ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 14:00
ވިއެޓްނާމް
ވިއެޓްނާމް
ސީ.އެން.އެން
ވިއެޓްނާމުން އައު ވޭރިއަންޓެއް ފެނުން
އިންޑިއާ އާއި ޔޫކޭގެ ވޭރިއަންޓުން އުފެދިފައިވާ އައު ވޭރިއަންޓެއް ވިއެޓްނާމުން ފެނިއްޖެ
ވޭރިއަންޓަކީ އިންޑިއާގެ ވޭރިއަންޓެއް، ވޭރިއަންޓް މިއުޓޭޓް ވެފައި ވަނީ ޔޫކޭގެ ވޭރިއަންޓްގެ މިއުޓޭޝަންތަކާއި އެކު
މިވޭރިއަންޓް ވަރަށް ފަސޭހައިން ރެޕްލިކޭޓްވެ ފެތުރިގެންދޭ
މީގެ ކުރިން ވިއެޓްނާމުން ވަނީ އެގައުމުގައި އިންޑިއާ އަދި ޔޫކޭގެ ވޭރިއަންޓް އުޅޭކަމަށް ރިޕޯޓްކޮށްފައި

ކޮވިޑް-19ގެ ނުރައްކާތެރި ދެ ވޭރިއަންޓް ކަމަށްވާ އިންޑިއާގެ ވޭރިއަންޓާއި ޔޫކޭގެ ވޭރިއަންޓުން އުފެދިފައިވާ އައު ވޭރިއަންޓެއް ވިއެޓްނާމުން ފެނިއްޖެއެވެ.

ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާގޮތުން ވިއެޓްނާމްގެ ހެލްތު މިނިސްޓަރ ވަނީ ހޮނިހިރު ދުވަހު އެގައުމުން ކޮވިޑް-19ގެ އައު ވޭރިއަންޓެއް ފެނިފައިވާކަން އިއުލާނު ކުރައްވާފައެވެ. އަލަށް ފެނުނު މި ވޭރިއަންޓަކީ އިންޑިއާ އަދި ޔޫކޭ އިން ފެނިފައިވާ ކޮވިޑް ވޭރިއަންޓްގެ 'ހައިބްރިޑް' އެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިވޭރިއަންޓަކީ އިންޑިއާގެ ވޭރިއަންޓެއް ކަމަށާއި ވޭރިއަންޓް މިއުޓޭޓް ވެފައި ވަނީ ޔޫކޭގެ ވޭރިއަންޓްގެ މިއުޓޭޝަންތަކާއި އެކު ކަމަށް ވިދާޅުވިއެވެ.

އަލަށް ފެނުނު ވޭރިއަންޓް ވަރަށް ފަސޭހައިން ރެޕްލިކޭޓްވެ ފެތުރިގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކި ސަރަހައްދުތަކުން އެއްފަހަރާ ބައިވަރު ޕޮޒިޓިވް ކޭސްތައް ފެނިގެން ގޮސްފައިވަނީ އެހެންވެ ކަމަށް މާހިރުން ބުނެއެވެ. މީގެ ކުރިން ވިއެޓްނާމުން ވަނީ އިންޑިއާގެ ކޮވިޑް ވޭރިއަންޓް އަދި ޔޫކޭގެ ކޮވިޑް ވޭރިއަންޓް އެގައުމުގައި އުޅޭކަމަށް ރިޕޯޓްކޮށްފައެވެ.

އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ކާމިޔާބުކަމާއި އެކު ކޮވިޑް ކޮންޓްރޯލްކޮށްފައި އޮތުމަށް ފަހު ވިއެޓްނާމުން މިހާރު ދަނީ ކޮވިޑްގެ ވަރުގަދަ ރާޅަކާއި ކުރިމަތިލަމުންނެވެ. އެގައުމުން އެއްފަހަރާ ގިނަ އަދަދެއްގެ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. އޭޕްރިލްގެ ފަހުން އެގައުމުގެ 321 ސިޓީން 3،600 އެއްހާ މީހުން ވަނީ ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. މިއީ އޭގެ ކުރިން އެގައުމުން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަށްވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެކެވެ. ވިއެޓްނާމުން މިހާތަނަށް 6،300ށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

- ކޮމެންޓް