މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ވާދޫއަށް ރާޅު އަރާ ރަށް ގިރުމުގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެއްޖެއެވެ.
ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ 'ރާއްޖެ އެމްވީ' އަށް ވިދާޅުވީ ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރަށުގެ ދެކުނު ފަރާތުން ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައި ވާކަމަށެވެ. އެގޮތުން ދެކުނު ފަރާތުން ރާޅު އަރާ, ގާތްގަނޑަކަށް 300 ނުވަތަ 400 ފޫޓަށް ލޮނުގެ އަސަރު ކޮށްފައި ވާކަމަށް ވިދާޅުވިއެވެ.
ވާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގެ ދެކުނު ފަރާތުން މިހާރު އުދަ އަރާ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫން ކަމަށެވެ. އެކަމަކު އެސަރަހައްދަށް ރާޅު އަރާ, އަތިރި މަތީގައި ހުރި ފިނި މައިޒާންތަކަށް އެކިވަރުގެ ގެއްލުން ވެފައި ވާކަމަށް ވިދާޅުވިއެވެ.
ވާދޫ އަކީ ފަހަކަށް އައިސް ބާނި ބޮޑުވާ ދުވަސް ވަރު އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ރަށެކެވެ. މި މައްސަލައިގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން އޭނާ ވިދާޅުވީ, ދިޔަވަރު ބޮޑުވާ މޫސުމުގައި އާންމުކޮށް ކޮންމެ ފަހަރަކު ވެސް ރަށުގެ ހުރިހާ ފަރާތަކުން ރާޅު އަރާކަމަށާއި، އެގޮތަށް އެކަން ދިމާވާތާ މިހާރު 10 ވަރަކަށް އަހަރު ވެފައި ވާކަމަށް ވިދާޅުވިއެވެ.
ވާދޫއަށް ކުރިމަތިވެފައި މިވާ މައްސަލައިގެ ސަބަބުން, ރަށުގެ ބޮޑު ސަރަހައްދެއް ގިރާފައި ވާކަމަށާއި، ރަށުގެ ވަށައިގެން 10 ވަރަކަށް ފޫޓު މިހާރު ގިރާފައި ވާކަމަށެވެ. ޚާއްސަކޮށް ވާދޫގެ މަޝްހޫރު ބްލޫބައުލް ރާޅުގަނޑާ ވީ ފަރާތް ވަރަށް ބޮޑަށް ގިރާފައި ވާކަމަށެވެ. އެއާއެކު, ރަށް ގިރުމުގެ ސަބަބުން އެރަށުގެ މީހުން ދިރިއުޅޭ ބައެއް ގެތަކުން މީހުން ހުސްކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން މިހާރު އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަށް ގިރުމުގެ އިތުރުން ވެސް އެރަށަށް ގިނަ މައްސަލަތަކެއް ރާޅުއެރުމުގެ ސަބަބުން މިހާރު ވަނީ ކުރިމަތިވެފައި ކަމަށާއި، އެގޮތުން ވޭތިވެ ދިޔަ ދެތިން އަހަރެއްހާ ދުވަހު އެރަށުގެ ފަރު ވަރަށް ބޮޑަށް ހަލާކުވެ, ގިނަ އަދަދެއްގެ މުރަކަ ވަނީ މަރުވެފައި ކަމަށެވެ. އޭނާ
އިތުރަށް ވިދާޅުވީ, ކައުންސިލާ ހަވާލުވުމަށް ފަހު, ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މި މައްސަލަތަކަށް ހައްލެއް ލިބޭތޯ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެން ނަމަވެސް މިކަމަށް އަދި އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.