Advertisement
ކ. މާލެ
|
28 މެއި 2021 | ހުކުރު 01:33
ރައީސް ނަޝީދަށް ލިބުނު އަނިޔާ
ރައީސް ނަޝީދަށް ލިބުނު އަނިޔާ
ރާއްޖެއެމްވީ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުގީގު
ރައީސް ނަޝީދަށް ދިން ހަމަލާގެ ހުރިހާ ކަމެއް ހޯދެންދެން އެމްޑީޕީން އެކަމުގައި ކުރިޔަށްދާނެ : އެމްޑީޕީ
މިތަހުގީގު ވާނުވާ ނޭންގޭ ގޮތަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ
ކުރީގައި ހިނގާދިޔަ މިފަދަ މައްސަލަތައް ކުރިޔަށްދިޔަ ގޮތަށް މިމައްސަލައިގެ ތަހުގީގު ކުރިޔަނުދޭނެ
ފުލުހުންގެ ތަހުގީގާއި މަޖިލީހުން ހިންގަމުން އަންނަ އިންކުއަރީގެ އަލީގައި ކަންކަން ހޯދިގެންދާނެ

އެމްޑީޕީން މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބެލުން ކަމަށާއި މިކަމުގެ ވަށައިގެންވާ ކަންކަން ސާފުވަންދެން ހުއްޓުމެއްނެތި އެމްޑީޕީން މިމައްސަލަ ބަލަމުންދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމްޑީޕީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދި ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ތިން ބޭފުޅުންވެސް ވަނީ މިމައްސަލާގައި ސާފުވާންޖެހޭ ކަންކަން ސާފުވަންދެން މިކަން ހިނގަމުންދާ ގޮތް އެމްޑީޕީން ބަލަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ މީގެކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކުގައި ކަންކަން ހިނގާދިޔަ ގޮތަށް މިމައްސަލާގައި ކަންކަން ދިޔުމަށް އެމްޑީޕީން ދޫކޮށް ނުލާނެކަމަށެވެ.

Advertisement

ހަސަން ލަތީފް ވިދާޅުވީ މިވަގުތު އެމްޑީޕީން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަނީ ދެ ކަމެއް ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތް އެމްޑީޕީން ގާތުން ބަލަމުންދިޔުމެވެ. އަނެއްކަމަކީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ. މިދެކަންތައްކުގެ އަލީގައި ރައީސް ނަޝީދަށް ހަމަލާދިން މަގްސަދާއި އެކަމުގެ އަޑީގައި ތިބި މީހުންނާއި މިކަމަށް ފައިސާ ޚަރަދު ކުރި މީހުން އެނގިގެންދާނެ ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ.

ތަހުގީގު ކުރިޔަށްދާ ގޮތް ގާތުން ބަލަމުންދާނެ، މުސްތަގްބަލާއި ގުޅިފައިވާ ކަމެއް:

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފުނަށް ވާސިލްގެ މިކަމުގައި ވަށައިގެންވާ ކަންކަން ހޯދުމަކީ އެމްޑީޕީން މިވަގުތު އެންމެ އިސްކަމެއްދޭ ކަމެވެ. އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވީ މިމައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގު އެމްޑީޕީން ގާތުން ބަލަމުން ގެންދާކަމަށާއި ތަހުގީގެއްގައި ތިން ވަނަ ފަރާތަކަށް ލިބެންހުރި ހުރިހާ ތަފްސީލެއް ހޯދުމުގެ ކަންކަން އެމްޑީޕީން ކުރަމުން އަންނަ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުތަކަކީ އޭގެ ހުރިހާ މައުލޫމާތެއް ތިން ވަނަ ފަރާތަށް ހާމަކުރާނެ ތަހުގީގުތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ލިބެނީ ފުލުހުން ތަހުގީގު ކުރިޔަށް ގެންދާ ގޮތާއި އަދި ކުރަމުން ގެންދާ މަސައްކަތާއި އަދި އެކަންކަން ކުރަމުން ގެންދާ އުސޫލުގެ ތަފްސީލުތައް ކަމަށެވެ. އެކަން ގާތުން ބެލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އޮތީ ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގަށް ހޯދާ މައުލޫމާތާއި އަދި ތަހުގީގުގެ ބޭނުމަށް ހޯދާ ހެކީގެ ތަފްސީލާ މިކަންކަމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ގަބޫލުކުރާ ގޮތުގައި ގަބޫލުކުރާނެ ކަމެއް ނޫން އެއީ ތިން ވަނަ ފަރާތަށް އެކަމުގެ ވަގުތު ޖެހުމުގެ ކުރިން ހާމަކޮށްގެންވާނެ ކަންކަން ކަމަށް. އެހެންކަމުން ބަލަމުން ދަނީ ވަރަށް ކައިރިން ވަރަށް ގާތުން ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އެފުރުސަތު އޮތީ ފަހިކޮށްދެއްވާފައި. އެހެންކަމުން ޕާޓީން ބަލަމުން ގެންދަން ތަހުގީގު ކުރިޔަށް ދާ ގޮތް. އެކަންކަމުގެ މައުލޫމާތު ފުލުހުން ދެމުން ގެންދޭ.
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރ ޕާސަން

ހަސަން ލަތީފް ވިދާޅުވީ ޕާޓީން މިކަން ބަލަމުންދާނެ ކަމާދޭތެރޭ ޕާޓީގެ އެއްވެސް މެމްބަރަކުވެސް އަދި ދިވެހި ރައްޔިތަކުވެސް ޝައްކުކުރައްވާނެ ކަމެއް ނެތްކަމަށެވެ. އަދި މިތަހުގީގު ވާނުވާ ނޭންގޭ ގޮތަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިޕާޓީން އެކަންކަން ބަލަމުންދާނަން. އެތަހުގީގު ވާނުވާ ނޭންގޭ ގޮތަށް ދިޔަކަ ނުދޭނަން. ތަހުގީގު ގާތުން ބަލާ އަދި ތަހުގީގުގައި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަންކަން ދާކަމަށްވާނަމަ އެކަންކަން އަޅުގަނޑުމެން ފާހަގަކުރަމުން ދާނަން. މިހާރުވެސް ވާނީ އަޅުގަނޑުމެން އެދޭ ގޮތްގޮތް ހާމަކުރުމުގެ ފުރުސަތު ދެއްވާފައި އޮންނާތީ އެކަން މިދަނީ ކުރަމުން. އެގޮތުން ފުލުހުން ދޭ މައުލޫމާތާއި ގުޅޭގޮތުން ދެކޭ ގޮތް ދަންނަވަމުން މިދަނީ.
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރ ޕާސަން

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ކުރާ މަސައްކަތަކީ ފުލުހުން ތަހުގީގު ކުރިޔަށް ގެންދަނީ ރަނގަޅު ޓްރެކްގައިތޯ ބެލުން ކަމަށެވެ. ރަނގަޅު ޓްރެކްގައި ތަހުގީގު ހިނގާކަމަށް ނުފެންނަ ހިސާބުން އެކަން އެމްޑީޕީގެ މެމްބަރުންނާއި ހިއްސާކުރަމުންދާނެ ކަމަށާއި ރައްޔިތުންނާ ހަމައަށްވެސް އެކަން ހިއްސާކުރާނެ ކަމަށެވެ. އަދި އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި އޭގެކުރިން ކުރަންޖެހޭ މަސައްކަތްވެސް ކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ފާއިތުވި ތަނުގައި މިފަދަ ކަންކަން ހިނގާފައިވާ ގޮތުން ރައްޔިތުންގެ މެދުގައި މިކަން ރަނގަޅަށް ކުރިޔަށްދާނެކަމުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ސަރުކާރުގައި އެމްޑީޕީ އޮވެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެލުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިފައިވާއިރު އެމައްސަލަތައް ދިޔަ ގޮތަށް މިމައްސަލަ ދިޔުމުގެ ފުުރުސަތު އެމްޑީޕީން ނުދޭނެކަމަށް ޝިފާޒު ވިދާޅުވިއެވެ.

ތަހުގީގުގޮސް ޖެހޭ ހިސާބެއް އަދި ސާފެއް ނުވޭ. ދަންނަވާލަން ބޭނުން އެއް ވާހަކައެއް އެއީ މިތަހުގީގު ކުރާ ފަރާތްތަކުން ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާނެ. ރަނގަޅު ތަހުގީގެއް ކުރިޔަށްދޭތޯ ބަލާނަން. ކަންބޮޑުވުން ހުރިކަން ފާހަގަކުރަން. މާޒީގައި އެކަން ވެފައި އޮތްގޮތުން ކަންބޮޑުވުން އެބައޮތް. އިންސާފު ގާއިމުކުރާ ތަނެއް ނުފެނޭ. މިވަގުތު އޮތް ޔަގީންކަމަކީ ސަރުކާރުގައި ތިބެވުމާއި ތަހުގީގު ހިނގާ ގޮތް ގާތުން ފެނުމާއި މަޖިލީހުން އިންކުއަރީ ހެދުމާއި މިހުރިހާ ކަމެއްގެ ސަބަބުން މިކަން ހުރިހާ ކޮޅަކުން ބެލި މިކަމުގައި އިންސާފާ ހަމައަށް ދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް.
މުހައްމަދު ޝިފާޒު - އެމްޑީޕީގެ ނައިބު ރައީސް

އެމްޑީޕީގެ ޗެއަރ ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެމަރޖެންސީ ކަމެއްގެ ގޮތުގައި އެޕާޓީން ދެކޭކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއަކީ އާންމު މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކަމުގައިވާ ކަމެއްކަމަށް އިންތި ވިދާޅުވިއެވެ. މިމައްސަލައިގެ ތަހުގީގު ނުވަތަ ރައީސް ނަޝީދަށް އިންސާފު ލިބިގެންދިޔުމަކީ ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަމަށް އިންސާފު ލިބޭނެކަމާމެދު ރައްޔިތުންގެ މެދުގައި އިތުބާރުވެސް އުފެދިގެންދާނެ ކަމެއްކަމަށް އިންތި ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގާއި ގުޅުފައިވާނީ ދެން އަންނަ މިބާވަތުގެ ތަހުގީގު ކުރިޔަށްދާ ގޮތާއި ރައްޔިތުން އެކަމަށް އިތުބާރު ކުރާ ގޮތާ މެދު. އެހެންވީމާ މިމައްސަލައިގެ ތަހުގީގު ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރިޔަށް ދިޔުމަކީ ވަރަށް މުހިންމު ކކަމެއްގެ ގޮތުގައި ޕާތީގެ މެމްބަރުން ދެކޭ. ޕާޓީން ވަރަށް ގާތުން ބަލަމުންދާނެ މިކަން ކުރިޔަށްދާ ގޮތް. ސީދާ ރައީސް ރަޝީދަށްވެސް ތަހުގީގު މަރުހަލާގައި އެކަން ހިނގާ ގޮތް އެނގިގެންދާނެ.
އިމްތިޔާޒު ފަހުމީ - އެމްޑީޕީގެ ޗެއަރ ޕާސަން

ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ކުރިޔަށް ގެންދާ އިންކުއަރީ:

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ތާރީޚުގައި ފުރަތަމަ ފަހަރަށް އިންކުއަރީއެއް ހެދުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އަންނަނީ ކުރަމުންނެވެ. އެކޮމިޓީގައި އެމްޑީޕީގެ 8 މެމްބަރުން ތިއްބަވައެވެ. މިކޮމިޓީން އިންކުއަރީ ކުރިޔަށް ގެންދަނީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތާއި ގުޅޭގޮތުންނެވެ. އެކޮމިޓީގެ އިންކުއަރީގެ މަސައްކަތްތައް ޖޫން މަހުގެ 30 ގެ ކުރިން ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން މަސައްކަތް ކުރަމުންއަންނަނީ އިންކުއަރީ ހިންގުމަށް ހުރިހާ އިޖުރާއަތްތަކަކާއި އުސޫލުތަކެއް ދެނެގަނެ އެއިޖުރާއަތުތަކާއި އުސޫލުތަކުގެ ތެރެއިންނެވެ. ހަސަން ލަތީފް ވިދާޅުވީ ޕާލަމަންޓްރީ އިންކުއަރީ ހިންގާއިރު މިއިންކުއަރީ ކުރިޔަށްދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

މިވާހަކަ ދައްކަން ބޭނުންވާ ސަބަބަކީ ބައެއް ބޭފުޅުން ހިތްޕުޅަށް އަރައިވަޑައިގަންނަވާ އަދިވެސް އެއްވެސް ބޭފުޅަކަށް ސުވާލުކުރާކަށް ނުގެންދެއޭ. އެހެންނަމަވެސް ފާހަގަކުރަން ބޭނުންވަނީ މަރުހަލާތަކަށް ބެހިގެން ކުރިޔަށް ގެންދާ މަސައްކަތެއް އިންކުއަރީގެ މަސައްކަތަކީ. އެންމެ ފުރަތަމަ ކުރާ ކަމަކީ މައުލޫމާތު އެއްކުރުން އިންކުއަރީ އަށް ބޭނުންވާ. ދެވަނަ އަށް ކުރާ ކަމަކީ މައުލޫމާތު ދިރާސާކުރުން. މައުލޫމާތު ދިރާސާކުރުމަށްފަހު ދެން ސުވާލުކުރަން ބޭނުންވާ އެކިއެކި ފަރާތްތައް ހާޒިރުކޮށް ސުވާލުކުރެވޭނީ. އޭގެފަހުން ކުރެވޭ ސުވާލުތަކުގެ އަލީގައި އަދި ކުރެވޭ ދިރާސާގެ އަލީގައި ދެން ކޮމިޓީން ކަންކަން ނިންމަމުންދަނީ.
ހަސަން ލަތީފް/ އެމްޑީޕީގެ ޗެއަރ ޕާސަން

ކޮމިޓީގެ މަސައްކަތްތައް ނިންމުމަށްފަހު އިންކުއަރީ ރިޕޯޓް އެކުލަވާލާނެއެވެ. މިމައްސަލައަކީ ހައްސާސް މައްސަލައަކަށްވާތީ ކޮމިޓީގެ ބައްދަލުވުން ކުރިޔަށްދަނީ ސިއްރުކޮށްގެންނެވެ. އަދި ކޮމިޓީގެ މުގައްރިރު އާންމުކުރާ މައުލޫމާތުތަަކަކީވެސް ކޮމިޓީން ފާސްކޮށްގެން އާންމުކުރަމުންދާ މައުލޫމާތުތަކެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން އިންކުއަރީ ކުރިޔަށް ގޮސްފައިވާ ހިސާބާ ގުޅޭ އެއްވެސް މައުލޫމާތެއް ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ހާމައެއްނުކުރައްވައެވެ.

މީގެއިތުރުން ރައީސް ނަޝީދަށް ދެވުނު ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓަލް އަށް ލިބިފައިނުވުމާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާ މިހަމަލާ އާ ގުޅުވައި ދެކެވޭ ވާހަކަތަކަށް އިންކުއަރީ ހިނގަމުންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ލީޑަރ ޝިޕުން ސީދާ ޖަވާބެއް ނުދެއްވައެވެ.

އިންކުއަރީ ހެދޭއިރު އޭގެން ފެންނަ ކަމެއްގެ މައްޗަށް ވާހަކަދެއްކުން ރަނގަޅެއް ނުވާނެ އެނުނިމެނީސް. އިންކުއަރީގެ ނަތީޖާ ލިބުމުގެ ކުރިން އެއްޗެއް ނުބެނެވޭނެ ޕާޓީގެ ސެކެޓްރީއަށް. އެކަމުގެ ހޯދުންތައް ހޯދަމުން ދަނީ. އޭގެކުރިން އެއްޗެއް ދެންނެވުމެއް ނޯންނާނެ.
ހަސަން ލަތީފް/ އެމްޑީޕީގެ ޗެއަރ ޕާސަން

ހަސަން ލަތީފް ވިދާޅުވީ ކޮމިޓީގެ އިންކުއަރީ ނިމިގެންދާއިރު މިހަމަލާއަށް ފަންޑުކުރި މީހުންނާއި މިކަމުގައި ބައިވެރިވި މީހުންފަދަ މުހިންމު މައުލޫމާތުތައް އެނގިގެންދާނެ ކަމަށެވެ. އަދި ސެކިޔުރިޓީ ފެއިލްވި ގޮތްފަދަ މައުލޫމާތުތައްވެސް އެނގިގެންދާނީ އިންކުއަރީގެ ފަހުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ދެކެވެމުންދާ އެއްވެސް ވާހަކައަކަށް ޕާޓީގެ ލީޑަރ ޝިޕުން ޖަވާބު ދީފައެއްނުވެއެވެ.

އެމްޑީޕީގެ ލީޑަރ ޝިޕްގެ ލެވެލްގެ ގިނަ މެމްބަރުންތަކެއް ހިމެނިގެން ކުރިޔަށްގެންދާ އިންކުއަރީއަކަށްވާއިރު މިއީ ގަބޫލުކުރެވޭ ފެންވަރުގެ އިންކުއަރީއަކަށް ވެގެންދާނެކަމަށާއި އެކަން ޕާޓީން ކަށަވަރުކުރާނެ ކަމަށްވެސް މިބޭފުޅުން ވިދާޅުވިއެވެ.

އެމްޑީޕީއަށް ސަރުކާރުގެ ބަސް ބުނުމުގެ ހިސާބުގައި އޮވެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީގައި އޮވެ ރައީސް ނަޝީދަށް ދިން ހަމަލާ ކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަޑި ނުހޯދި ދިޔަގޮތަށް ދިޔުމުގެ ފުރުސަތު ނެތްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް