ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު 14 ދުވަސް ހަމަވުމުން ކުރިން ދޫކުރަމުން ދިޔަ ރިލީޒް ޑޮކިއުމެންޓް މިހާރު ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮލޮޖިސްޓް ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ލިބޭ ޑޮކިއުމެންޓްގައި ވަރަށް ތަފްސީލްކޮށް ހުރިހާ ތާރީޚުތަކެއް ލިޔެފައިވާ ކަމަށެވެ. 14 ދުވަސް މަޑުކުރުމަށްފަހު ބަލީގެ އަލާމާތެއް ނުފެންނަ ނަމަ އެހިސާބުން އެމީހަކު ރިލީޒްވާނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
ނަމަވެސް 14 ދުވަސްފަހުން ވެސް ބަލީގެ އަލާމަތްތައް ފެންނަ ކަމަށްވާނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން އިތުރު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ހާލަތުގައި 21 ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށްވެސް މުއްދަތު އިތުރުވެގެން ހިނގާދާނެ ކަމަށެވެ.
ދެން މިހާރު އަޅުގަނޑުމެން އިތުރަށް ރިލީޒް ޑޮކިއުމެންޓެއް ޕޭޝަންޓުންނަށް އައިސޮލޭޓްކޮށްފައިވާ ޕޭޝަންޓުންނަށް ބަލި ހާލަތު ވީއްލުމަށްފަހު އިތުރު ޑޮކިއުމެންޓެއް ނުލިބޭނެ. މީގެ އިތުރުން ކަރަންޓީން ޑޮކިއުމެންޓަށް ބަލާއިރު އޭގައި ނެގެޓިވް ކަމަށް ދައްކައިފިއްޔާ އެއޮތީ ރިލީޒްވެފައި. އެއްގެއެއްގެ ތެރޭގައި ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހާ ނޫން އެހެން މީހަކު އަނެއްކާ ވެސް ޕޮޒިޓިވްވީ. އެހެންވެއްޖެއްޔާ އެމީހާގެ ކަރަންޓީންގެ މުއްދަތު އަނެއްކާ ވެސް އިތުރުވާނެ އެންމެ ފަހުން ޕޮޒިޓިވްވި މީހާއާ އެއްގޮތަށް. އަލުން 14 ދުވަސް ސްޓާޓް ކުރަން ޖެހޭނީޑރ އިބްރާހީމް އަފްޒަލް
ކޮވިޑް-19ން ރަނގަޅުވުމަށްފަހު އިތުރު ރިލީޒް ޑޮކިއުމެންޓެއް ނުލިބޭނެކަން ހާމަކޮށްފައިވާއިރު، މި ޑޮކިއުމެންޓް ނުލިބި ލަސްވާ މައްސަލަ ބޮޑުވެފައިވެއެވެ. އަދި ކަރަންޓީންގައި ތިބޭ މީހުން 14 ދުވަސް ފާއިތުވެ ގިނަ ދުވަސްތަކަކަށް ކަރަންޓީނުން ދޫނުވާކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުންދެއެވެ.
ކޮވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ހުށަހެޅޭ މީހުން އަދަދު އިތުރުވެފައިވާ މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.