ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހުނު އިތުރު ޚަރަދުތަކާއެކުވެސް މިދިޔަ އަހަރުގެ ބަޖެޓުން ބޮޑު އަދަދަކަށް ޚަރަދު ކުޑަކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ލޮޅުމެއް އައި އަހަރެއް ކަމަށާއި ނަމަވެސް އަހަރު ނިމުނު އިރު ބަޖެޓުން ނުވަ ބިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވިފައިވާކަން ހާމަކޮށްފައެވެ، އެގޮތުން މިދިޔަ އަހަރަށް ކަނޑައެޅުނު 37.9 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ 28.9 ބިލިއަން ރުފިޔާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ޚަރަދުކުޑަކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މުސާރަ ލިބޭ މީހުންގެ މުސާރަ ފަސް މަސް ދުވަހަށްް އުނިކޮށްފައެވެ. އަދި ނުފަށާ ހުރި މަޝްރޫއުތައް މަޑު ޖައްސާލުމާއި ދަތުރުފަތުރާ މަރާމާތުގެ ޚަރަދުތައް މަޑުޖައްސާލުމުގެ އިތުރުން ޚަރަދުތަކުގެ ކޮންޓްރޯލް އިތުރުކޮށް ޚަރަދުތައް މަޑުޖައްސާލާފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު އިތުރު ޚަރަދުތަކެއް ކުރިއިރު، މިހާރުވެސް ސަރުކާރުން ދަނީ ބަލިމަޑުކަމުން އަރައިގަތުމަށާއި، ސިއްހީ ރައްކާތެރިކަމަށާއި، އިގުތިސާދީ ރިލީފް އަދި ސްޓިމިއުލަސް އަށް ގިނަ ޚަރަދުތަކެއް ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ބަޖެޓަށް 29.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ފާސްކުރި ނަމަވެސް އަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިގަފައި ވަނީ 15.1 ބިލިއަން ރުފިޔާއެވެ. މީގެ ސަބަބަކަށްވީ ކޮވިޑާއެކު އިއުލާނުކުރެވިގެން ދިޔަ ފުރަބަންދާއި އިތުރު ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިތަކަށް އަސަރުކޮށް ޓެކުހުން ލިބޭ އާމްދަނީ މަދުވެގެންދިއުމެވެ. އަދި ސަރުކާރުން ވިޔަފާރިތަކަށް ދިން ލުއިތަކާއެކު ޓެކްސްނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީވެސް ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް ޑެފިސިޓަކީ 12.5 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 18.9 އިންސައްތައެވެ.
ރާއްޖޭގެ އިގުތިސާދު ވެއޓިފައިވާ އަދަވަޅުން އަރައިގަންނަން އެހީވާނެ ގޮތަށް މިއަހަރުގެ ބަޖެޓް ފަރުމާކޮށްފައިވާއިރު، މިހާތަނަށް ބަޖެޓުން ޚަރަދުކޮށްފައި 29.2 އިންސައްތައެވެ. އެއީ 10.2 ބިލިއަން ރުފިޔާއެވެ. ބަޖެޓުން ކެޕިޓަލް މަޝްރޫއުތައް ތަންފީޒުކުރަމުން އަންނަނީ އުންމީދުކުރާ މިންވަރަށްވުރެ ލުއި ދުވެއްޔެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރާއިރު އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.1 ބިލިއަން ރުފިޔާއެވެ.