Advertisement
ކ. މާލެ
|
28 މެއި 2021 | ހުކުރު 00:20
ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި
ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި
އީވާ އަބްދުﷲ
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު
ތަހުގީގުގެ މައުލޫމާތު މިހާރު ރައީސް ނަޝީދަށް ސީދާ ލިބިވަޑައިގަންނަވާނެ
ތަހުގީގުގެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހޭތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ރައީސް ނަޝީދަށް އަރުވާނެ. - ސީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު ތަހުގީގުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ސީދާ ރައީސް ނަޝީދަށް މިހާރު ލިބެމުންދާނެ ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ޙަސަން ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހޭތީ އެކަމާ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވަނީ ވިދާޅުވެފައެވެ. ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވި ރައީސް ނަޝީދާ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ދޮންބިލެތް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ރައީސް އޮފީހުން ހޯއްދަވަން ޖެހިވަޑައިގެންނެވުމަކީ ކަންބޮޑުވާ ކަމެއްކަމަށް، ރައީސް ނަޝީދު ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅޭގޮތުން އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޙަސަން ލަޠީފު ވިދާޅުވީ އެކަމުގެ ކަންބޮޑުވުން ރައީސް ނަޝީދު ފާޅުކުރެއްވިކަން އެނގިވަޑައިގަތުމުން ތަހުގީގުގެ މައުލޫމާތު ސީދާ ރައީސް ނަޝީދާ ހިއްސާކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ރައީސް ނަޝީދަށް އަރުވާނެކަމަށް ސީޕީ ވިދާޅުވެފައިވާ ކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.

މިމައްސަލާގައި އަނިޔާވި ފަރާތް ރައީސް ނަޝީދަށް މިމައްސަލަ ތަހުގީގުކުރަމުންދާއިރު އެމައުލޫމާތު ލިބުމަކީ ވަރަށް މުހިންމު ކަމެއް. މިއަދު(ބުރާސްފަތި ދުވަހު)ގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަރިހުގައި އެދިފައިވާނީ ފުލުހުންގެ ފަރާތުން އެތަހުގީގުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް ނަޝީދަށް. އެކަން ކުރާނެކަމަށް ވިދާޅުވި ސީޕީ. އަޅުގަނޑުމެން އެކަން އެގޮތަށް ކުރޭތޯވެސް ބަލާނަން.
ހަސަން ލަތީފް/ އެމްޑީޕީގެ ޗެއަރ ޕާސަން

އެމްޑީޕީގެ ޗެއަރ ޕާސަން ޙަސަން ލަޠީފާއި އެޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އަދި ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ބޭފުޅުންވެސް ދެއްވި ޔަގީންކަމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހިނގާ ނުހިނގާގޮތް އެމްޑީޕީން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އަދި މިކަމަކީ މިވަގުތު އެމްޑީޕީއަށް އެންމެ މުހިންމު ކަންތައްކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. މިމައްސަލައިގެ އެންމެ ފުނަށާއި ވަަށައިގެންވާ ކަންކަން ބެލުމާއި ހަމައަށް މިމަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހަމަލާގެ ތަހުގީގު އެކަށީގެންވާ މިންވަރަށް ކުރިޔަށް ނުގެންދާކަމަށް ބުނެ އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޙަސަން ލަޠީފު ވިދާޅުވީ ތަހުގީގު ކުރިޔަށްދާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ފުލުހުންގެ ފަރާތުން އެމްޑީޕީއަށް ލިބެމުންދާކަމަށެވެ. އަދި ތަހުގީގުގައި ފާހަގަވާ ކަންކަން ފުލުހުންނާއި ހިއްސާކުރުމުގެ ފުރުސަތު އެމްޑީޕީއަށްވެސް ލިބިފައިވާ ކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.

އެ ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ އެމެރިކާގެ ތަޖުރިބާކާރެއް ތަހުގީގާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި މިހާތަނަށް އައިއިރު 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ, ބޮންގޮއްވުމުގައި އަމަލީގޮތުން ހަރަކާތްތެރިވި އަދުހަމް އަޙުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، އަދި ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިޙެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް