ސީރިއާގެ ރައީސް ބަޝާރުލް އަސްއަދު، 4 ވަނަ ދައުރަކަށް ވެރިކަމަށް ހޮވިވަޑައިގެންފިއެވެ.
އަލްއަރަބިއާ ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ބަޝާރުލް އަސްއަދު އިތުރު ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ 95 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ހުޅަނގުގެ ޤައުމުތަކުން ވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އަސްއަދުގެ ސަރުކާރުން ވަނީ މިއީ ހަނގުރާމައިގެ މިފަދަ ޙާލަތެއްގައި ވެސް ސީރިއާ އަދިވެސް ޤައުމެއްގެ ގޮތުގައި ރަނގަޅަށް ހިނގަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ސީރިއާގައި މިހާތަނަށް އެތައްހާސް ބަޔަކު މަރުވެފައިވާއިރު، 11 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ. އެއީ ގާތްގަނޑަކަށް ސީރިއާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ.
މި އިންތިޚާބުގައި އަސްއަދުއާ ވާދަ ކުރެއްވީ 2 ކެންޑިޑޭޓެކެވެ. އެއީ ކުރީގެ ޑެޕިއުޓީ ކެބިނެޓު މިނިސްޓަރެއް ކަމަށްވާ އަބްދުﷲ ސަލޫމް އަބްދުﷲ އާއި، އިދިކޮޅު ޕާޓީތަކުގެ ތެރެއިން ޕާޓިއެއްގެ ލީޑަރެއް ކަމަށްވާ މަޙުމޫދު އަޙުމަދުއެވެ. އޭގެ ތެރެއިން މަޙުމޫދުއަށް 3.3 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު، އަބްދުﷲ ސަލޫމަށް ލިބިވަޑައިގެންފައިވަނީ 1.5 އިންސައްތަ ވޯޓެވެ. އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރައްވަމުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ހަމޫދާ ސަބާޤް ވަނީ މިފަހަރުގެ އިންތިޚާބުގެ ޓާރންއައުޓު އުޅެނީ 78 އިންސައްތައިގައި ކަން ފާހަގަ ކުރައްވާފައެވެ.
އަސްއަދަށް މި ލިބިވަޑައިގެން ކާމިޔާބީއާއެކު އިތުރު 7 އަހަރު ވެރިކަމުގައި ހުންނެވޭނެއެވެ. އަދި އާއިލީ ވެރިކަން ވެސް ގާތްގަނޑަކަށް 6 ދަހަރަށް (ޑެކޭޑަށް) ދިގުދެމިގެން ދާނެ ކަމަށް އަލް އަރަބިއާ ނިއުސްގައި ރިޕޯޓުކޮށްފައިވެއެވެ. އަސްއަދުގެ ބައްޕާފުޅު ހާފިޒުލް އަސްއަދު ވެސް ވަނީ 30 އަހަރު އެ ޤައުމުގެ ވެރިކަން ކުރައްވާފައެވެ. ހާފިޒުލް އަސްއަދުގެ ވެރިކަން ނިމުމަކަށް އައީ 2000 ވަނަ އަހަރު އެމަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ.
އައު ދައުރަކަށް އަސްއަދު ހޮވިވަޑައިގަތުމާއެކު ސީރިއާގެ މަގުތަކުގައި އުފާ ފާޅުކޮށްފައިވާއިރު، ބައެއް ހިސާބުތަކުގައި ހަވާވެސް އަރުވާފައިވެއެވެ.