ކޮވިޑް-19 އާއި ގުޅިގެން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުޅުވާލުމާއި އެކު ހާހަކަށް ވުރެ ގިނަ މީހުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމާއެކު 1،000ށް ވުރެ ގިނަ ފޯމު މިހާރު ލިބިފައިވާ ކަމަށެވެ. ވަގުތީ ގޮތުން ފޯމު ގަބޫލުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިކަމަށް ލިބެމުންދާ އެއްބާރުލުމަށް އެޗްޕީއޭ އިން ޝުކުުރު އަދާކޮށްފައިވާއިރު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި އެކު ސިއްހީ އެހީތެރިންގެ ޚިދުމަތައް އިތުރައް ވަނީ ބޭނުންވެފައެވެ. އެގޮތުން ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާ ގޯސްވެފައިވާއިރު، ސިއްޙީ އެހިތެރިންގެ ދަތިކަން ފިޔަވައި އިތުރު ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ސިއްޙީ އެހީތެރިން ހޯދުމަށް އަވަށްޓެރި ގައުމުތަކުގެ އެހީއަށް އެދިވަޑައިގެންފައިވާކަން ފަހަގަކުރައްވާ ރައީސް ވަނީ ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ އެހީތެރިކަން ބަންގްލަދޭޝާއި އިންޑިއާގެ ކިބައިން އެދިފައިވާނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި 40 ޑޮކްޓަރުންނާއި 100 ނަރުހުން އެގައުމުތަކުން ރާއްޖޭގެ ސިއްޙީ ޚިދުމަތާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއާއި ގުޅުންހުރި ރޮގުން ކިޔާވާ ގިނަ އަދަދެއްގެ ދަރިވަރުން ފެސިލިޓީތަކުގައި މަސައްކަތްކުރަމުންދާއިރު، ބަލި މީހުނަށް ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 62 މީހަކާއި ބަލި މީހުންގެ އާއިލާތަކަށް ގުޅާނެ އިންތިޒާމު ހަމަޖެއްސުމަށް 31 މީހުންގެ ކޯލް ސެންޓަރެއް ވެސް ގާއިމްކުރެވި މަސައްކަތް ވަނީ ފަށާފައެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ބަލި މީހުނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 20 މީހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.