ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާވެސް 1000ން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޮނިހިރު ދުވަހު ނެރެފައިވާ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ށް ނަގާފައިވަނީ 4832 ސާމްޕަލްއެވެ. މީގެ ތެރެއިން 1062 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 699 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 353 މީހުންގެ އިތުރުން، ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހުންނާއި، ތަރައްގީ ކުރަމުން އަންނަ ރަށްތަކުން ޕޮޒިޓިވްވި އެކަކެވެ.
ފާއިތުވި 24 ގަޑި އިރު ތެރޭގައި ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމްލަ 62،906ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 24،507 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 38،233 އެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި ބަލިން ރަނގަޅުވީ މީހުންގެ އަދަދަކީ 1371އެވެ.
އެކްޓިވް ކޭސްގެ ތެރޭގައި ހިމެނޭ 25،507 މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 240 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 12 މީހަކު ވަނީ ދޫކޮށްލާފައެވެ.
މިހާތަނަށް މި ބަލީގައި 157 މީހަކު ނިޔާވެފައިވާ އިރު، ހުކުރު ދުވަހު އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަދި އެންމެ ގިނައިން މި ބަލީގައި މިހާތަނަށް އެއްދުވަސްމަތިން މީހުން ނިޔާވެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު ވަނީ ނިޔާވެފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މި އުމުރު ފުރައިގެ 50 އިންސައްތަ މީހުން ޕޮޒިޓިވްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މާލެ ސަރަހައްދުގައި ޓެސްޓް ކުރެވޭނެ ސެންޓަރުތަކާއި ފްލޫ ކްލިނިކްތައް ހަމަޖައްސާ ގަޑިތަކެއް މިހާރު ވަނީ ދީފައެވެ. އެގޮތުން މާލޭގައި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ތެރެއިން ހ. މުނިއުފާ އަދި ސޯޝަލް ސެންޓަރުގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00ން މެންދުރުފަހު 3:30ށް ސާމްޕަލް ނަގާނެއެވެ. އަދި ހުކުރު ދުވަހު ހެނދުނު 10:00ން 11:30ށް އަދި މެންދުރު 1:30ން ހަވީރު 4:00ށް ސާމްޕަލް ނަގާނެއެވެ.
ހުޅޫމާލޭގައި މެންދުރު 1:00ން ހަވީރު 4:00ށް އަދި ވިލިމާލޭގައި މެންދުރު 2:30ން ހަވީރު 4:00ށް ސާމްޕަލް ނަގާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދިއުމާއެކު، މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީ، ސާމްޕަލް ނަގާ ސެންޓަރުތަކަށް ދިއުމަށްވެސް ފުލުހުންގެ ހުއްދަ ހޯދުމަށް ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނެގުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަކި ގަޑިތަކެއްގައ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސެނަހިޔާ އަދި މާލެހިޔާގައި ހޮނިހިރުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 10:00ށް ޚިދުމަތް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ހުކުރު ދުވަހު ސެނަހިޔާއިން މެންދުރު 2:00ން ރޭގަނޑު 10:00ށް ޚިދުމަތް ދޭ އިރު މާލެ ހިޔާއިން ޚިދުމަތްދޭނީ ހުކުރު ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 10:00ށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި ހުޅުމާލޭ ފުލޫ ކްލިނިކުން ހެނދުނު 8:00ން ރޭގަނޑު 9:00ށް، ވިލިމާލޭ ފުލޫ ކްލިނިކުން ހެނދުނު 9:00ން މެންދުރު 1:30ށް، އަދި އޭޑީކޭ ހޮސްޕިޓަލުން ހޮނިހިރުން ބުރާސްފަތި ދުވަހަށް ހެނދުނު 9:00ން ހަވީރު 4:00ށް ޚިދުމަތް ދިނުމަށް ނިންމާފައިވާ އިރު، ހުކުރު ދުވަހު އޭޑީކޭއިން ޚިދުމަތްދޭނީ މެންދުރު 2:00ން ހަވީރު 4:00ށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.