވެސް ކުރެވިދާނެ ކިތައްމެ ކަމެއް ހުންނާނެއެވެ. ހަމަ އެހެންމެ އެފަދަ މީހުންނަށް ހިއްވަރު ދިނުމާއި އެހީތެރިވުމަށް ވެސް ކުރެވިދާނެ ކަންތައްތައް ހުންނާނެއެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހުއްޓާލުމަށް އަޒުމް ކަނޑައެޅުމެވެ. ދެން ކުރަންވީ ކަމަކީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މި ދެބައި އެކުވެއްޖެ ނަމަ ދުންފަތާ ދެކޮޅަށް ގަދަހިފުމަކަށް ދެވިދާނެއެވެ.